Episode 48

ބުނާށޭ ލޯބި ނުވަނީހޭ. (48 ވަނަބައި)

މައިރާއަށް ހީވީ އޭނާގެ މޭގެ ތެރޭގައި ހިތް ފިތިގެން ދިޔަހެނެވެ. ވޭނީ އާހަކާއެކު އެއް އަތުން ހެދުމުގެ މެއާ ދިމާލުގައި ހިފައި ބޮނޑިކޮށްލެވުނެވެ. އިށީނދެ އިންނާނެހާ ހިތްވަރު ނެތުމުން އެނދުގައި އޮށޯވެ ކުރުގެޅިލިއިރު އޭނާގެ ގިސްލުމުގެ އަޑު ވަނީ އިހުނަށްވުރެވެސް ގަދަވެފަ އެވެ.

************

މައިރާ ދިޔުމާއެކު އަނެއްކާވެސް ކުރަން އިން މަސައްކަތަށް ރުޖޫއަވި ނަދާލްގެ ނަފްސަށް ވެރިވެފައިވަނީ އާދަޔާ ހިލާފު ހިމޭންކަމެކެވެ. މޭޒުގައި އެއް އަތް އަޅުވާލައިގެންހުރެ އަނެއް އަތުން މައުސްގައި ހިފައިލަމުން އޭނާގެ ސަމާލުކަން ލެޕްޓޮޕަށް ދޫކޮށްލި އެވެ. އެހެނަސް އޭނާގެ ފިކުރުތައް ވަނީ ކުރަމުންދިޔަ މަސައްކަތާ މާ ދުރުގަ އެވެ. މައިރާއަށް ކުރެވުނު ތުހުމަތުތަކާއި ކިޔުނު އެއްޗެއްސަކީ ގޯހެއްކަން ސިކުނޑިން ބުނެދިން އިރު އޭނާއަށް މިވަނީ ނުހަނު ބޮޑަށް މައިރާގެ ހިތުގަ ޖެއްސިފަ އެވެ. މައިރާގެ ފަހަތުން ގޮސް މަޢާފަށް އެދެން އުޅެފައިވެސް އެވަގުތު މައިރާ އޭނާއާ ވާހަކަދައްކަން ބޭނުން ނުވާނޭކަން އެނގި ނަދާލް އެ ހިޔާލު ދޫކޮށްލި އެވެ. ހަމަ އެހެންމެ، އެ ހެދުނު ގޯހުގެ ސަބަބުން އައިލީންވެސް ހުންނާނީ އޭނާދެކެ ހިތްހަމަ ނުޖެހިފައި ކަމަށް ގަބޫލުކުރެވި، ނަދާލްއަށް ހުރެވުނީ އިސް އުފުލާލައި އައިލީންއާވެސް ހަތަރުކަޅި ހަމަކޮށްލަން ނުކެރިފަ އެވެ.

އައިލީންވެސް އިސްނަގައިގެން ނަދާލްއާ ވާހަކަ ދައްކާކަށް ގަސްތެއް ނުކުރި އެވެ. މެންދުރު އެ ގެއިން ނުކުންނަމުން މޭޒުމަތީގައި ބާއްވާފައިދިޔަ ގުލްދަސްތާ ނިއުޅައިލުމަށްފަހު އެއިން ފަހަރަކު މަލެއް ނަގައި ފެންޖަގުގެ ތެރޭގައި އަތުރަން ފެށި އެވެ. އެ މަސައްކަތުގައި އުޅުނު އިރުވެސް އޭނާގެ ނަޒަރު އިރުއިރުކޮޅާ ނަދާލްއާ ދިމާލަށް ދަތުރު ކޮށްލަ އެވެ. ފިކުރުތަކަށް ގެއްލިފައިވި ވަރުން ނަދާލް އެ ހުންނަނީ ކައިރީގައިހުރި ގޮނޑި ދަމާލައި އިށީންނަންވެސް ހަނދާން ނެތިފައި ކަހަލަ އެވެ. އިރުއިރުކޮޅާ ފުން ނޭވާއެއް ދޫކޮށްލާއިރު، ނިތްކުރިއަށް ގިނަވެފައިވާ ރޫތަކުން އެކަނިވެސް އޭނާގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވާކަމަށް ހެކިދެ އެވެ.

އައިލީން އޭނާ ކުރަމުންދިޔަ މަސައްކަތް ހުއްޓައިލުމަށްފަހު ނަދާލްއާ ގާތަށް ޖެހިލި އެވެ. ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓެއްކަމަކު ނަދާލްއަށް އުނދަގުލެއްވާކަން އެނގިހުރެ ދުރުގައި ހުންނަން އައިލީންގެ ހިތް ނުރުހުނީ އެވެ. މޭޒުގައި ވިއްދާލައިފައިހުރި ނަދާލްގެ އަތްތިލައިގެ މަތިން އޭނާގެ އިނގިލިތައް ހިންގައިލީ ނަދާލްއަށް ކިރިޔާ އެ ބީހުން އިހުސާސްވާނެހާ މަޑުމަޑުންނެވެ. ނަދާލް ވަގުތުން ހަށިގަނޑު ސީދާކޮށްލަމުން މޭޒުގައި ވިއްދާލެވިފައިވާ އަތަށް ލުޔެއް ދިނެވެ. އައިލީންގެ އަތް މުޅީން އޭނާގެ އަތާ ވަކިވެ ނުދަނީސް އެ އަތުގެ އިނގިލިތަކުގެ ދޭތެރެއަށް އޭނާގެ އިނގިލިތައް މަހައިލި އެވެ. ދެން ފެނުނީ އައިލީން އެދެމެދުގައިވި ޖާގަ ނައްތައިލަމުން ނަދާލްގެ މޭގެ ތެރޭގައި ބޮނޑިވެލި ތަނެވެ.

ނަދާލްގެ ނިތްކުރީގައިވި ރޫތައް ވަގުތުން ފިލައިދިޔަ އެވެ. އޭނާ ހުރީ ހަމަ ހަގީގަތުގައިވެސް ކުންފުންޏާމެދު ހާސްވެ ބިރުގެންފަ އެވެ. ކިޔާރާގެ ފަރާތުން އިވުނު ވާހަކަތަކުން ރުޅި އައިސްފަ އެވެ. އަދި މައިރާއާ ވާހަކަ ދެކެވުނު ގޮތާމެދު ދެރަވެސް ވެފަ އެވެ. އެ ޖަޒްބާތުތައް މަސްހުނިވެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު އައިލީންގެ އެ ސާދާ، މަޑުމޮޅި ހަރަކާތްތަކުގެ ސަބަބުން މަޑުޖެހިލައިފި އެވެ. އާނއެކެވެ. ބަސްމޮށުންތެރި ކަމަކާނުލައިވެސް އައިލީން އޭނާގެ ހާލަތު ވަރަށް ރަނގަޅަށް ދެނެގަނެ، އޭނާގެ ހިތަށް ތަސައްލީއެއް ގެނެސްދީފި އެވެ. އައިލީންގެ ހަށިގަނޑުގައި ދެއަތް ވަށައިލަމުން ނަދާލްއަށް ވަރުބަލިވެފައިވާ މީހަކު ފަދައިން ދެލޯ މަރައިލެވުނެވެ.

"ތެންކްޔޫ" މިނެޓެއްހާއިރަށްފަހު އައިލީން އޭނާއާ ދުރަށް ޖެހިލުމުން ނަދާލް ބުނެލި އެވެ.

"ޔޫ ވިލް ގެޓް ތްރޫ ދިސް" ނަދާލްގެ މޭގައި ފިރުމައިލަމުން އައިލީން ބޯ ޖަހައިލީ އޭނާއަށް ނަދާލްއާމެދު އެ އިތުބާރު އެބައޮތޭ ބުނާ މޭރުމަކުންނެވެ.

