Episode 49

ބުނާށޭ ލޯބި ނުވަނީހޭ. (49 ވަނަބައި)

"ނޯ!" މަލަކްގެ ޖުމްލަ ރަނގަޅަށް ފުރިހަމަ ނުކުރެވެނީސް ޝާވިންއަށް ކުޑަކޮށް ހަޅޭއްލަވައި ގަނެވުނެވެ. އެއާއެކު މަލަކްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގޮސް ފަހަތަށް ފިޔަވަޅެއް އަޅައިލިތަން ފެނި އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. ނުހަނު އަވަހަށް އޭނާގެ ނަފްސު ހަމައަކަށް އަޅުވައިލަމުން އަޑަށް މަޑުމައިތިރިކަން ވެރިކޮށްލި އެވެ. "މިބުނީ.. އަހަރެންވެސް ނުކުންނަން އުޅެނިކޮށް ތި އައީ.. ދާން މި ދަނީ ބާބެކިއު އޮތް ދިމާލަށް"

"އޯހް" މަލަކް ބޯ ޖަހައިލި އެވެ. ޝާވިންއާއެކު އުޅޭއިރު ފެންނަ ސަކަ މިޒާޖުގެ ބަދަލުގައި އާދައިގެ މަތިން މަލަކްގެ މިޒާޖުގައި ހުންނަ މަޑުމޮޅިކަން އިއާދަވީ އެވެ. ކުރަން ބޭނުންވެފައިހުރި ހުރިހާ ސުވާލެއް ހަނދާން ނައްތައިލެވޭތޯ މަސައްކަތް ކުރަމުން މަލަކް ޝާވިންގެ ކުރިއަށްހުރެ ބާބެކިއު އޮތް ދިމާލަށް ހިނގައި ގަތެވެ. މަސައްކަތް ކުރީ ޝާވިންގެ ހިޔާލުތައް ސިކުނޑިން ފޮހެލެވޭތޯ އެވެ. އެހެނަސް ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އެ ސިކުނޑީގައި ގިނަވެފައި ވާއިރު އެއީ ފަސޭހަ ކަމަކަށް ނުވާނެތާ އެވެ. އެހެންކަމުން ގޯތީގެ ބިއްދޮށަށް ނުކުމެވެންހުރި ދޮރާ ނުހަނު ގާތަށް އާދެވިފައި ވަނިކޮށް މަލަކް ފަހަތަށް އެނބުރުނެވެ.

"މަލް.. ވޮޗް އައުޓް!" މަލަކްގެ އެ ކުއްލި ހަރަކާތައް ވިސްނާ ނުލައިހުރި ޝާވިންއަށް މަލަކްގެ ގައިގައި ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

"ކީއްވެ އަހަރެންގެ މެސެޖްތަކަށް ރިޕްލައި ނުކުރަނީ؟" މަލަކްއަށް ޝާވިން ބުނި އެއްޗެއް އަޑު ނީވޭ ކަހަލަ އެވެ. އޭނާ އެރޭ ޝާވިންއާ ހިއްސާ ކުރަން ބޭނުންވި އަސްލު މައުޟޫއު ފެށި އެވެ.

"ނުކުރަންތަ؟ ބިޒީކަމުން ނުފެނުނީ ކަމަށް ވާނީ" ޝާވިން ދުރަށް ކަޅި ހުއްޓައިލަމުން ބުނެލި އެވެ.

"ތިން ދުވަސް ވަންދެން ބިޒީވީތަ؟ ހާދަ ގަބޫލު ނުކުރެވޭ ވާހަކައެކޭ ތިއީ" މަލަކް މޭމަތިން ދެއަތް ހުރަސްކޮށްލަމުން ޝާވިންގެ މޫނަށް ބަލައިލީ ޝާވިން އެ ހަދަނީ ދޮގެއްކަން ޔަގީންވާ ހާލުގަ އެވެ.

"ގަބޫލު ކުރިޔަސް ނުކުރިޔަސް.. ބިޒީ ވީމަ ދޯ ބިޒީއޭ ބުނާނީ" ޝާވިންގެ ޖަވާބަކަށް ބަދަލެއް ނައެވެ.

"ޝޯން.." މަލަކް ގޮވައިލުމާއެކު ޝާވިން ބުމަ ގޮށްޖަހައިލަމުން މަލަކްއާ ހަތަރުކަޅި ހަމަކޮށްލި އެވެ. އެ މޫނުމަތިން މަލަކްއަށް ފެނުނީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ. "މަލްދެކެ ރުޅިއައިސްފަތަ؟ މަލްއަށް ޝޯން ހިތްހަމަ ނުޖެހޭކަހަލަ ކަމެއް ކުރެވުނީތަ؟"

"މި ބުނީނު ބިޒީވީ އޭ.. ދެން ކޮންހާ ބޮލަށް އުނދަގޫ ސުވާލު ތަކެއްތަ؟ އަހަރެންގެ އަމިއްލަ ކަންކަމުގަ މަލަކްއަށް ޖަވާބުދާރީ ވާކަށް ނުޖެހޭނެ. ސޯ ވަޓެވަރ ދިސް އިޒް ދެޓް ޔޫ އަރ ޑުއިންގް ރައިޓް ނައު… ޔޫ ނީޑް ޓު ސްޓޮޕް އިޓް… ޔޫ ނީޑް ޓު ސްޓޮޕް އިޓް ބިފޯރ އައި ސްޓާރޓް އެކްސްޕެކްޓިންގް ސަމްތިންގް މޯރ ފްރޮމް ޔޫ" ޝާވިން އޭނާއާ މަލަކްގެ ދެމެދުގައިވި ޖާގައިގެ ތެރެއިން ދެތިން ފަހަރަކު ޝަހާދަތް އިނގިލި ހަރަކާތް ކޮށްލަމުން އެހެން ބުނެލިއިރު ފަހު ޖުމުލަ ވަނީ އޭނާގެ ހިތުގަ އެވެ. މަލަކް ވަކި އެއްޗެކޭ ނުބުނެ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރުން ނުކުތްތަން ބަލަން ހުރުމަށްފަހު އޭނާއަށް ހިނގައިގަނެވުނީ މަލަކް ލޯ މަތިން ގެއްލުނުތާ އިރުކޮޅެއް ފަހުންނެވެ. ގޯތި ތެރެއަށް ނުކުމެވުމާއެކު އޭނާގޮސް ބައްޕަގާތު ގްރިލް ކައިރީގައި ހުއްޓިލި އެވެ.

"އިވާން ނާދޭތަ؟" ޝާވިންގެ ސުވާލާއެކު ނަފީސް އިޝާރާތްކޮށްލީ ގޯތީގެ އެމީހުން ތިބި ދިމާލާ މާދުރުގައި ހުރި ބަނބުކެޔޮ ގަހަށެވެ. ބާބެކިޔު ހެދުމަށްޓަކައި ޖަހާފައިވާ އަލިފާންގަނޑާއި ދިއްލާފައިހުރި ޓިއުބްލައިޓްގެ އަލި އެ ގަހާ ހަމައަށް ފޯރަނީ ކިރިޔާ ކަމުން ގަސްދޮށުގައިވާ އުނދޯލީގައި އިވާން އޮތްކަން އެނގޭހާ ވަނީ ކިރިޔާ އެވެ. ޝާވިން އެ ދިމާލަށް ފިޔަވަޅެއް ނަގާފައިވެސް ހިޔާލު ބަދަލު ކޮށްލަމުން ގްރިލާ ގާތަށް ޖެހިލި އެވެ. އޭނާ ހަމަ ކުއްލިއަކަށް އިވާންއާ ވާހަކަދައްކާ ހިތް ކެނޑުނީ އެވެ. އެއްވެސް ސަބަބަކާ ނުލައި ދުވަސްވީ އެކުވެރިޔާ މަތިން "ފޫހިވީ" އެވެ.