"އަހަރެން.. އަހަރެން މައިއާ ވާހަކަދައްކައިގެން ވާނޭ ގޮތެއް ނޫން އެއީ.. އައި.. އައި ޝުޑް އެޕޮލޮޖައިޒް" ނަދާލްގެ ކޮނޑުއެލި، މޫނުމަތި މިލާފައިވާ ގޮތުން މައިރާއާމެދު ކަންތައް ކުރެވުނު ގޮތާމެދު ދެރަވެފައިވާކަން ހާމަވެ އެވެ.

"ޔެސް ޔޫ ޝުޑް.. އެކަމަކު ދެން މައި ހަމަޖެހިލީމަ މާދަމާ ވާހަކަ ދައްކާނީ" އައިލީންއަށް ފެންނަ އެންމެ ރަނގަޅު ގޮތް ނަދާލްއާ ހިއްސާކުރި އެވެ.

"އައި ރިއަލީ ޑިޑިންޓް މީން އެނީ އޮފް ދެޓް.. ލޫނާއަށް އެނގެއެއްނު އަހަރެންނަށް ރުޅި އައިމަ ވިސްނާނުލާ އެއްޗެހި ބުނެވޭކަން. އަހަރެން.. އަހަރެންނަށް ލޫނާއާ ދިމާލަށްވެސް ބުނެވިފަ ހުރީ މާ ރަނގަޅު އެއްޗެއްސެއް ނޫން" ނަދާލް އިތުރަށް މާޔޫސްވި އެވެ.

"ދެން މާ ކުރީގެ ވާހަކަތައް ދައްކައިގެން އިތުރަށް ބޯ ހާސް ނުކުރޭ.. އަހަރެންނަށް ޔަގީން މައި މަޢާފު ކުރާނެކަން. މައިއަށް ނޭނގި އެހެން ކާކަށް ވަކި ނަދާލްގެ ގޮތް އެނގޭނީ؟" ނަދާލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އައިލީން ހިތްވަރު ދިނެވެ. ނަދާލް ބަސް ގަބޫލުކުރާ ކުޑަކުއްޖަކު ފަދައިން ބޯ ޖަހައިލި އެވެ. "އާރ ޔޫ އޯކޭ؟ އާދެބަ މިތާ އިށީނދެލަން" އައިލީން އަދިވެސް ކަންބޮޑުވެފައިހުރެ ނަދާލްގެ އަތުގައި ހިފައިގެންގޮސް ސޯފާގައި ބޭންދި އެވެ. "އެބަ އަންނަން ފެންތަ-"

"އައިމް އޯކޭއޭ ލޫނާ" އައިލީން ދުރަށްދާން އުޅުމުން ނަދާލް އެކަން މަނާކުރި އެވެ. "ޔޫ ޓެލް މީ.. ކިހިނެއްތަ މައްސަލައިގެ ކަންތައް ދިޔައީ؟ ބޯ ގޮވާފަ ހުރިވަރުން އަހާވެސް ނުލެވިގެން މި އުޅެނީ. ސޮރީ.. ބަރތްޑޭވެސް ހަރާބުވީ ދޯ" އޭނާ ބުންޏެވެ.

"އިޓްސް ފައިން.. މައްސަލަ ޖެއްސިން" އައިލީން ނަދާލްއަށް ހަދިޔާކޮށްލި ހިނިތުންވުމުގައި އުފާވެރިކަމުގެ އަސަރެއް ނެތެވެ.

"ނޯ. ނޯ. ނޯ. ޑޯންޓް ޑޫ ދެޓް! ދެއަރ އިޒް ނަތިންގް އައި ހޭޓް މޯރ ދޭން ފޭކް ސްމައިލްސް.. ނައު ޓެލް މީ. ހުރިހާ ވާހަކައެއް ކިޔައި ދިނިންތަ؟" އައިލީންގެ ތުންފަތްމަތިން އަތުގެ ބޮޑުވައި އިނގިލި ހަރަކާތް ކޮށްލަމުން ނަދާލް އެ މަސްނޫއީ ހިނިތުންވުން ފުހެލި އެވެ.

"ހްމްމް ކިޔާ ދިނީމޭ. އެކަމަކު ހިތަށް އަރާ ކުރިން މައްސަލަ ޖެއްސުނުނަމަ އޭ. ކުއް.. ކުއްލިއަކަށް ހުރިހާ ކަމެއް ހަނދާންކުރަން ޖެހުނީމަ ވަރަށް އުނދަގޫވި" އައިލީންގެ އަޑު ކުރެހެން ފެށުމާއެކު ނަދާލް ހިތްވަރު ދިނުމުގެ ގޮތުން އައިލީންގެ އަތަށް ފިއްތައިލި އެވެ. "އަހަރެން ހީކުރީ ފިޒިކަލީ ހީލް ނުވިޔަސް.. މެންޓަލީ އެކަމުން އަރައިގަނެވިއްޖެ ކަމުގަ. އެކަމަކު މިއަދު އެ ހުރިހާ އެއްޗެއް.. ކުއްލިއަކަށް.. ހަނދާން ކުރަން ޖެހުނީމަ އައި.. އައި.. ހޭޑް އަ ޕެނިކް އެޓޭކް އެންޑް.. މައި ހުރީމަ ކިރިޔާވެސް-"

"އިޓްސް އޯކޭ.. ބެޓަރ ލޭޓް ދޭން ނެވަރ" އައިލީންއަށް ވާހަކަ ކުރިއަށް ގެންދަން އުނދަގޫވިހެން ހީވެ ނަދާލް އައިލީންގެ ކޮނޑުގައި ފިރުމައިލި އެވެ. "ދެން އެކަންތައްވެސް އެ ނިމުނީނު. ދެން އެއްވެސް ކަމަކާ ބިރުގަންނާކަށް ނުޖެހޭނެ. އައި ވިލް ޑޫ އެވްރީތިންގް އިން މައި ޕަވަރ ޓު ކީޕް ހިމް އިން" ނަދާލް ޔަގީންކަން ދިނެވެ. އައިލީން އެންމެ ރަނގަޅޭ ބުނާ ފަދައިން ބޯ ޖަހައިލަމުން ނަދާލްގެ ކޮނޑުގައި ބޯ އަޅައިލި އެވެ.

"ލޫނާ.." ނަދާލް ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން އައިލީންއަށް ގޮވައިލި އެވެ. "ލޫނާ ދެންމެ ބުނީމެއްނު ފިޒިކަލީ ހީލް ނުވާ ވާހަކަ.. ވަޓް އިޒް އިޓް؟ ޑޫ ޔޫ ފީލް ޕެއިން؟ އެނީ ވެއަރ؟ އެއްވެސް ތާކަށް ތަދުވޭތަ؟ ލޫނާ ބޭސް ނުކަންތަ؟" ނަދާލް ބުމަ ގޮށްޖަހައިލަމުން އައިލީންއާ ދުރުވެލި އެވެ. އޭނާ އައިލީންގެ ދެއަތުގައި ހިފަހައްޓައިލަމުން ފަރުވާތެރިކަމާއެކު އައިލީންގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ނަޒަރު ހިންގައިލީ އަނިޔާގެ އެއްވެސް އަސަރެއް ފެނޭތޯ އެވެ.

"މިއީ.. އަނެއް.. ބައެއް.. ބައެއްފަހަރު އަތަށް ވަރަށް ތަދުވޭ.. މިތަން.. މާގިނައިން ޑިސްލޮކޭޓްވެފަ ހުރީމަ" އައިލީން ޖެހިލުންވެފައި އިނދެ އުޅަނބޮށީގައި ހިފަހައްޓައިލި އެވެ.

"ވެއަރ އެލްސް؟" ނަދާލް އިތުރަށް އޮޅުންފިލުވި އެވެ. އެހެނަސް ނަދާލްގެ ސުވާލަށް މިފަހަރު އައިލީންގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. ވުމާއެކު ނަދާލް އަނެއްކާވެސް އަކުރުތަކަށް ދަމައިލަމުން އައިލީންއަށް ގޮވައިލި އެވެ. ކުރިން ނެތް ހަރުކަށިކަމެއް އަޑަށް ވެރިކޮށްލަމުންނެވެ. އައިލީން ލަސް ހަރަކާތަކާއެކު ދަށްބަނޑުގައި އަތް ޖައްސައިލީ އެހިސާބުންނެވެ.