"ގެނޭ ބައްޕާ.. އަހަރެން ތިކަން ކޮށްލާނަން" ގްރިލުން ފޫޓެއްހާ މައްޗަށް ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ހަސަނު ގެންގުޅުނު ދަގަނޑެއް ފާޑުގެ އެއްޗެއް އަތުލަމުން ޝާވިން ބުނެލި އެވެ. ނަފީސް އެކަން ޝާވިންއަށް ދޫކޮށްލުމަށްފަހު ހިނގައިގަތީ ޖޯލިފަތީގައި ތިބި އާޝިޔާމެންގެ ގާތަށެވެ.

"މި މާޒިޔާ މި ކިޔާ އެއްޗެއް އަޑު އަހާބަލަ" އާޝިޔާއަށް ނަފީސް ފެނުމާއެކު ބުނެލި އެވެ.

"ކިހިނެއްވީ؟ މިހާރު އަނެއްކާ މާލެ ނުދަނީތަ؟" ނަފީސް އިށީނދެލީ އާޝިޔާގެ ވައަތަށްހުރި ޖޯލީގަ އެވެ. ގްރިލާ މަގަތަށްވާހެން އޭނާގެ ކަނާތަށް ހުރި ޖޯލީގައި މަލަކް އިށީނދެލައިގެން އިންއިރު މާޒިޔާ އިނީ އެ ތިން މީހުންގެ ކުރިމަތީގައި ގޮނޑިއެއް ބަހައްޓާލައިގެނެވެ.

"ޕިސް. މަލަކް ގެންދާކަށް ބޭނުމެއް ނޫނޯ އެ ކިޔަނީ. މިރަށުގަ އުޅުނީމަ މަލަކްގެ ހާލުވެސް މާބޮޑަށް ރަނގަޅޯ. މަލަކްވެސް ދާހިތެއް ނުވެއޭ ދޯ" އާޝިޔާގެ ވާހަކަ ނިންމައިލަމުން މަލަކްއަށް ދޯ ދިނެވެ.

"އައްދޭ. ތިއީ މާ ބޮޑު ކަމެއް ނޫނެއްނު؟ މަލަކް ބޭނުމިއްޔާ ހަމަ މަންމަ ދިޔަސް މިގޭގަ މަޑުކުރަންވީ. އާޝިޔާވެސް ނުލާހިކު ފޫހިވެފަ ވިއްޔަ ހުންނަނީ ކުދިންކޮޅު މާލެ ބަދަލުވި ފަހުން. ދެން މަލަކް ހުންނަންޏާ އެ ފޫހިވެސް ފިލާނެއެއްނު" ނަފީސް ބުންޏެވެ.

"ތެދެއް އެއީވެސް ގޮތެއް" އާޝިޔާ އެއްބަސްވި އެވެ.

"އެއީ ވެސް ގޮތެކޭ؟ ދެން ކޮން އިތުރު ގޮތެއް އޮތީ؟ އާޝިޔާ އަނެއްކާ ތި އުޅެނީ ކީކޭ ކިޔައިގެން؟" ނަފީސް އަހައިލި އެވެ.

"އަހަރެން ބުނީ މާޒި އެހާ ބޭނުންނަމަ މަލަކް މިރަށު ކުއްޖަކާ ކައިވެނި ކުރުވި ނަމައޭ. ގައިމު އޭރުން މަލަކް ކޮންމެހެން ދާކަށް ނުޖެހޭނެއެ-" އާޝިޔާގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް ބާރު އަޑުފަށްގަނޑަކާއެކު ޝާވިން ގެންގުޅުނު ދަގަނޑު ގްރިލް މައްޗަށް ވެއްޓުމުންނެވެ. ކިތަންމެ އަޑުއަހަން ބޭނުން ނުވި ކަމުގައިވިޔަސް އާޝިޔާގެ ވާހަކަތައް ޝާވިންއަށް ދިޔައީ އިވެމުންނެވެ. އެހެންކަމުން އާޝިޔާގެ ފަހު ޖުމްލައިން އޭނާއަށް ސިހުމެއް ލިބުނީ އެވެ.

ޝާވިން އެކަން މާބޮޑު ކަމަކަށް ހަދާނުލައި އަނެއްކާވެސް އެ ދަގަނޑު ނަގައިގެން އަލިފާންގަނޑާ ކުޅެން ފެށުމުން އެމީހުން އަނެއްކާވެސް އެ މައުޟޫއު ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އެ ވާހަކަތަކަށް ކަންފަތް ދީގެން އިން މަލަކްގެ ނަޒަރު މިފަހަރަކު ޝާވިންއަކާ ވަތްކެއް ނުވި އެވެ. ހުޅުގަނޑުގެ ރަތް އަލި ޝާވިންގެ ހަށިގަނޑަށް ރިވެލި ވެފައިވާ ގޮތުގެ ފުރިހަމަކަން ފެނި މަލަކްގެ ހިތް އަވަސްވެލި އެވެ. އާނއެކެވެ. ޝާވިންއަކީވެސް ރީތި ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ބިޔަކޮށް ހެދިފައި ނުވިޔަސް ބައިމަތި ފުޅާވެފައި، ހިނދި ބަނޑުގައި ފަނޑުކޮށް ފާހަގަވާން ހުންނަ ގޮޅިތަކުން އެ ފިރިހެންވަންތަކަން އިތުރު ކޮށްދެ އެވެ. ނަމަވެސް އޭނާއަށް ޝާވިން އެފަދަ ގޮތަކަށް ފެނިފައި އެ ވަނީ އަލަކަށް ނޫނެވެ. މީގެ ކުރިން އޭނާއަށް އެ ކޮޓަރިން ޝާވިންއާ ބައްދަލުވި ދުވަހާއި އިވާންއާއެކު ގަރާޖުގައި އުޅޭ މަސައްކަތު ދުވަސްތަކުގެ އިތުރުން އެންމެން އެކުގައި ދަތުރުގޮސް މޫދަށް އެރުނު ދުވަހުވެސް އޭނާއަށް ވަނީ ޝާވިންގެ ހަށިގަނޑު ހަމަ އެފަދައިން ފެނިފަ އެވެ. ވުމާއެކު ހިތުގެ ތެޅުމަށް އެ އައި ބަދަލުގެ ސަބަބާމެދު ސުވާލު އުފެދިފައިހުރެ މަލަކްއަށް މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ.

"އަހަރުމެން ގޭގަވެސް މަލަކް އުމުރުގެ ކުއްޖަކު ހުރިނަމަތާ މިގެއަށްވެސް ގެނެވޭނީ ދޯ ހަސަނާ؟" އާޝިޔާ އެހެން ބުނި ކަމުގައިވިޔަސް މަލަކްއާއި ޝާވިންގެ އުމުރުގައިވެސް ހުރީ އެންމެ ހަތަރު އަހަރުގެ ތަފާތެވެ. އެހެނެއްކަމަކު އެދެމެދުގައި އެކަހަލަ ގުޅުމަކަށް ފުރުސަތެއް އޮވެދާނެކަމަށް ހީނުކުރެވުނީ ޝާވިންގެ ހިތުގެ ހާލަތު އެ ދެމަފިރިންނަށް އެނގޭތީ އެވެ. އެމީހުންނަށް ހީކުރެވުނު ގޮތުގައި އެ ދަރިފުޅުގެ ހިތުގައި މިއަދާ ހަމައަށްވެސް ލިޔެވިފައިވަނީ އައިލީންގެ ނަމެވެ.

މަލަކް ދެންވެސް ޝާވިންއަށް ބަލަހައްޓައިގެން އިނީ އެ ދައްކަމުންދިޔަ ވާހަކަތަކުން ޝާވިންއަށް އަސަރެއް ކުރޭތޯ ބެލުމަށެވެ. އެހެނަސް ޝާވިން އެއިން ވާހަކައެއްގައި ބައިވެރިވާން ނޫޅުނު ތާނގައި އެ ވާހަކަތަކުގެ ސަބަބުން އޭނާގެ މޫނަށް ރުލެއްވެސް އަރައިނުލި އެވެ. އެހިސާބުން މަލަކްއަށް ޔަގީންވީ ޝާވިން ނުހަނު ބޮޑަށް ބަދަލުވެފައިވާ ކަމެވެ. އެއީ އޭނާ ދަންނަ ޝާވިން ނަމަ އޭނާއާ ދިމާކޮށްލުމުގެ ނިޔަތުގައި ނަމަވެސް އާޝިޔާގެ ވާހަކައަށް އެއްޗެކޭ ބުނެ ނުލައި ނުހުންނާނެ އެވެ.