"މައިޝާން.. އެގޮތަށް ހެދި ފަހުން.. ބައެއް ފަހަރު ވަރަށް ރިއްސާ... ވެން އައި ގެޓް މައި ޑޭޒް.. އިޓްސް އަންބިއަރެބަލް.. އެކަހަލަ ދުވަސްދުވަހު އޭނަގެ ނުލަފާކަން އެންމެ ހަނދާން ވަނީ.. އަހަރެން އޭރުވެސް ބުނީމޭ އަހަރެން ނަދާލްއަކާ އެއްވެސް ގުޅުމެއް ނެތޭ. ބުނީމަވެސް މައިޝާން އެތައް.. އެތައް ފަހަރަކު އަހަރެން.. އަހަރެން ރޭޕް ކު-"

"ޝްޝްޝް" އައިލީންގެ އަޑު ކުރެހެން ފެށުމުން ނަދާލް ގެނައި ކުއްލި ހަރަކާތާއެކު އައިލީން އޭނާގެ މޭގެ ތެރޭގައި ބޮނޑިކޮށްލި އެވެ. އެއާއެކު ކިތަންމެ ކޮންޓްރޯލްކުރަން މަސައްކަތް ކުރި ނަމަވެސް އައިލީންގެ ބަޑި ފަޅައިގެން ދިޔަ އެވެ. އެ ބިރުވެރި ހަނދާންތަކުން އަދިވެސް އޭނާގެ ހިތަށް ދަތިކަން ގެނުވަނީ ވަގުތާއި ހާލަތަށް ކުޑަވެސް ބަލައިލުމެއް ނެތި އެވެ.

އައިލީންގެ ދެތުންފަތް ފޫ އަޅުވައިލާ އޭނާގެ ކަންފަތާ ހަމައަށް ފޯރާ ކޮންމެ ގިސްލުމަކާއެކު ނަދާލްގެ ލޭ ކެކި ގަންނަނީ އެޔެއް މިއެއް ބަލައިފައެއް ނޫނެވެ. މައިޝާންގެ ހިޔަނި އައިލީންގެ ހަޔާތުން މުޅިންހެން ފޮހެލެވިއްޖެކަމަށް ހީކުރެވިފައިވިޔަސް އެއީ ކުށް ހީއެއްކަން އޭނާއަށް މި އެނގުނީ އަދި ކިރިޔާ އެވެ. އެ އަނިޔާތަކުން އަދިވެސް އައިލީންއަށް އެ ދަނީ ވޭން ލިބެމުންތާ އެވެ؟ އޭނާއަށް އަދި އިތުރު މީހަކަށް ނޭނގިވެސް އެކުއްޖާ ފަކީރު ހާދަ ހާލެއްގައި އުޅެފިތާ އެވެ؟ ނަދާލް އިތުރަށް އައިލީން އޭނާގެ ގަޔާލައި ފިއްތައިލަމުން އައިލީންގެ ބޮލުގައި ތުންފަތް ޖައްސައިލި އެވެ. ކިތަންމެ ބޮޑު އަގެއް ދައްކައިގެން ނަމަވެސް އޭނާ އައިލީންއަށް ވި ވައުދުގައި ހިފަހައްޓާނެ އެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައި މައިޝާން ހައްޔަރުކޮށް ސަލާމަތް ނުވެވޭވަރު ކުރާނެ އެވެ.

އިރުކޮޅެއްފަހުން އައިލީންގެ ރުއިން ކޮންޓްރޯލު ކުރެވުމުން ނަދާލްއާ ދުރަށް ޖެހިލި އެވެ. އޭނާ އުޅުނީ ނަދާލްގެ ކިބައިން މަޢާފަށް އެދޭށެވެ. ނަދާލްގެ ފިކުރުތަކަށް ލުޔެއް ހޯދައި ދިނުމަށްޓަކައި ނަދާލްއަށް ހިތްވަރުދޭން ބޭނުންވި ވަގުތުވެސް ބަލިކަށިވެގެން މި ދިޔައީ އޭނާ ވިއްޔާ އެވެ. އެހެނަސް އައިލީންއަށް އެއްޗެކޭ ބުނަން އަނގަ ހުޅުވައި ނުލެވެނީސް ނަދާލް ވާހަކަދައްކަން ފެށި އެވެ.

"އިޓްސް ބީން އަ ލޯންގް ޑޭ އެންޑް ޔޫ ލުކް ޓަޔަޑް.. ދޭބަ ފްރެޝްވެލައިގެން ޖައްސާލަން. އަހަރެންވެސް އިރުކޮޅަކު މަސައްކަތް ކޮށްލަން އިނދެލާފަ ދެން ރެސްޓެއް ނަގާނީ" ނަދާލް ބުންޏެވެ. އައިލީން އެކަމާ ދެކޮޅު ނެހެދީ އެއީ ނަދާލް އެންމެ ބޭނުންވާ ގޮތް ކަމުގައި ނިންމަމުންނެވެ. އޭނާ ނަދާލްއާ ރޭގަނޑުގެ ސަލާން ކުރުމަށްފަހުގައި ގޮސް ކޮޓަރިއަށް ވަނެވެ.

އައިލީންގެ ފަހަތުން ކޮޓަރީގެ ދޮރު ލެއްޕެމުންދިޔަ މަންޒަރު ބަލަން އިނުމަށްފަހު ނަދާލް ނުކުތީ ބެލްކަންޏަށެވެ. އޭރު އައިސްފައިހުރި ރުޅިން ނަދާލްގެ ހަތަރެސްފައި ތުރުތުރުލަމުން ދިޔަ އެވެ. އައިލީންގެ ވާހަކަތަކާއި އެ ގިސްލުމުގެ އަޑު ހަނދާންވާ ކޮންމެ ފަހަރަކު އެ ރުޅިގަނޑު ހަމައިން ނެއްޓިދާނެއޭ ހީވެ އެވެ. މިވަގުތު ކޮންމެވެސް މީހަކަށް އެ ރުޅިގަނޑު އަމާޒު ނުކުރެވިއްޖެނަމަ އޭނާ ހަމަ ރަނގަޅަށްވެސް މޮޔަވެދާނެއޭ ހީވާން ފެށުމާއެކު ނަދާލް ފޯނު ނަގައި ގުޅައިލީ އިޒްކާގެ ނަންބަރަށެވެ. އާނއެކެވެ. އައިލީންއަށް އެ ލިބުނު އަނިޔާގައި ހިއްސާވި އެއްވެސް މީހަކަށް އޭނާ މަޢާފެއް ނުކުރާނެ އެވެ. ވީއިރު، މައިޝާންއާއި ކިޔާރާއަށްފަހު އޭނާގެ ރުޅިވެރިކަން އެންމެ ހައްގުވާ މީހަކީ އިޒްކާ އެވެ. އިވެމުންދިޔަ ކޮންމެ ރިންގަކާއެކު ނަދާލްއަށް އިނގިލިތަކުގެ ކުރިން ރެއިލިންގައި ޖަހައިލެވެނީ އިޒްކާ އެ ފޯނު ނަގާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.

"ޔޫ. އާރ. އަ. ބި*!" ތިން ރިންގަށްފަހު އިޒްކާ ފޯނު ނެގުމުން ނަދާލް އިޒްކާއަށް އަނގައިން ބުނެލާނޭ ފުރުސަތެއްވެސް ނުދިނެވެ.

"ވަޓް ދަ ހެލް؟ ނެޑް؟ ކިހިނެއްވީ؟" އިޒްކާއަށް ހުރެވުނީ ހަމަ ރަނގަޅަށްވެސް ވާނުވާގަ އެވެ.