ކޮންމެއަކަސް ޝާވިންގެ ފުށުން އޭނާ އުއްމީދު ނުކުރާ ކަންތައްތަކެއް ފެންނަން ފެށުމުން މަލަކްގެ ހިތަށް ވެރިވި މާޔޫސްކަން އޭނާގެ ދެލޯ ތެންމައިލި އެވެ. މަލަކް އެކަން ސިއްރު ކުރުމަށްޓަކައި އިންތަނުން ތެދުވެ ގޭތެރެއަށް ވަނުމަށް ދުއްވައިގަތެވެ.

"އައްދޭ.. ލަދުގަތީ ކަމަށް ވާނީ. ހަހަހަ" މަލަކްގެ އެ ކުއްލި ހަރަކާތުން މާޒިޔާމެންނަށް ނަގައިގަނެވުނީ މުޅިން އެހެން މާނައެކެވެ. އެހެނަސް މަލަކް ދުވެފައި ދިޔަގޮތުން ކޮންމެވެސް އިތުރު ކަމެއް ވެއްޖެކަން ޝާވިންގެ ހިތް ބުނެލި އެވެ. ވެދިޔަ ހުރިހާ ކަމަކަށް ފަހުގައިވެސް މަލަކްއާމެދު ހިތުގައި އުފެދުނު ކަންބޮޑުވުން ޝާވިންގެ އެހެން ހުރިހާ އިހުސާސެއްގެ މައްޗަށް ކުރި ހޯދި އެވެ. އަލިފާންގަނޑުވެސް މައިތިރި ކުރެވިފައި ވާތީއާއެކު ގްރިލްގެ މަތީގައި ދާގަނޑު އެޅުމަށްފަހު އޭނާ އަވަސްވެގަތީ މަލަކްގެ ހާލު ބަލައިލަން ދާށެވެ. އެކަމަށްޓަކައި ނެގި ފިޔަވަޅު ހުއްޓުނީ އެވަގުތު ފޯނަށް ބަލަހައްޓައިގެންހުރެ އަވަސް ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަންނަންދިޔަ އިވާން ފެނުމުންނެވެ.

ޝާވިންގެ މޫޑު އަނެއްކާވެސް އިހު ހުރިގޮތަށް ބަދަލުވެއްޖެ އެވެ. ޝައްކާއި ވަހުމުން ހިތް ފުރިގެންދިޔަ އެވެ. އޭނާއަށް ގަބޫލު ކުރެވުނީ އިވާން އެހާ އަވަސް އަރުވާލައިގެން މަލަކްގެ ފަހަތުން އެ ދިޔައީ މަލަކް އަންގައިގެން ކަމުގަ އެވެ. އެދެމީހުންނަށް ފާރަ ލަމުން ގޮސްފިނަމަ ހިތަށް ލިބޭނީ އިތުރު އަނިޔާއެއްކަން ވިސްނި ޝާވިން ކުރިއަށް ނެގި ފިޔަވޅު ފަހަތަށް އަޅައިލި އެވެ.

***************

"ކަމޯން މައިރާ ޕިކް އަޕް..." އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންހުރެ ގޭތެރެއަށް ވަތް އިވާންގެ މިސްރާބު ހުރީ ގޭގެ މައި ދޮރޯށިން ބޭރަށެވެ. މައިރާއަށް ގުޅުމާމެދު މުޅި ދުވަހު ދެ ހިޔާލެއްގައި ހުރުމަށްފަހު އޭނާއަށް ވަކި ގޮތެއް އެ ނިންމުނީ އަދި ކިރިޔާ އެވެ. މައިރާ އެ ކޯލަށް ޖަވާބުދޭތޯ ކުރެވެމުންދިޔަ އާދޭސް ދުލުކުރީގައި ތަކުރާރު ކުރަމުންގޮސް މަގަށް ނުކުމެވުނު އިރު އެ ކޯލަށް ޖަވާބެއް ނުލިބި ކެނޑިއްޖެ އެެވެ.

އިވާން ދެވަނަ ކޯލެއް ކުރުމަށްޓަކައި ތައްޔާރުވެލި ވަގުތު ކައިރިން އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑު އިވުނުހެން ހީވެ އެކަން ފަސްކޮށްލި އެވެ. ބުމަ ގޮށްޖަހާލައިގެންހުރެ ވަށައިގެން ނަޒަރު ހިންގައިލީ އެ އަޑު އަންނަ ދިމާ ފާހަގަ ކުރުމަށެވެ. އެކަން އެއީ މާ އުނދަގޫ ކަމަކަށް ނުވި އެވެ. ގޭގެ މައި ދޮރާށިން ބޭރުގައި މަގަށް ވާގޮތަށް ބަހައްޓާފައިހުރި ޖޯލިފަތީގައި އިން މަލަކް އޭނާގެ ލޮލުގައި އަޅައިގަތެވެ. މަލަކްގެ ދެކަކޫ މޭގައި ޖައްސައި ކުޑަވެލައިގެން އިންއިރު ދެ ތުންފަތް ފޫ އަޅުވައިލާ ނުކުމެގެންދާ ކޮންމެ ގިސްލުމަކާއެކު އޭނާގެ ހަށިގަނޑު ދިޔައީ ތުރުތުރު ލަމުންނެވެ. އިވާން ހާސްވެފައިހުރެ އަތުގައި އޮތް ފޯނު ޖީބަށް ކޮށްޕައިލުމަށްފަހު މަލަކްގާތު ޖޯލީގައި އިށީނެވެ.

"މަލް؟ ޔޫ އޯކޭ؟" އިވާންގެ ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން މަލަކް ބޯ ހޫރައިލުންވީ އިވާން އިތުރަށް ކަންބޮޑުވި ކަމަކަށެވެ. "ވަޓް ހެޕެންޑް؟

"އަ.. އައި ޑޯން.. ޓް.. ނޯ" މަލަކް ގިސްލުމުގެ ތެރެއިން ބުނެލި އެވެ.

"ޑޫ ޔޫ ވޮނަ ޓޯކް އަބައުޓް އިޓް؟" އިވާންއަށް އަހައިލެވުނެވެ.

"އައި ޑޯންޓް ނޯ އޭ! ނޭނގެންޏާ ކިހިނެއްތަ ބުނެދޭނީ؟" ޙުދު މަލަކްއަކަށްވެސް އޭނާއަށް ވަމުންދާ ގޮތް ބުނެދޭކަށް ނޭނގުނެވެ. ޝާވިން މިރޭ އޭނައާ ދޭތެރޭ ރުންކުރުކޮށް އަމަލުކުރި ނަމަވެސް އެފަދަ ކުޑަކުޑަ ކަމަކާހުރެ މިހާ ދެރަވާން ޖެހޭ ސަބަބެއް މަލަކްއަކަށް ނޭނގެ އެވެ. ފަހަރެއްގައި އެ ރެއަކީ އެމީހުން އެ ރަށުގައި ހޭދަކުރާ ފަހު ރެއަށް ވެފައި ޝާވިންއާއެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި އެރަށުން ފުރައިގެން ދާން ޖެހޭތީ އޭނާއަށް އެކަމާ ވިސްނެނީ ކަމުގައިވެސް ވެދާނެ އެވެ. އެނގޭހާވެސް އެއްޗަކީ އެރޭ އޭނާގެ ހިތުގައި އިންތިހާއަށް ރިހެމުންދިޔަ ކަމެވެ.

މިނެޓެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް މަލަކްގެ ވޭނީ ރުއިމަކަށް ފަނޑުކަމެއް ނާދެ އެވެ. އެއީ ރިހުމުން ފުރިފައިވާ ރުއިމެކެވެ. އެއިން ކޮންމެ ގިސްލުމެއްގައި ވަނީ އަޑުއަހާ މީހަކު ހިތް ފަޅައިގެންދާނެހާ ވޭންހުރި އަސަރެކެވެ. އިވާންއަށް ހަދާނެ ގޮތް ހުސްވި އެވެ. މިފަދަ ގޮތަކަށް މަލަކް ރުއި މަންޒަރު އެންމެ ފަހުން ފެނިފައިވަނީ އިދާންގެ މަރުގެ ހަބަރު ލިބުނު ދުވަހެވެ. އޭގެ ފަހުން ފާއިތުވި ދެ މަހެއްހާ ދުވަސްތެރޭ މަލަކްގެ ހާލަތު ބޮޑުތަނުން ރަނގަޅުވެފައި ވިޔަސް މި ދެތިން ދުވަހު މަލަކްގެ ފަރާތުން ފެންނަނީ އަނެއްކާވެސް ހާލަތު ގޯސްވަމުންދާ ކަމުގެ އަލާމާތްތަކެވެ.

އިވާން މަލަކްގެ ކޮނޑުގައި ހިފައި އޭނާއާ ގާތްކޮށްލީ ހިތްވަރެއް ދިނުމުގެ ގޮތުންނެވެ. މަލަކްވެސް އެ ހިތްވަރަށް ބޭނުންވެފައިވާ މީހަކު ފަދައިން އިވާންގެ ގައިގައި ލެގިލައިގެން އިނދެ ހިތް ފުރޭވަރަށް ރޮއެލި އެވެ. އެގޮތުގައި ހޭދަވި ދިހަ ވަރަކަށް މިނަޓުގެ ތެރޭގައި މީހާ މުޅީން ހަމައަކަށް އެޅުމުން މަލަކް އިވާންއާ ދުރުވެލި އެވެ.

"ބެޓަރ ނައު؟ ގެއަށް ދާންވީތަ؟ މަލް ރެސްޓް ކޮށްލަން ބޭނުމިއްޔާ ދައްތަގާތު ބުނެލާފަ ގެއަށް ދެވިދާނެ" އިވާން ބުންޏެވެ.

"ނޯ.. ނޯ އައިމް ފައިން.. މައިއަށް ގުޅިއްޖެތަ؟" މަލަކް މޫނު ފުހެލަމުން ކޮށްލި ސުވާލާއެކު އިވާންއަށް ލިބުނީ ސިހުމެކެވެ. މަލަކްއަށް އެކަން ނަގައިގަނެވުމާއެކު އިވާންއަށް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ.

"އަހަރެންނަށް އެބަ ފެނެއޭ އިވާން މިތާ އިނދެ އިރުއިރުކޮޅާ މައިގެ ނަންބަރަށް ބަލާތަން" މަލަކް މަޑުމަޑުން ބުނެލި އެވެ. "އަހަރުމެން މިކޮޅަށް އައި ދުވަހު އާޝިޔާއްތަ ހުރިހާ ވާހަކައެއް ކިޔައިދިން.. އެނގޭ މައިދޮންތިއާއި އިވާންއަކީ ހަމައެކަނި ރައްޓެހިން ނޫންކަން. ސޯ މައިގެ ފެމިލީއަށް އެވަރުގެ ކަމެއް ވާއިރު އިވާން ހަބަރު ނުބަލާ ނުހުންނާނެކަން އެނގޭ" އިވާންގެ މޫނުމަތީގައިވި ސުވާލުތަކަށް މަލަކް ޖަވާބު ދިނެވެ.

އިވާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބޯ ޖަހައިލީ މަލަކްގެ ވާހަކަ ތެދުކޮށް ދިނުމަށެވެ. "ފޯނު ނުނަގައިގެން މި އުޅެނީ" އޭނާ އިތުރު އެއްވެސް ކަމެއް ފޮރުވާކަށް ނޫޅުނެވެ.

އިވާން މާޔޫސްކަމާއެކު ކޮނޑު އެލުވާލައިގެން އިން ގޮތުން މަލަކްގެ ހިތުގައި އިވާންއާމެދު ހަމްދަރުދީ އުފެދުނެވެ. އޭނާ އިވާންގެ އަތުގައި ހިފައިލީ މީގެ އިރުކޮޅެއް ކުރިން އިވާން އޭނާއަށް ހިތްވަރުދިން ފަދައިން އިވާންއަށް ހިތްވަރެއް ދެވޭތޯ އެވެ. އެވަގުތު ފަހަތުން މީހަކު ކަރުކެހިލި އަޑު އިވި އެ ދެމީހުންނަށްވެސް ފަސްއެނބުރި ބަލައިލެވުނެވެ. އޭރު ޝާވިން ކަރުދާސް ތަށްޓެެއްގައި ކާ އެއްޗެހި އަތުރައިގެން އައިސް އެމީހުންގެ ގާތަށް ހުއްޓިލަނީ އެވެ.

"މަންމަ ފޮނުވައިގެން މި ތަށި ދޭންވެގެން މި އައީ" ޝާވިން އެ ތަށި މަލަކްއަށް ދިއްކޮށްލިއިރު އޭނާގެ ދެލޯ ސީދާވެފައި ހުރީ ގުޅިފައިވާ އިވާންއާއި މަލަކްގެ އަތަށެވެ. އެކަން ފާހަގަވެ މަލަކް އަވަހަށް އިވާންގެ އަތުން ދޫކޮށްލަމުން އެ ތަށީގައި ހިފެހެއްޓި އެވެ.

"އައްދޭ.. އަހަރެންނަކަށް ނުގެންނަންތަ؟" އިވާން ޖެއްސުމުގެ ރާގެއްގައި އަހައިލި އެވެ.

"ކީއްކުރަން ވަކި ތަށްޓެއް؟ މަލަކްގެ ތަށިން ކައިބަލަ. މަލަކްއަށް ފެނިގެން ލަވައިވެސް ދީފާނެއެއްނު" ޝާވިންގެ އަޑުގައި ސަމާސާއެއް ނެތެވެ. އަދި އޭނާއަށް އިވާންގެ އަޑުގައިވި ސަމާސާވެސް ނަގައެއް ނުގަނެވުނެވެ. ފިނި ނަޒަރަކުން އިވާންއާއި މަލަކްއަށް ބަލައިލުމަށްފަހު އިތުރަށް އެތަނުގައި މަޑުކުރަން ނަހަދައި ގޮސް ގޭތެރެއަށް ވަނެވެ.

"ޝޯންއަށް ކިހިނެއް ވެފަތަ އެ ހުންނަނީ މިހާރު؟" ޝާވިން ދިޔުމާއެކު މަލަކްއަށް އަހައިލެވުނެވެ.

"މަލް ކައި ނިމެންދެން އަހަރެން މިތާނގަ މަޑުކޮށްލާނަން" އިވާން ދިނީ މަލަކްގެ ސުވާލާ މުޅިން ނުގުޅޭ ޖަވާބެކެވެ. އެއަށްފަހު ޝާވިން ދިޔަ ދިމާލަށް ބަލައިލުމަށްފަހު ހިނިތުންވެލި ގޮތުން ހީވަނީ ޝާވިންއަށް ވެގެން އުޅޭގޮތް އޭނާއަށް ނަގައިގަނެވިއްޖެ ހެނެވެ.