"ހެހެ. ކިހިނެއްވީހޯ" ނަދާލް ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. "ވީކަމެއް އިޒްކާއަށް ހަމަ ރަނގަޅަށް އެނގޭނެ. އިޒްކާގެ ތި މައުސޫމު ސިފައިގެ ފަހަތުގަ ވަރަށް ރަނގަޅަށް އިޒްކާގެ ނުބައިކަން ފޮރުވައިގެން އުޅެފީމެއްނު! އައި ޝުޑް ހޭވް ފަ*** ނޯން އިޓް! އަހަރެންނާ ކައިވެނި ކުރަންވެގެން ކާފައާއި މުޅި ދެ އާއިލާ މެނިޕިއުލޭޓްކުރި މީހަކަށް ކިޔާރާއާއި މައިޝާން މެނިޕިއުލޭޓް ކުރުމަކީ ކަމަކަށް ނުވާނެއެއްނު" ބާރުކޮށް ޖައްސާލެވިފައިވާ ދެ ދަތްޕިލައިގެ ދޭތެރެއިން ނަދާލްގެ އަޑު ނުކުންނަނީ ކިރިޔަ ކިރިޔާ އެވެ.

"ކިޔާރާ ބުނީ ދޯ. ދެން ކީއްކުރާނީ؟ ނިމުނުކަމެއް ނިމުނީނު؟" ވެގެން އުޅޭ ކަންތައް ރޭކައިލުމާއެކު އިޒްކާ ދޫކޮށްލީ ފުން ނޭވާ އެކެވެ. ދިފާއުގައި ބުނާނެ އެންމެ އެއްޗެއްވެސް އޭނާއަށް ނުވިސްނުނީ އެވެ.

"ނިމުނުކަމެއް ނިމުނީ އޭ؟ ޔޫ ފަ*** ބި* ޑޫ ޔޫ ހޭވް އެނީ އައިޑިޔާ ހައު މަޗް ޝީ ސަފަރޑް އިން ދެޓް ފަ*** ހެލް އޮފް އަ މެރިއެޖް؟!" ނަދާލްގެ އަތް ފައެކޭ އެއްފަދައިން އޭނާގެ އަޑުވެސް ރުޅިން ތުރުތުރުލާން ފެށި އެވެ. މިވަގުރު އިޒްކާ އޭނާއަށް ފެންން ހިސާބެއްގައި ހުރިނަމަ އަތުން ފައިން ގޯހެއް ހެދޭނެކަން އޭނާއަށް ކަށަވަރެވެ.

"ދެން އަހަރެންނަށް ކީކޭތަ ބުނެވޭނީ ނެޑް؟ ޔޫ ކޭން ކޯލް މީ އަ ބި* އޯރ ވަޓެވަރ އެލްސް ދެޓް މޭކްސް ޔޫ ހެޕީ އެކަމަކު އަހަރެންވެސް މަސައްކަތް ކުރީ އަހަރެންގެ ލޯބި ހޯދަން. އައިލީންގެ ނިކަމެތި ހާލު ވަރަށް ރަނގަޅަށް އެނގިހުރެ އަހަރެން މައިޝާން އައިލީންއާ ކައިވެނި ކުރުވަން ކިޔާރާ ކޮންވިންސް ކުރީ. އައި ތޯޓް އައި ވޯޒް ޑުއިންގް އޯލް އޮފް ޔޫ އަ ފޭވަރ. ގޮތް ހުސްވެފަހުރި ކުއްޖަކަށް ގޮތެއް ހޯދައިދީގެން.. މައިޝާން ކިޔާރާ ގާތުން ސަލާމަތްކޮށް އާއިލާގެ ތެރެއަށް ގެނެސްދީގެން އަހަރެން ހީކުރީ އަހަރެން އެ ކަންތައް ކުރީ އެންމެނަށްވެސް ރަނގަޅަކަށް ކަމަށް. ކޮންމެ ގޮތަކަށް ކައިވެނި ކުރެވުނަސް އަހަރެން އުއްމީދު ކުރީ މައިޝާން ފަހުންވިޔަސް އައިލީންއާއެކު ލޯބިން އުޅޭނެ ކަމަށް. އަހަރެންނަށް ކިހިނެއްތަ އެނގެނީ މައިޝާން އެބިއުސިވް ވާނެ ކަމެއް؟ އައި މޭޑް އަ މިސްކަލްކިއުލޭޝަން އޯކޭ؟ ބަޓް ޑޯންޓް އެކްސްޕެކްޓް އެން އެޕޮލޮޖީ ފްރޮމް މީ! އައިމް ނޮޓް ސޮރީ ފޯރ ވަޓް އައި ޑިޑް" އިޒްކާ ބުންޏެވެ.

"ވަޓް ދަ- އައި ސްވެއަރ އައިމް ގޮނަ ލޫޒް މައި މައިންޑް ހިޔަރ.. ނޮޓް ސޮރީ އޯ! ބި* ޔޫ ހޭވް ސަމް ފަ*** އޮޑޭސިޓީ-"

"ޔެސް! އައިމް ނޮޓް ސޮރީ ބިކޯޒް އެޓްލީސްޓް އައި ފޯޓް ފޯ ވަޓް އައި ވޯންޓް ނަދާލް! އަންލައިކް އަ ކަވަރޑް ދެޓް ރަންސް ފްރޮމް އެވްރީތިންގް އަންޓިލް އިޓްސް ޓޫ ލޭޓް އައި ފޭސްޑް އިޓް!" ނަދާލްއަށް ބަހުގެ ހަމަލާއެއް ފޮނުވައިލުމަށްފަހު އިޒްކާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "ނަދާލްއާ ބްރޭކްއަޕްވި ދުވަހު އަހަރެން ބުނީމެއްނު ފަހުން އަހަރެންނަށް މަޢާފު ކުރަން އުނދަގޫ ދުވަހެއް އައިއްޔާ އަހަރެންގެ ހާލަތު އަންޑަރސްޓޭންޑްވާން މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރަމޭ.. އަހަރެން ކުރިކަމެއް ކުރީ ނަދާލްދެކެ ލޯބިވާތީ. އަހަރެންނަށް ފެނުނީ ދިހަ އަހަރުވަންދެން އަހަރެން އެ މީހެއްދެކެ ލޯބިވި މީހާ އެހެން މީހެއްގެ ހައްގަކަށް ވާން ފެށިތަން. އެކަން ހުއްޓުވަންވެގެން އަހަރެން ކުރި ކަމެއް ކުރީ. ނަދާލް ޗީޓް ކުރިކަން އެނގުނީމަވެސް އެކަން އަހަރެންނަށް ނޭނގޭކަމަށް ހަދައިގެން ހުރީ ނަދާލް އަހަރެން ދޫކޮށް ނުލާހާ ހިނދަކު ހޯދުނު ގޮތަކަށް ނަދާލް ހޯދަން ހިތު އަޅައިގެން! އެނގޭ އަހަރެންނަށް އެކަން ކާމިޔާބެއް ނުވިކަންވެސް ބަޓް ޔޫ ނޯ ވަޓް؟ ނަދާލް ހޯދަން އަހަރެން ކުރި ހުރިހާ ކަމެއް.. އައި ވުޑް ޑޫ އިޓް އަގައިން އެންޑް އަގައިން އިވަން ފޯރ އަ ސްލައިޓް ލިޓްލް ޗާންސް ޓު ބީ ވިތް ޔޫ!"

"ޔޫ ހޭވް ޒީރޯ ފަ*** ޗާންސް!" ނަދާލް ބުންޏެވެ. އޭނާގެ ކޮންމެ ލަފްޒަކުން އިޒްކާއަށް އަނިޔާދޭން ބޭނުންވެފައިވާ ފަދައެވެ. އިޒްކާގެ ހިތް ކޮށައި ކުދިކޮށްލަން ބޭނުންވެފައިވާ ފަދަ އެވެ. އެވަރުންވެސް އިޒްކާ އައިލީންއަށް އެ ދިން އަނިޔާގެ ބަދަލު ހިފޭނޭހެނެއް ހިއެއްނުވެ އެވެ.