***************

މަލަކްއާއި އިވާންއާ ދެމެދު ދެކެވުނު ވާހަކަތަކަށްފަހު ޝާވިން އަލުން ބާބެކިއު އޮތް ސަރަހައްދަށް ދިޔުމުގެ ބަދަލުގައި އައިސް ވަނީ ކޮޓަރިއަށެވެ. އޭނާގެ ބޮލުގައި ތޫނު ރިހުމެއް ހަރުލާފައި ހުއްޓެވެ. އެސްފިޔަ ޖަހައިލާ ކޮންމެ ފަހަރަކު މަލަކްއާއި އިވާންގެ ގުޅިފައިވާ އަތް ލޯ މައްޗަށް ސިފަވެ ބޮލަށް އެނބުރުން އަރައިގެންދާކަހަލަ އިހުސާސެއް ކުރެވުނެވެ. ކުރިއަށް ހިނގައިގަތުމާއެކު ތަރުތީބު ގެއްލިފައިވާ ބިންމަތީގައި އޮތް ޓީޝާޓެއް އަޅައިގަނެ ވެއްޓެން ދިޔަ އެވެ. ޝާވިން ހިތްހަމަނުޖެހުމުގެ އަޑަކާއެކު އެ ޓީޝާޓުގައި ފައިންޖަހައި ދުރަށް ހޫރައިލި ގޮތުން ހީވީ އޭނާއަށް ޖެހިފައިވާ ހާލުގެ ޒިންމާވެސް އެ ނިކަމެތި ޓީޝާޓުގެ 'ބޮލުގައި' އެޅުވި ހެނެވެ. ފައިގައި ޖެހުނުހާ އެއްޗެއް ދުރަށް ހޫރައިލުމަށްފަހު ފާހަނައަށް ވަދެ ދެތިން ފަހަރު މޫނަށް ފެންޖަހާލައިގެން ނުކުތްއިރު އޭނާވަނީ ކޮންމެވެސް ވަރަކަށް ހަމަޖެހިފަ އެވެ. ޝާވިން ފޯނު ބަލައިލީ އެ ވަގުތުކޮޅުގެ ތެރޭގައި މަލަކްގެ މެސެޖެއް އޭނާއަށް އައިސްފައި އޮވެދާނެ ކަމަކަށް ނޫނެވެ. އެހެނަސް ފޯނު ހުޅުވައިލުމާއެކު ފެނުނު ތިން ލަފްޒުގެ މެސެޖުން މިފަހަރު ޝާވިންގެ ހިތަށް ކުރުވީ ތަފާތު އިހުސާސެކެވެ.

"އައި އޭމް ލީވިންގް" ޝާވިން އައިސްފައިހުރި ރުޅިގަނޑު މުޅީން ފިލައިގޮސްފި އެވެ. މަލަކް ފުރަން އުޅޭކަމުގެ ހަބަރު މާކުރިން ލިބިފައި ވިޔަސް މަލަކް އަމިއްލައަށް އެކަން ކަށަވަރު ކޮށްދިނުމުން މީހާ މުޅި އެކީ ހިމޭން ވެލައިފި އެވެ.

ދެލޮލަށް ޖަމާވާން ފެށި ކަރުނައިގެ ތެރެއިން އެ މެސެޖުގައިވި އަކުރުތައް ފުސްވާން ފެށުމުން ޝާވިން ފޯނު ދުރުގައި ބާއްވައިލުމަށްފަހު ބޮލުގެ އިސްތަށިގަނޑު ދެއަތަށް މަހައިލަމުން ވާންކޮށްލީ އެ އިސްތަށިތައް އުފުރާލަން މަސައްކަތްކުރަމުން ދިޔަ ހެނެވެ. ކިތަންމެ ފަހަރަކު ކޮޓަރީގެ ދޮރު ހުޅުވާލައިފައި ނުކުމެ މަލަކްގާތަށް ދާން ހިތަށް އެރި ނަމަވެސް އެ ދޮރާ ހިސާބަށްވެސް ދާނެހާ ހިތްވަރެއް އޭނާގެ ފަޔަކަށް ނުލިބުނެވެ. މަލަކްއާމެދު ހިތުގައި އުފެދިފައިވާ އިހުސާސްތަކަށް ނަމެއް ދެވެން އުޅޭ ކޮންމެ ފަހަރަކު އޭނާއަށް ކުރެވެނީ އައިލީންއަށް ބޭވަފާތެރި ވެވޭކަމުގެ އިހުސާސެކެވެ. އޭނާއަށް ވިސްނުނު ގޮތުގައި މިއަދާ ހަމައަށްވެސް އޭނާގެ ހިތުގައި ލިޔެވިފައިވާ ހަމައެކަނި ނަމަކީ އައިލީންގެ ނަމެވެ. އައިލީންގެ ފަރާތުން ބަދަލުގައި ލޯބި ލިބޭނެ ކަމުގެ އުއްމީދެއް ނެތަސް އޭނާގެ ހިތް އައިލީންއާމެދު ބަދަލެއް ނުވާނެ އެވެ. އެހެންނޫނަސް މަލަކްއާމެދު އެފަދަ ނަޒަރަކުން ދެކުމަކީ އިދާންއަށް ވެވޭ ބޭ އިންސާފެއް ކަމުގައިވެސް އޭނާއަށް ދިޔައީ ހީވަމުންނެވެ.

އެރޭގެ ބާކީބައި އެ ނުތަނަވަސްކަމުގައި ހޭދަކުރަމުންގޮސް އާޝިޔާ އައިސް ފަތިސް ނަމާދަށް ގޮވައިލި އިރުވެސް ޝާވިން އެންމެ ލޮލުފިޔައެއްވެސް ނުޖަހަ އެވެ. ހަށްޓަށް ވެރިވެފައިވާ ވަރުބަލިކަމާއެކު އެކުގައިވެސް އޭނާ ފަތިސް ނަމާދު ކޮށްލައިގެން ފެންވަރާލަން ވަނީ އާޝިޔާ އެދިފައިވާ ގޮތުގެ މަތިން މަލަކްމެން ލާންޗާ ހިސާބަށް ގެންގޮސްދޭން ޖެހޭނެތީ އެވެ. ގޭގެ ޑްރައިވަރާ އެކަން ހަވާލުކުރަން އުޅެފައިވެސް އެ ދެ އާއިލާގެ ދެމެދުގައި ބަދަހިވެފައިވާ ގުޅުމުގެ ސަބަބުން، އޭނާ ނުގޮސްފިނަމަ މާޒިޔާ ހީކޮށްފާނޭ އެއްޗަކަށް ބަލައި އެންމެފަހުން ދާން ނިންމީ އެވެ.

ޝާވިން ކޮޓަރިން ނުކުތްއިރު އާޝިޔާވެސް ހުރީ ތައްޔާރު ވެލައިގެންނެވެ. ގޭގެ ގަރާޖުގައި އޮތް ކާރު ނެރެގެން ދެމައިން އެކުގައި އިވާންމެންގެ ގެއަށް މިސްރާބު ޖެހި އެވެ. އެ ގޭގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމުން ޝާވިންއަށްވުރެ ކުރިން އާޝިޔާ ކާރުން ފައިބައިގެން އޭނާގެ ރަހްމަތްތެރިޔާއާ ބައްދަލު ކުރުމަށް ގޭތެރެއަށް ހިނގައިގަތެވެ. އެ މަންޒަރު ބަލަން އިން ޝާވިން ފަނޑު ހިނިތުންވުމަކާއެކު ބޯ ހޫރައިލުމަށްފަހު ކާރުން ފޭބީ އޭނާއަށް އިތުރު ގޮތެއް ނެތިގެން ކަހަލަ އެވެ. ކުރިމަތީގައިހުރި ނޫކުލައިގެ ދޮރާށްޓަށް ބަލައިލިއިރު އެ ދެލޮލުގައިވަނީ ފަސްޖެހުމެވެ. އުމުރުން މިވީ ސައްބީސް އަހަރުގެ ތެރޭގައި އޭނާގެ އަމިއްލަ ގެ ފަދައިން ވަދެ ނުކުމެ އުޅުނު ގޭގެ ދޮރާށިން އެތެރެއަށް ވަނުމާމެދު ހަޔާތުގައި ފުރަތަމަ ފަހަރަށް ދެވަނަ ވިސްނުމަކަށް ދެވުނެވެ.

"ސްނެޕް އައުޓް އޮފް އިޓް ޝާވިން! އިޓްސް ޖަސްޓް އަ ނޯރމަލް ޑޭ! ޖަސްޓް. އަ. ނޯރމަލް. ޑޭ." މަސްނޫއީ ހިނިތުންވުމަކާއެކު ޝާވިން އެ ދޮރާށި ހުޅުވައިލުމަށްފަހު އާދައިގެ މަތިން ގޯތިތެރެއަށް އަވަސް ކަޅިއެއް ހިންގައިލި އެވެ. ކަނާތް ފަރާތަށް ހުންނަ ޓިނު ގަރާޖުގެ ފުރާޅު މައްޗަށް އަރައި އުޅުނު އިވާން ފެނުމުން އޭނާ އެދިމާލަށް ހިނގައިގަންނަމުން ތުނބުން ފުމެލި އެވެ.