"އެނގެޔޭ ތިކަން. އެނގޭތީއެއްނު މިހާރު ދުރުގަ މިހިރީ. ދެން އަހަރެންނަށް ވަރަށް ރަނގަޅު ނަދާލްވެސް މިކަން ހަނދާން ނައްތާލާފަ އަހަރެން ދުރުގަ ހުންނަން ފުރުސަތު ދިނިއްޔާ!" އިޒްކާ އެންމެފަހުން ކޯލު ކަނޑައިލި އެވެ.

ނަދާލް ފޯނުގައި ހިފަހައްޓާލައިގެންހުރި އަތަށް އިތުރު ބާރެއްލަމުން ފޯނާއެކު އެ އަތުގެ ހަމަލާއެއް ރެއިލިންގް މައްޗަށް ދޫކޮށްލި އެވެ. އެ ހަމަލާއާއެކު ފޯނުގެ ތިރީކަނުން ޑިސްޕްލޭގައި ބޮޑު ރެނދެއް ލައިގެން ދިޔަ ނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. ދެލޯ މަރައިލަމުން ރެއިލިންގްގައި ބާރަށް އަތް ވިއްދައިލިއިރު އެރޭ ހިނގައިދިޔަ ހުރިހާ ކަމެއް އޭނާގެ ސިކުނޑީގައި ފިލްމެއްގެ މަންޒަރުތަކެއް ފަދައިން ތަކުރާރުވަމުން ދިޔަ އެވެ.

**************

އޮފީހުގެ މުވައްޒަފުންނާ ހެނދުނުގެ ސަލާން ކޮށްލުމަށްފަހު ޝާވިން ކޮފީ ހިފައިގެން ކެބިންއަށް ވަދެ ގޮނޑީގައި ހަމަޖެހިލި އެވެ. ދުވަހުގެ މަސައްކަތްތައް ފެށުމުގެ ކުރިން އަބަދުވެސް ފާއިތުވެދިޔަ ދުވަހާގުޅޭ އެންމެ ފަހުގެ ހަބަރުތައް ކިޔުމަށް އާދަވެފައިވާތީއާއެކު އޭނާ އެ އާދައިގެ މަތިން ލެޕްޓޮޕުން ދެތިން ދިވެހި ނޫސް ސައިޓެއް ހުޅުވައިލި އެވެ. ކޮންމެ ނޫހަކުންވެސް ގެނެސްދީފައިވާ ހަބަރުތަކުގެ ސުރުހީ ކިޔައިލުމަށްފަހު ޝައުގުވެރިވާ ކަހަލަ ލިޔުމެއް ފެނިއްޖެނަމަ ތަފްސީލުވެސް ކިޔައިލަ އެވެ. އެގޮތަށް އެކި ހަބަރުތައް ކިޔަމުންގޮސް ވަކި ހިސާބަކުން އަށާވީސް އަހަރުގެ ޒުވާނެއްގެ "މަގްޝޮޓް" އާއެކު ނޫހަކުން ޝާއިޢު ކޮށްފައިވާ މަސްތުވާތަކެއްޗާ ގުޅޭ ހަބަރެއް ފެނި ޝާވިންގެ ބުމަ ގޮށް ޖެހިލި އެވެ. އެ ފޮޓޯގެ ތިރީގައި ޖަހާފައިވާ ނަމާއި އެޑްރެސް އޭނާ ދަންނަ ނަމާއި އެޑްރެހަކާ މާބޮޑަށް ވައްތަރުވީ އެވެ.

"މުހައްމަދު މައިޝާން ހެންވޭރު ފްލޮރެންސް؟" ޝާވިން އެ ހަބަރުގެ ތަފްސީލުތައް ހުޅުވައިލަމުން އެ ނަން ކިޔައިލީ އެއްޗެއް ހަނދާން ކުރަން އުޅޭ ފަދައަކުންނެވެ.

"މައިޝާން.. ފްލޮރެންސް.. ކުޑް އިޓް ބީ؟ ޑޭމްން! ލީންގެ އެކްސް!" ހަބަރުގެ ތިރިއަށް ކަހައިލުމާއެކު ތަފްސީލުތަކުގެ ތެރެއިން 'އައި.އައި.އެމް އެންޓަރޕްރައިޒަސް' އާގުޅޭ މައުލޫމާތުތައް ފެނި ޝާވިންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސިކުންތެއްވެސް ލަސްނުކޮށް ފޯނު ނަގައި އޭނާ އިވާންއަށް ގުޅައިލި އެވެ.

"އޭ. ހަބަރު ދުށިންތަ؟" ދެތިން ރިންގަށްފަހު އިވާން ފޯނު ނެގުމާއެކު ޝާވިންއަށް އަހައިލެވުނެވެ.

"ތިވާހަކަ ނުދައްކާ. ދައްތަވެސް ވަރަށް ހާސްކޮށް އުޅެނީ.. ޖައްސާލަބަ މިކޮޅަށް ފްރީ ވެލީމަ" އިވާން ވާހަކަ ގިނަ ނުކޮށް ފޯނު ކަނޑައިލުމުން ޝާވިން އޭނާ ގެނައި ކޮފީތަށި އެއް ނޭވާއިން ހުސްކޮށްލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ކެބިންއިން ނުކުތެވެ.

ފަސްމިނަޓު ފަހުން ޝާވިންގެ ސައިކަލު މަޑުކޮށްލީ އިވާންމެންގެ ގެ ކުރިމައްޗަށެވެ. ގޭތެރެއަށް ވެރިވެފައި އޮތް ފަޅުކަމުގެ ތެރެއިން އިވެމުންދިޔަ މާޒިޔާގެ އަޑަށް ސަމާލުކަން ދެމުން އޭނާގޮސް ވަނީ ބަދިގެ އަށެވެ. އޭރު މާޒިޔާ ފޯނެއްގައި ހުރެ ކޮންމެވެސް މީހަކާ ހިނގައިގެން އުޅޭ ކަންތަކުގެ ވާހަކައެއް ދައްކަމުން ދިޔައިރު ކާމޭޒު ދޮށުގައި ސައިބޯން އިން އިވާން އިނީ އެ ވާހަކަތަކަށް ކަންފަތް ދީގެނެވެ. ޝާވިން ފެނުމާއެކު އިވާން ވާހަކަ ނުދައްކާށޭ ބުނެ އަތުން އިޝާރާތެއް ކޮށްލުމަށްފަހު އިންތަނުން ތެދުވެގެން އައިސް ޝާވިން ގޮވައިގެން ސިޓިންގްރޫމަށް ނުކުތެވެ.

"މަލްގެ ބައްޕައަށް ގުޅައިގެން އެ އުޅެނީ.. ވިޔަފާރި ކުރާކަމަށް ކުރާ ތުހުމަތު މައްސަލައަކީ.. އެހެންވެ ކުންފުނީގެ ނަންވެސް މި ކަންތައްގަނޑުގެ ތެރޭގަ ހިމެނިގެން އެ އުޅެނީ" އިވާން ސޯފާގައި އިށީނދެލަމުން ބުނެލި އެވެ.

"ސާރވްސް ދެމް ރައިޓް ފޯރ ވަޓް ދޭ ޑިޑް ޓު ޔޫ އެންޑް ލީން. އެކަކަށް ދެރަ ދީފަ އަނެކަކަށް ވަކި މޮޅެއް ނުލިބޭނެއޭ ބުނަނީ އެހެންވެ" ޝާވިން ފަރުވާކުޑަ ގޮތަކަށް ކޮނޑު އަރުވައިލި އެވެ.

"ދެން އެކަމަކު ތިގޮތަށް ވާހަކަ ނުދައްކަމާ ދޯ.. ރޭގަ މަލްގެ ކަންތަކާ ހާސްވެގެން އުޅެނިކޮށް މި ހަބަރު ލިބުނީމަ ދައްތަ އެ ހުންނަނީ ވަރަށް ބޯ ގޮވާފަ" އިވާން ބުންޏެވެ.

"މަލްގެ ކަންތަކޭ؟ މަލްއަށް ކިހިނެއްވީ؟" ޝާވިންގެ ކަންބޮޑުވުން ސިއްރު ކުރެވޭތޯ މަސައްކަތް ކުރަމުން އާދައިގެ ރާގެއްގައި އަހައިލި އެވެ.

"މަލް އަނެއްކާވެސް ކުޑަކޮށް ސަކަރާތްވެގެން…" އިވާން ދެންވެސް ޝާވިންގެ ސުވާލަކަށް ސީދާ ޖަވާބެއް ނުދިނެވެ.

"ތިވަރު އަހަރެންނަށް އެނގިއްޖެއޭ އިވާން ބުނި ފުރަތަމަ ޖުމްލައިންވެސް. އަހަރެން މި އެހީ މަލްއަށް ކީއްހޭ ވީ؟" ޝާވިން ތަކުރާރުކޮށްލި އެވެ.

"ޝޯންއަކަށް ހަމަ ނޭނގޭތަ މަލްއަށް ވެގެން އުޅޭ ގޮތެއް؟" އިވާން ޝާވިންގެ މޫނަށް ބަލައިލީ ޝާވިން އެ ކުރި ސުވާލުގެ ޖަވާބު ޝާވިންގެ މޫނުމަތިން ހޯދަން މަސައްކަތް ކުރަމުންނެވެ

"އަޖައިބެއް ނުވާނެތަ؟ އަހަރެންނަށް ކިހިނެއްތަ އެނގެނީ؟" ޝާވިން ޖޯޑުކޮށްލެވިފައިވާ އޭނާގެ ދެ އަތްތިލައަށް އިތުރު ބާރެއް ލަމުން ފުން ނޭވާއެއް ދޫކޮށްލި އެވެ. އިވާން ހަމަ ގަސްތުގައި އޭނާގެ ކެތްތެރިކަން އިމްތިހާނު ކުރަނީއޭ ހީވާން ފެށި އެވެ.

"މަލްއަށް ރޭގަ ޝޯން ފެނިގެން ފަހަތުން ދަނިކޮށް ސިޑިން ވެއްޓުނީ: އިވާން ބުންޏެވެ.

"ވަޓް؟ އަހަރެންނޭ؟ އިޒް ޝީ އޯކޭ؟" ޝާވިންގެ ހިތް ގޯސް ގޮތަކަށް ތެޅިލި އެވެ. މަލަކްއާމެދު އިންތިހާއަށް ކަންބޮޑުވެ އޭނާގެ މުޅި ނަފްސަށް ނުތަނަވަސްކަމެއް ވެރިވި އެވެ.

"މަތީގަ.. ދައްތަ ބޭސް ދިނީމަ ނިދާފަ. ޑޫ ޔޫ ވޮނަ ސީ ހަރ؟" އިވާން އަދިވެސް އިނީ ޝާވިންގެ މޫނަށް އަރައި ފައިބަމުންދިޔަ ކޮންމެ ކުލައެއް ދިރާސާ ކުރާށެވެ. ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިން ފައި ތަޅުވާލަ ތަޅުވާލައި އިނދެ ޝާވިން ސިޑިއާ ދިމާލަށް ބަލަމުންދިޔަ ގޮތް އޭނާގެ ލޮލުން ކައްސައެއް ނުލި އެވެ. ހީވަނީ ދެންމެދެންމެ އެ އިންތަނުން ތެދުވެގެން ސިޑިއާ ދިމާލަށް ދުއްވައިގެންފާނެ ހެނެވެ.

"ނޫން.. ބާއްވާ" ޝާވިންގެ ޖަވާބު އައީ އިވާން އުއްމީދުކުރި ގޮތަކަށް ނޫނެވެ.

"ޝޯން.. ދައްތަ ބުނި މީގެ ކުރިންވެސް މަލްއަށް އެކަހަލަ އެޕިސޯޑްސް އަންނަ ވާހަކަ. އޭރު މުޅިންވެސް ފެންނަނީ ދާނު ކަމަށް ވަނީ. މިފަހަރު އަދި އަލަށް އިތުރު މީހަކު އެ ފެނުނީ. އަހަރެންނަށް ހީވަނީ ޝޯން މި ދޭތެރެއިން މަލްއާ މާ ގާތްކޮށް އުޅެފަ ކުއްލިއަކަށް ދުރުވީމަ މަލްއަށް އެކަމުން އަސަރެއް އެބަ ކުރާހެން. މިހާރު ބްރޯއަށް މި ގެއަށްވެސް އާދެވޭ ކަމަކަށް ނުވެއެއްނު. ހޭވް އެނީތިންގް ޓު ސޭ؟" އިވާން ވަކި ކަމަކަށް އިޝާރާތް ކުރާ ފަދައިން ދެއްކި ވާހަކަ ނިންމައިލީ ޝާވިންގެ ފަރާތުން ޖަވާބަކަށް އެދެމުންނެވެ.

"ކީއް ކުރާނީ.. ކަންކަން ހުންނަގޮތުން ހަމަ ނާދެވެނީ ދޯ" ޝާވިން ދެކޮނޑު އަރުވައިލި އެވެ. އޭނާގެ އަމަލާއި ބަހުން ފަރުވާލެއް ނެތްކަން ދައްކަން އުޅުނު ނަމަވެސް އޭނާގެ ކަނދުރާގައި ހާސްކަމުގެ ދާ ތިކިތައް ހިލެން ފަށައިފި އެވެ. މަލަކްއާމެދު އޭނާއަށް މި ކުރެވޭ ބުނެދޭން ނޭނގޭ އިހުސާސް އިވާން ދެނެގެންފި ކަމަށް ޝާވިންގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

"ހެހެ. އައި ޑޯންޓް ބައި ދެޓް! ޝޯން ހީކުރީ އަހަރެން މިއީ ތަންދޮރު ނޭނގޭ ގަމާރެއް ކަމަށްތަ؟ އައި ސީ ޔޫ ބޯތް! އަހަރެން ބުނަން އޮތް ވާހަކައަކީ ޝޯންއަށް ކަމެއް ޕްރޮމިސް ނުކޮށްދެވެންޏާ މަލްގެ ފީލިންގްސްއާ ނުކުޅެ ދުރުގަ ހުންނާށޭ! މަލް މިހާރުވެސް އެހެރީ ވަރަށް ނާޒުކު ހާލަތެއްގަ. ޝީ ކެނޮޓް ބިއަރ އަނަދަރ ހާރޓްބްރޭކް"

މިފަހަރު އިވާންގެ ބަސްމަގު ހުރިގޮތުން ޝާވިންގެ ހާސްކަން ފިލައި ދިޔައީ ހިތްހަމަނުޖެހުމަށް ޖާގަ ދެމުންނެވެ. އޭނާ އުޅެނީ މަލަކްއަށް ދެރައެއް ދޭންކަމަށް ދޭހަވާ މޭރުމަކުން އިވާން އެ ދެއްކި ވާހަކަ ޝާވިންއަކަށް ކަމަކު ނުދިޔަ އެވެ. މަލަކް ނުވަތަ ކުށެއް ނެތް އެހެން އަންހެން ކުއްޖަކަށްވެސް ދެރައެއް ދިނުމަކީ އޭނާ ހުވަފެނެއްގައިވެސް ކުރާނެ ކަމެއް ނޫނެވެ. އޭނާ މަލަކްއާ ދުރުގައި ހުންނަނީ އޭނާގެ އަމިއްލަ ހިތަށް ވާ އުނދަގޫ ކުޑަ ކުރުމަށެވެ. މަލަކްގެ ހިތުން ޖާގަ ހުސްވެފައި ވަނީ އޭނާއަށް ނޫންކަމާއި މަލަކްގެ ހިތުގައި ހާއްސަކަމެއް ދެވިފައި ވަނީ އިވާންއަށްކަން ޔަގީން ކުރެވޭތީ އެވެ. އިވާންއަށް ހަމަ އެވަރު ނޭނގެނީބާއޭ ޝާވިންގެ ހިތަށް އެރި އެވެ. އެހެނަސް އޭނާއަށް ރައްދުގައި އެއްޗެއް ބުނަން އަނގަ ހުޅުވައި ނުލެވެނީސް މާޒިޔާ އައިސް އެމީހުންގާތު އިށީނދެލައިފި އެވެ. ވުމާއެކު އެ ދެމީހުންނަށްވެސް ޖެހުނީ މަލަކްގެ މައުޟޫޢު ދޫކޮށްލާށެވެ.