"ކޮންފަދަ ކަމެއް؟" ޝާވިންގެ ލޮލުގައި އަޅައިފައިވާ އަވިއައިނު ނިތްކުރި މައްޗަށް ޖައްސައިލަމުން ސަމާސާ ރާގެއްގައި އެއްސެވެ.

"މިއީ ދެން.. އައުޒަމްމެން މީހަކަށް ގެންދަން ކަމަށް ބިނދެލީ. ގަހުގަ ހުއްޓަސް ހަމަ ވާ ކައި ހުސްވާނީ ވިއްޔަ" އިވާން ދައްކައިލީ ކޮތަޅެއްގައިހުރި ފޭރު ތަކެކެވެ. އަތްޖެހޭ ހިސާބުގައި އިން އެންމެ ފަހު ފޭރު ބިނދެލުމަށްފަހު ކޮތަޅަށް ލަމުން އޭނާ ފުރާޅު މަތިން ފުންމައިލި އެވެ.

"ކިހާ އިރަކު ފުރަނީ؟" އިވާން އަދިވެސް ފޭރު ގަހަށް ބަލަހައްޓައިގެން ހުރެއައިސް އޭނާއާ އަރައި ހަމަކޮށްލުމުން ޝާވިން އަހައިލި އެވެ.

"ދެން ދާންވީ.. ހަތެއް ޖަހާއިރަށް މި ކިޔަނީ" އިވާން ޖަވާބު ދިނެވެ.

"އޯކޭ.. ދެން ތިމީހުން ޑްރޮޕް ކޮށްލާފަ އޮފީހަށް ދާނީ" ޝާވިން ބުންޏެވެ. އެވަގުތު ގޯތި ތެރެއިން އިތުރު މީހެއްގެ ހިލަންވެ ޝާވިން ބަލައިލީ އެއީ އާޝިޔާ ކަމަށެވެ. އެހެނަސް ކަޅު ކުލައިގެ ލޭސް ޓޮޕްކޮޅަކާއި ހަމަ އެކުލައިގެ ސެޓިން ސްކާރޓެއްގައި ހުރި މަލަކް ފެނި ޝާވިންގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔަ އެވެ. ހިނދުކޮޅަކަށް ނޭވާލާން ހަނދާން ނެތުނުއިރު ހިތު ވިންދުގެ އަޑު އަމިއްލަ ކަންފަތާ ހަމައަށް ފޯރަމުންދިޔަ އެވެ.

"ޑޫ ޔޫ ރިއަލައިޒް ޔޫ ހޭވް ތަރޓީ މިނަޓްސް؟"

"ހްމްމް؟" އިވާން އޭނާގެ ކަންފަތް ދޮށުގައި ބުނެލި ޖުމްލަވެސް ޝާވިންއަކަށް ސާފުވާ ވަރެއް ނުވި އެވެ.

"އެއްޗެކޭ ނޫން.. މަލް ކޮބާ ފޮށި؟" އިވާން ބޯ ހޫރައިލުމަށްފަހު ޝާވިންގެ ކޮނޑުގައި ދެފަހަރަކު ޖަހައިލަމުން މަލަކްއާ ދިމާލަށް ހިނގައިގަތެވެ.

"އެތެރޭގަ" މަލަކް ހިނިތުންވެލި އެވެ.

"އޯކޭ. އޭ.. އެބަ އަންނަން އެނގޭ ފޮށިތައް ހިފައިގެން" އިވާން ގޭތެރެއަށް ވަނީ ދުރުގައިހުރި ޝާވިންއަށް ހަނާ އަޅައިލުމަށްފަހުގަ އެވެ. އެއާއެކު ޝާވިން ގަދަކަމުން ކަހަލަ ގޮތަކަށް މަލަކްއާ ނަޒަރު ވަކިކޮށްލަމުން އަވަސް ފިޔަވަޅު ތަކެއްގައިގޮސް އެ ގެއިން ނުކުތެވެ. މަގުގެ އަނެއް ފަރާތުގައި އޮތް ކާރާ އަރައި ހަމަވުމާއެކު އޭގެ ބޮނެޓުގައި އަތް ވިއްދައިލަމުން އޭނާ ދެތިން އަވަސް ނޭވާއެއް ދޫކޮށްލި އެވެ. އޭނާ ފަސްއެނބުރި ބަލައިލީ އެވަގުތު ގޭގެ ދޮރާށި ހުޅުވުނު އަޑު އިވުމުންނެވެ. އޭރު މަލަކް ލަސް ފިޔަވަޅުތަކެއްގައި އޭނާއާ ދިމާލަށް އާދެ އެވެ.

ޝާވިންއަށް ހުރެވުނީ އެތަނުން ދުވެ ފިލަން ބޭނުންވެފަ އެވެ. އެހެނަސް މަލަކްގެ ތޫނު ނަޒަރުން ދެފައިގައި ޖެހިފައިވާ ކަސްތޮޅާއެކު އެކަމެއް ނުކުރެވުނެވެ.މަލަކް އޭނާގެ ގާތަށް ހުއްޓިލި ހިނދު ނުވާ ކަމަކަށް ހެދިފައި އިސްޖަހައިލަމުން މަލަކް އެރުމަށްޓަކައި ކާރުގެ ފަހަތު ދޮރު ހުޅުވާލައި ދިނެވެ.

ޝާވިންގެ އެ އަމަލުން މަލަކްގެ ހިތުގައި ޖެހުނީ އެއީ ޝާވިން އޭނާއާ ވާހަކަ ނުދައްކަންވެސް ގަސްތުގައި ކުރި ކަމެއްކަން އެނގޭތީ އެވެ. އެހެނަސް ޝާވިން ދޭން ނެތް ފުރުސަތެއްގެ ބޭނުން ނުހިފޭނެކަން ވިސްނި މަލަކް ކާރަށް އެރުމަށް ތައްޔާރުވެލި އެވެ.

"ދަނީ" ކާރަށް އެރުމުގެ ކުރިން މަލަކް ފަހު ފަހަރަށް ބުނެލި އެވެ.

"ޓޭކް ކެއަރ" ޝާވިން ދުރު ބަލަހައްޓައިގެން ހުރިގޮތުން ހީވީ މަލަކްއާ ހަތަރުކަޅި ހަމަ ނުކުރަން ނަފްސަށް ވައުދެއް ވެގެން ހުރިހެނެވެ. މަލަކް އެކަން ގަބޫލުކުރަން މަސައްކަތް ކުރާފަދަ މޭރުމަކުން ބޯ ޖަހައިލުމަށްފަހު ކާރަށް އަރައި ހަމަޖެހިލުމާއެކު ޝާވިން ކާރުގެ ދޮރުފަތް ލައްޕައިލި އެވެ. އެވަގުތު އިވާންވެސް މާޒިޔާމެންނާއެކު ފޮށިތައް ހިފައިގެން އައުމުން ޝާވިން އެ އެއްޗެހި އުފުލުމަށް އިވާންއަށް އެހީއެއް ވެދީފައި އައިސް ކާރަށް އެރީ އެ އެންމެންގެ ފަހުންނެވެ.

ކާރު ދުއްވަމުން ދިޔައިރު އާޝިޔާއާއި މާޒިޔާ ހުއްޓުމެއްނެތި އެކި ވާހަކަ ދައްކަމުން ދިޔައެއްކަމަކު އެދެމެދުގައި ތާށިވެފައި އިން މަލަކްއާއި ޑްރައިވަރު ސީޓުގައި އިން ޝާވިންއަށް ތިބެވުނީ ނެގިމަޑުވެފަ އެވެ. އެކަން ރަނގަޅަށް އެނގިހުރެ، އާޝިޔާއާއި މާޒިޔާއަށް ކަމެއް ޝައްކުވެދާނެ ކަމަށް ކުރީ ސީޓުގައި އިން އިވާން ދޭތެރެއަކުން އެމީހުންގެ ވާހަކައަށް އެއްޗެކޭ ބުނެލައި އެ ވާހަކަ ތަކުގައި ބައިވެރިވި އެވެ.