"ޒުހޫރުގާތު ބުނެފިން މާދަމާ ހެނދުނަށް ލޯންޗު ހަމަޖައްސަން" މާޒިޔާ އެ ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލަމުން ބުންޏެވެ. "ދެން ކޮންމެއަކަސް މަލް އެހާ އަންސްޓޭބަލްކޮށް އުޅެންޏާ މިއަދު ފުރުން ރަނގަޅެއް ނޫންތާ ދޯ؟ އަސްލު ދާކަށް ބޭނުމެއް ނޫން. އެކަމަކު ނުގޮސްވެސް ވާކަށް ނެތް. ޒީންތަވެސް ވަރަށް ދެރަވެފަ ހުންނާނީ. އެންމެ ދެރަވަނީ މައިއާ ދޭތެރޭ ވިސްނާލެވުނީމަ. އަސްލު މައިރާ ވަރަށް ލޯބިވާނެ އޭނަގެ ދޮންބެދެކެ. ކިތަންމެ ފަހަރަކު މައިޝާން ސަލާމަތް ކުރަންވެގެން އޭނަ ކުރާ ނުލަފާ ކަންކަމާ އެފަކީރު އެބަހުރި ހަވާލުވެފަ.. ލޯބިވާ މީހަކު ސަލާމަތްކުރަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކުއްޖެއް އެއީ"

މާޒިޔާގެ ވާހަކަ އިވުމާއެކު އިސްޖަހާލައިގެން އިން އިވާން ލަސްލަހުން އިސް އުފުލައިލަމުން ޝާވިންއަށް ބަލައިލި އެވެ. އޭރު ޝާވިންވެސް އިނީ އިވާންއަށް ބަލަހައްޓައިގެނެވެ. މާޒިޔާގެ ޖުމްލަ އިވާންއަށް އިވުނުތޯ ޔަގީންކުރަން އޭނާ ބޭނުންވީ އެވެ.

“ކުންފުނީގެ ކަންތައްތައްވެސް ވަރަށް ގޯސްކަމަށް މައުލޫމާތު ލިބެނީ. އެކަމުގެވެސް ހުރިހާ ރޯޅިއެއް އެފަކީރަށް ކަންނޭނގެ އަންނާނީ.. ނެޑް ކުންފުނިން ދުރަށް ޖެހުނީމަ މައި ކުންފުނި ހިންގުމާ ހަވާލުވާން ވެގެން މަސައްކަތް ކުރަމުންދިޔަ ވަރު އެނގޭނީ އަހަރެންނަކަށްނު.. ބައެއް ރޭރޭ އެފަކީރު އޮފީސް ނިންމާފަ މަލްގާތުގަ މަޑުކޮށްލަން އަންނައިރު ކޮޅަށް ހުރެވޭނެހާ ހަކަތަވެސް ނުހުރޭ ވިއްޔަ. މި އަންނަ މަހުގެ މީޓިންގްގަ މައި ހޮވަން ވޯޓު ނަގާ ގޮތަށް ހަމަޖެހިފަ އޮތީ.. ދުވަސް ކައިރިވެފަ އޮއްވާ މިހާ ބޮޑު ލައްގަނޑެއް ކުންފުނީގެ ނަމުގެ ޖެހުނީމަ މައިއަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނީ. މިއަދުވެސް މައިއާ ތިއްތިބެއާ ދެމީހުން އޮފީހަށް ދިޔަ ވަގުތު ނޫސްވެރިން އެމީހުން ވަށާލައިގެން ކިރިޔާއޯ އިމާރާތުގެ އެތެރެއަށްވެސް ވަދެވުނީ.. ކީއް ކުރާނީ ދޯ؟ އަހަރެން މި ހުންނަނީ އެފަކީރަށް ހިތްވަރުދޭން ބުނާނެ އެއްޗެއްވެސް ނޭނގޭތީ ގުޅާލަންވެސް ނުކެރިފަ" އިވިގެންދިޔަ ވާހަކަތަކުން އިވާންގެ ބުމަ ގޮށް ޖެހުނެވެ. މައިރާ ކުންފުނީގެ މަސައްކަތް ތަކުގައި އުޅޭކަން އެނގުނު ނަމަވެސް ކުންފުނީގެ ހިންގުމާ ހަވާލުވާން އުޅޭކަމުގެ ހަބަރަކީ އޭނާއަށް މުޅީން އާ ހަބަރެކެވެ. ކަން އެހެން އޮތްނަމަ ހިނގައިގެން މި އުޅޭ ކަންތަކުން މައިރާއަށް ވަރަށ ްބޮޑު އަސަރެއް ކުރާނެކަން އޭނާއަށްވެސް ޔަގީންވެ އެވެ. ކޮންމެއަކަސް މާޒިޔާއާއި ޝާވިން އެތަނުން ދިޔުމުންވެސް އިވާންއަށް އިނދެވުނީ ފުން ވިސްނުމެއްގަ އެވެ. މައިރާއަށް ގުޅައި ހާލު ބަލައިލާނީތޯ ނުވަތަ މައިރާއާ ބާއްވަމުންދާ ދުރުމިން އެ އޮތް ގޮތުގައި ބާއްވާނީތޯ އޭނާގެ ޟަމީރާ ސުވާލު ކުރެވެމުން ދިޔަ އެވެ.

****************

"ދެން ކިހިނެއް ހަދާނީ؟" މީޓިންގްރޫމުގެ ޓީވީއިން އަޅުވާލެވިފައިވާ ލައިވް ސީ.ސީ.ޓީ.ވީ ފުޓޭޖަށް ބަލަން އިނދެ މައިރާއަށް އަހައިލެވުނެވެ. އޭގެއިން ފެންނަމުންދިޔައީ އިމާރާތުން ބޭރުގައިހުރި ސައިކަލުތަކެއް މަތީގައި އިށީނދެލައިގެން ތިބި ނޫސްވެރިން ތަކެކެވެ. ހެނދުނުއްސުރެން އެމީހުން އެ އިމާރާތުގެ ބޭރުގައި މުގޯލި އަޅަމުން ދިޔުމުގެ ސަބަބުން މައިރާމެން މިހާރު އެތަނުގެ ތެރޭގައި ބަންދުވެފައި ތިބޭތާ ހައެއްކަ ގަޑިއިރު ފާއިތުވެއްޖެ އެވެ.

"ޒާރާއަށް ގުޅަމާ" ނަދާލް ބުނެލީ ކުންފުނީގެ ޕަބްލިކް ރިލޭޝަންސްގެ ކަންތައްތަކާ ހަވާލުވެގެން އުޅޭ މުވައްފުގެ ވާހަކަ އެވެ.

“އެ ކީއްކުރަން؟” މުރުޝިދަށް އަހައިލެވުނެވެ.

"އެމީހުންނާ ކޮންމެވެސް ޑީލެއް ހަދަން ޖެހޭނީ. އަހަރުމެންނަކަށް އެމީހުންނަކަށް ނުފިލޭނެ. ވީ ހޭވް ޓު ޑޫ ސަމްތިންގް. ސޭ ސަމްތިންގް. އެމީހުންގެ އެޓެންޝަން އެހެން ކަމަކަށް ޑައިވާރޓް ކުރާނެ ގޮތެއް ހޯދަން ޖެހޭނީ" ނަދާލް ތަންކޮޅެއް ރަނގަޅަށް ވިސްނައިލަމުން ބުންޏެވެ.