"އަދި ވިއްސަކަށް މިނަޓު އެބަ އޮތެއްނު؟ ދައްތަމެން މަޑުކޮށްލާ ކާރުގަ. ގަޑި ޖެހުނީމަ ގޮވާލާނަން" ކުރު ދަތުރަކަށްފަހު ބަނދަރުގެ ލާންޗު އޮތް ހިސާބާ ކާރު ކައިރި ކޮށްލުމުން އިވާން ބުނެލި އެވެ. އެހެނަސް ވާހަކައިގައި ޖެހިފައިތިބި މާޒިޔާއާއި އާޝިޔާއަކަށް އެ އަޑެއް ނީވުނެވެ. އިވާން ފޮށިތައް ރަނގަޅަށް ބާލައި ނުނިމެނީސް އެމީހުންވެސް ކާރުން ފައިބައިފި އެވެ.

އިސާހިތަކު މަލަކްއާއި ޝާވިން ކާރު ތެރޭގައި އެކަނިވި އެވެ. އެއިން އެކަކުވެސް އަނެކަކާ އަނގައިން ބުނެލާކަށް ނޫޅުނެވެ. ކާރުގެ ކުރީގައިހުރި ލޯގަނޑުން އެކަކު އަނެކަކަށް ސިއްރު ނަޒަރުތަކެއް ދެމުންގޮސް ހަތަރުކަޅި ބައްދަލުވި ހިނދު ދެމީހުންގެ ނަޒަރު އެ ލޯގަނޑާ ވަކިކޮށްލީވެސް ބިރެއް ފެނުނު ފަދައިންނެވެ. ނަމަވެސް ޝާވިން ކަރުކެހިލުމަށްފަހު ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ކަޅި ހުއްޓައިލުމާއެކު މަލަކް އަނެއްކާވެސް އިސް އުފުލައިލި އެވެ. މިފަހަރު އޭނާ ޝާވިންއަށް ބަލައިލީ އެ ލޯގަނޑުގެ ހުރަހަކާ ނުލައި ސީދާ ނަޒަރަކުންނެވެ. ދަށަށް ޖަހާލެވިފައިވާ ކަޅު ކުލައިގެ އޮފީސް ގަމީހާއި ފަޓުލޫނުގައި ޝާވިން އިންއިރު، ގަމީހުގެ އަތުކުރި އޮޅާލެވިފައި ވުމުގެ ސަބަބުން ހުންގާނުގައި އަޅުވާލެވިފައިވާ އަތުގެ މުލައްދަނޑީގެ ނާރުތައް ފުފިލާފައި ހުއްޓެވެ. ރީތި ވަރަކަށް ކޮށާފައިވާ ތުނބުޅީގެ ތެރެއިންވެސް ކަތުރުކަށިގަނޑުގެ ތޫނުކަން ފާޅުވާން ހުރިއިރު މަލަކްއަށް ފެންނަމުން ދިޔައީ ޝާވިންގެ މޫނުގެ އެއްފަޅި ނަމަވެސް އެ ސޫރައިގެ ހިތްގައިމުކަން މަލަކްގެ ސިކުނޑިގައި ވީ ބިންވަޅު ނެގިފަ އެވެ. ބަލައި ފޫހި ނުވާނޭހާ ހިތްގައިމު ޒުވާނެކޭ މަލަކްގެ ހިތަށް އެރި އެވެ. ހުރިހާވެސް މައްސަލައަކީ އެ ގޮތް ދޫނުކުރުމާއި މިޒާޖަށް އަންނަ ކުއްލި ބަދަލު ތަކެވެ. މަލަކް ފޫހި ގޮތަކަށް ތުން އަނބުރައިލުމަށްފަހު ދޮރުފަތުގައި އަތް ޖަހައިލީ ކާރުން ނުކުތުމަށެވެ. އެވަގުތު ކުއްލިއަކަށް އިވިގެންދިޔައީ ކާރުގެ ހުރިހާ ދޮރެއް އެއްފަހަރާ ތަޅުލެވުނު އަޑެވެ.

"ދޮރު.. ލޮކްއޭ ތި ކުރީ" މަލަކްއަށް ހީކުރެވުނީ ޝާވިން ދޮރުގެ ތަޅު ހުޅުވައިލަން އުޅުމުގެ ތެރޭގައި އޮޅިގެން ތަޅު ލެވުނީ ކަމަށެވެ.

"އައި ނޯ" ޝާވިން އެ އިންގޮތަށް އިނދެ ބުނެލި އެވެ.

"ދެން ހުޅުވަބަ" މަލަކް އެދުނެވެ. ޝާވިން މަލަކްއާ ދިމާލަށް ބަލައިވެސް ނުލިތާކު އިނގިއްޔެއްގެ ކުރިވެސް ހިއްލައިލާކަށް ނޫޅުނެވެ.

"ޝޯން؟" މަލަކް މިފަހަރު ޝާވިންއަށް ގޮވައިލީ ޝާވިން ކާރު ތަޅުލީ ގަސްތުގައިހޭ އަހައިލާ ފަދައިންނެވެ. ޝާވިންގެ ހިމޭންކަމުން މަލަކްއަށް ޖަވާބު ލިބުނެވެ.

"ޝޯން! އޯޕަން ދިސް ޑޯރ!" މަލަކް ތަޅުގައި ހިފައި އެ ހުޅުވޭތޯ މަސައްކަތް ކުރަމުން ޝާވިންގާތު ބުންޏެވެ. "ދޮރު ހުޅުވާށޭ ޝާވިން!"

މަލަކް އޭނާގެ ވަނަން ދޫކޮށްލުމަށްފަހު އަސްލު ނަމުން ގޮވައިލުމުން ޝާވިންއަށް އެކަމުން އިތުރު ގާތްކަމަކާއި ހާއްސަކަމެއް އިހުސާސް ކުރެވުނެވެ. ހުންގާނުގައި ހިފަހައްޓާލައިގެންހުރި އަތަށް ބާރެއް ލެވުނުއިރު އިންތިޒާރު ކުރެވެމުން ދިޔައީ މަލަކްގެ އަޑުން އަނެއްކާވެސް އޭނާގެ ނަން އިވިލާނެ އިރަކަށެވެ.

"ޝާވިން! ތިއީ ކޮން ކަމެ-" މަލަކްގެ ޖުމްލަ މެދުކެނޑިގެން ދިޔައީ ޝާވިން ކުއްލިއަކަށް ބާރު ސްޕީޑުގައި ކާރު ދުއްވައިލުމުންނެވެ. ކުރިންވެސް އިންޖީނު ނިއްވާނުލައި އޮތުމުން ކާރު އަލުން އިސްޓާޓު ކުރަންވެސް ނުޖެހުނީތީ މަލަކްއަށް އެފަދަ ކަމަކަށް ތައްޔާރުވާނޭ ފުރުސަތެއްވެސް ނުލިބުނެވެ.

މަލަކް އަރި އަޅައިލައިގެން ގޮނޑިމައްޗަށް ވެއްޓެން ދިޔުމާއެކު ދެއަތް ވިއްދާލައި ހަށިގަނޑު ސީދާ ކޮށްލި އެވެ. ފަހަތުގައިވާ ބިއްލޫރިގަނޑުން ބޭރު ބަލައިލިއިރު އެމީހުންނަށް ވަނީ ބަނދަރާ ނުހަނު ދުރަށް އާދެވިފަ އެވެ. އޭރުވެސް ކާރުގެ ދުވެލި މަޑުވާކަށް ނޫޅެ އެވެ.

"މަލަކް؟" ލާންޗު ކައިރީގައިހުރި މާޒިޔާއަށް ސިހިފައި ގޮވައިލެވުނުއިރު ކާރުގޮސް މަގުކޮޅުން އޮބާލައިފި އެވެ. އޭނާ ކަންބޮޑުވެފައިހުރެ އިވާންއަށް ބަލައިލި އެވެ.

"ދައްތާ.. ވެދާނެ މަލްއަށް އެއްޗެއް ބާއްވާފަ އާދެވިގެން ބަލާ ދިޔައީ ކަމަށް" އިވާން މަސްލަހަތަށްޓަކައި ބުނެލި އެވެ. ނަމަވެސް ޝާވިން އިންޒާރަކާނުލައި އެފަދަ "ހަމަނުޖެހޭ" ކަމެއް ކުރީތީ އޭނާއަށްވެސް ހިތާހިތުން ކުދި ކިޔުނެވެ. އާޝިޔާވެސް ހުރީ ޝާވިންގެ ދިފާއުގައި ބުނާނެ އެއްޗެއް ނޭނގި ހަމަ ރަނގަޅަށް ބަސް ހުއްޓިފަ އެވެ.

"އެކަމަކުވެސް.. މަގޭ ދަރި" މާޒިޔާގެ ހިތް ހަމަޖެހޭގޮތެއް ނުވި އެވެ. އެންމެފަހުން އިވާންއަށް ފައިމަގުގައި އެމީހުން ހޯދަން ދާން މަޖުބޫރުވި އެވެ.

"ޝާވިން! މޮޔަވީތަ؟ މަންމަމެން ހާސްވާނެއޭ!" ކާރު ހުޅުވޭތޯ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދިޔަ މަލަކްގެ އަޑު ދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. އަދި އެ އަޑުގައިވި ނުރުހުމުގެ އަސަރުވެސް ދިޔައީ ހިނދެއް ހިނދަކަށް ގަދަ ވަމުންނެވެ. އެކަމަށް ސަމާލުކަން ނުދީ ވޭތޯ ބަލަމުން ޝާވިން ކާރު ވައްދައިލީ ރަށުގެ މީހުން ދިރިނޫޅޭ ފަޅު މަގަކަށެވެ. އެއީ މަލަކްއާއި އޭނާ އެންމެ ފުރަތަމަ އެކަހެރިކޮށް ބައްދަލުވި ރޭ މަލަކް ގޮވައިގެން އޭނާ ގެއަށް އައި މަގެވެ. އެ މަގުގައި ހިނގައިދިޔަ ހާދިސާ އަދިވެސް އިއްޔެވީ ކަމެއްހެން ޝާވިންގެ ހަނދާނުގައި ހަރުލައި ހުއްޓެވެ.

އެ މަގުގެ މެދަކާ ހިސާބަށް ކާރު ހުއްޓައިލުމަށްފަހު ޝާވިން ކާރުން ފޭބި އެވެ. މަލަކް އެ އިން ގޮތުގައި ގަދަފައި ވިއްދާލައިގެން އިނީ އެވެ. މޭމަތިން ދެއަތް ހުރަސްކޮށްލުމަށްފަހު އެއްފައި މައްޗަށް އަނެއްފައި އަރުވާލައި ދެފައި ހުރަސްކޮށްލީ ކާރުގައި ރަނގަޅަށް ހަމަޖެހިލުމަށެވެ. އޭރު ޝާވިން ކަމަކާ ބޯ ގޮވައިގެން އުޅޭ މީހަކު ފަދައިން ކާރުގެ ކުރިމަތީގައި ދެކޮޅަށް ކުރުކާލި ކަނޑަމުން ދިޔަ އެވެ. އެހެން ހިނގަމުން ދިޔައިރު އެއް ފަހަރު ބޮލުގައި އަތްފުނާ އަޅައިލާނަމަ އަނެއް ފަހަރު ތުނބުޅީގައި އަތްފުނާ އަޅައިލާނެ އެވެ.

"ގޯޑް! ހީޒް ލޮސްޓް އިޓް!" ޝާވިންގެ ހަރަކާތްތަކަށް ބަލަން އިން މަލަކްއަށް ދަތްކުނޑި ވިކައިލެވުނެވެ. ޝާވިން ހީކުރީ ޝާވިންއާއެކު މިހެން އެކަހެރި ވަގުތުތަކެއް ހޭދަކުރުމަކީ އޭނާއަށް މާ ފަސޭހަ ކަމެއް ކަމަށް ހެއްޔެވެ؟ ޝާވިން އޭނާއާ ދުރުވީ އޭނާގެ އެއްވެސް ކުށަކާނުލަ އެވެ. އެ ހިތްހެޔޮކަމުގެ މައްޗަށް އޭނާގެ ހިތް ލެނބިގެން ދިޔަހިނދު ޝާވިންގެ ފަރާތުން ފެނުނީ ހިތްހަރު ކަމެވެ. އެފަދަ އެތަށް ޝަކުވާތަކުން މަލަކްގެ ހިތް ފުރެމުން ދަނިކޮށް ބޭރުގައިހުރި ޝާވިން ފޯނު ނަގައި އޭގައި ކޮންމެވެސް އެއްޗެއް ޓައިޕްކޮށްލިތަން މަލަކްއަށް ފެނުނެވެ. އެއާއެކު ދެން ފެނުނީ މަލަކްގެ ފޯނު ވައިބްރޭޓްވި ތަނެވެ. މަލަކް ފޫހިކަމާއެކު އެ ފޯނު ނަގައި ޝާވިން ފޮނުވި މެސެޖު ހުޅުވައިލި އެވެ. ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތިން އެ ފޫހިކަން ފިލައި ދިޔައީ އެ މެސެޖުގައި އެ ވާ އެއްޗެއް އޭނާއަށް އެ ފެންނަނީ ރަނގަޅަށް ކަމާމެދު ސުވާލު އުފެދުމުންނެވެ.

"ވަޓް ޑަޒް ދިސް މީން؟" ޝާވިން ފޮނުވާފައިވާ ރަތް ކުލައިގެ ހިތަށް ބަލަންހުރެ މަލަކް އަމިއްލަ ނަފްސާ ސުވާލުކޮށްލި އެވެ. އޭނާ އިސްއުފުލައި ބަލައިލިއިރު ކާރުގެ ބޭރުގައިހުރި ޝާވިންގެ ހިނގުން މިހާރު ހުއްޓިއްޖެ އެވެ. ހިތްގައިމު ގޮތަކަށް ފަޓުލޫނުގެ ދެ ޖީބަށް އަތް ޖަހާލައިގެން ހުރިއިރު އެ ތޫނު ނަޒަރު މިހާރު އަމާޒުވެފައި ހުރީ އޭނާއަށެވެ. މަލަކް ކާރުން ފޭބުމަށް އަވަސްވެގަތެވެ.

"ޝާވިން! ވަޓް ޑަޒް ދިސް މީން؟" ކާރުގެ ދޮރުފަތް ލައްޕައިލުމަށްފަހު މަލަކް ޝާވިންއާ ދިމާލަށް ހިނގައިގަތެވެ. "ޓެލް މީ! ވަޓް ޑޫ ޔޫ މީން ބައި ދެޓް؟" އޭނާ މިފަހަރު ސުވާލުކޮށްލީ ޝާވިންއާ ޖެހޭ ނުޖެހޭހާ ގާތުގައި ހުއްޓިލަމުންނެވެ.

"ޔޫ ޓެލް މީ މަލް.. ވަޓް ކުޑް އިޓް ޕޮސިބްލީ މީން؟" މަލަކްއާ ހަތަރުކަޅި ހަމަކޮށްލަމުން ޝާވިން މަޑުމަޑުން އަހައިލި އެވެ. އެ ދެލޮލުގައި ވަނީ މީގެ ކުރިން މަލަކްއަށް ފެނިފައި ނުވާފަދަ ޖަޒުބާތެކެވެ. އެހެނަސް އެ ބެލުން މަލަކްގެ މުޅި ގައިން ހީބިހި ހިލުވައިލި އެވެ.

"އިޓް ކާންޓް ބީ އޭންގަރ.. ދެޓްސް ގްރީން.. އިޓް ކާންޓް ބީ ސޭޑްނެސް.. ދެޓްސް ބްލެކް.. އިޓް ކާންޓް ބީ ހެޕިނެސް އޯރ ފިޔަރ އޯރ ވޮރީ.. ވީ ނޭމްޑް އަ ހާރޓް ފޯ އޯލް އޮފް ދެޓް. ބަޓް ވީ ޑިޑިންޓް ނޭމް ދަ ރެޑް ހާރޓް އެނީތިންގް.." މަލަކްގެ އަޑު ތުރުތުރުލަމުންގޮސް މިހާރު އެ އަޑު ނުކުންނަނީ ކިރިޔާ އެވެ. "ސޯ ވަޓް އިޒް އިޓް ޝާވިން؟ ވަޓް ޑަޒް ދަ ރެޑް ހާރޓް މީން؟"

← Back to Story ← Previous

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!