"ތިބުނީ؟" މުރުޝިދު އަނެއްކާވެސް ސުވާލުކުރި އެވެ.

"މިބުނީ... އަހަރުމެންގެ އެންމެ ބޮޑު މައްސަލައަކީ ޕްރެސްއޭ. ޕްރޮސެކިއުޝަނާ ހިސާބަށް މައްސަލަ ދިޔައިއްޔާ އަޅުގަނޑަށްވެސް ކުންފުނީގެ ނަން މި ކަންތައްގަނޑާ ވަކިކުރަން ކޮންމެވެސް ގޮތެއް ހެދިދާނެ. އައި ހޭވް އަ ފިއު ހޭންޑްސް ދެއަރ.. އެކަމަކު ޕްރެސް.." ނަދާލް އެ ޖުމްލަ ފުރިހަމަ ކުރުމުގެ ބަދަލުގައި ފުން ނޭވާއެއް ދޫކޮށްލި އެވެ. "އަޅުގަނޑަށް ފެންނަނީ ސީ.އީ.އޯ ބަދަލުކުރުން އަވަސް ކުރަން. އޭރުން ހަމަ ގައިމުވެސް އެމީހުންނަށް ދައްކާނެ އިތުރު ވާހަކައެއް ދެވޭނެ. އެހެންނޫނަސް މީހުންގެ އިތުބާރު އަލުން ހޯދަން ބޭނުމިއްޔާ މެނޭޖްމެންޓް ބަދަލުކުރަން އެންމެ ރަނގަޅު ވަގުތަކީ މިއީ"

"ރަނގަޅު ވާހަކައެއް ތި ބުނީ. މިވަގުތު ތިކަހަލަ ސްޓެޕެއް ނެގުމަކީ ކުންފުނީގެ ރެޕިއުޓޭޝަނަށް އެންމެ ފައިދާ ބޮޑު ގޮތް. މި ކުރެވުނު ތުހުމަތުތަކުގެ ފުރިހަމަ ޒިންމާއާއެކު ކުންފުނީގެ ހިންގުމުން ދުރަށް ޖެހޭކަށް އަހަރެންގެ މައްސަލައެއް ނެތް. ބަދަލު ގެންނަން ފެންނަނީ.. އޭރުން ޕަބްލިކަށްވެސް ޔަގީންވާނީ އަހަރުމެން ކުންފުނީގެ އެތެރެއިންވެސް މިކަހަލަ ކަންކަން ޓޮލެރޭޓް ނުކުރާކަން" އެ ތަނުގައި ދެކެވެމުންދިޔަ ވާހަކަ ކަނުލައި އަޑުއަހަން އިން މާޖިދު ގޮނޑީގެ ކުރިއަށް ޖެހިލަމުން ބުންޏެވެ. އޭނާގެ ވާހަކައަށް ނަދާލްއާއި މުރުޝިދުގެ ތަރުހީބު ލިބުނު ކަމުގައިވިޔަސް މައިރާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވި އެވެ.

"ބޭބޭ.. އަޅުގަނޑުވެސް ތިކަމާ ގުޅިގެން ވާހަކައެއް ދައްކަން ބޭނުންވެފަ މި އިންނަނީ" މައިރާ ޖެހިލުންވެފައި އިނދެ ބުންޏެވެ. މާޖިދު އެކަމަށް އިޒުނަދޭ ފަދައިން ބޯ ޖަހައިލުމާއެކު މައިރާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އެންމެ ފުރަތަމަވެސް ދޮންބެގެ ސަބަބުން މި ލިބުނު ގެއްލުމާ ގުޅިގެން އަޅުގަނޑާއި ބައްޕަގެ ފަރާތުން ވަރަށް ބޮޑަށް މަޢާފަށް އެދެ-"

"މައިރާ.. ބޭބެ ވަރަށް ހިތްހަމަނުޖެހޭނެ ތިގޮތަށް ވާހަކަ ދައްކަންޏާ. އެކަމަކީ މައިރާގެ ނޫނީ މުރުޝިދުގެވެސް އެއްވެސް ބައިވެރިވުމެއް އޮވެގެން ހިނގިކަމެއް ނޫންކަން ބޭބެއަށް ޔަގީންވޭ. އެހެންނޫނަސް މި ބޯޑުގަ މިތިބަ ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ހައިސިއްޔަތު ތަމްސީލުކުރާ މީހެއް. ފިޔަވަޅެއް އެޅިޔަސް އަޅާނީ އެމީހަކާމެދު ވަކިން. މާނައަކީ މައިޝާން ނޫނީ އެހެން މީހެއްގެ ފަރާތުންވިޔަސް މަޢާފަށް އެދެން ޖެހޭނެ އިތުރު މީހަކު ނުހުންނާނެއޭ. ގަވައިދުގަ ވާ ގޮތުން މައިޝާންގެ ދިހަ ޕަސެންޓް ހިއްސާ މިވަގުތަށް ވާނީ ތި ކުދިންގެ ކާފަ ދޫކޮށްދިޔަ ފަންސަވީސް ޕަސެންޓް ހިއްސާއާއެކު ބޯޑުގަ ހިފެހެއްޓިފަ. އެއަށް ހަދާނެ ގޮތެއް ދެން ތަންކޮޅެއް ފަހުގެ މުއްދަތެއްގަ ނިންމާނީ" މައިރާގެ ޖުމްލަ މެދުކަނޑައިލަމުން މާޖިދު އޭނާގެ ފަހުބަސް އިއްވައިލި އެވެ.

"އެކަމަކުވެސް އަޅުގަނޑު ދައްކަން ބޭނުން އިތުރު ވާހަކައެއްވެސް އެބަ އޮތް" މައިރާ އެއްފަހަރު މާޖިދަށް އަނެއް ފަހަރު މުރުޝިދަށް ބަލައިލަމުން އިސްޖަހައިލީ އެ ދައްކަން އުޅޭ ވާހަކައަކީ އޭނާއަށްވެސް މާ ފަސޭހަ ވާހަކައަކަށް ނުވާތީ އެވެ. އެކަމުގެ ސަބަބުން ކުރިމަތިވާނޭ ސުވާލުތަކާ ކުރިމަތިލާކަށް އޭނާ ތައްޔާރެއް ނޫނެވެ. "އަޅުގަނޑު ބޭނުމެއް ނޫން ދެން އިތުރަށް ސީ.އީ.އޯގެ މަގާމަށް ވާދަ ކުރާކަށް. އެނގޭ މިވަގުތު އަޅުގަނޑު އެކަނިކަން ވާދަ ކުރަނީވެސް.. އެކަމަކު ބޭބެއާއި ބައްޕަގެ މައްސަލައެއް ނެތިއްޔާ އަޅުގަނޑު ބޭނުންވަނީ އެ މަގާމު އަނެއްކާވެސް ނެޑްއަށް ދޫކޮށްލަން" މައިރާގެ ނިންމުމާއެކު މުޅިތަނަށް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭން ކަމެކެވެ. މާޖިދާއި މުރުޝިދު އެކަކު އަނެކަކަށް ބަލައިލާ ބުމަ އަރުވައިލީ ވެގެން އުޅޭ އެއިން އެކަކަށްވެސް ސާފުވެފައި ވޭތޯ ބަލައިލުމަށެވެ.

"އަހަރުމެންގެ ނެތް ތިކަމަކާ އެއްވެސް މައްސަލައެއް ދޯ މުރުޝިދު؟" ހިމޭންކަމުގެ ސުކޫތަކަށްފަހު މާޖިދު އެންމެފަހުން ބުނެލި އެވެ.

"އާން.. ހަމަ އެއްވަރުގެ ގާބިލު ދެކުދިން ތިއީ.. ކޮންމެ ކުއްޖަކު މި މަސައްކަތް ކުރިޔަސް އަހަރުމެންގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ. ދަރިފުޅު ބޭނުންވަނީ ތިގޮތް ކަމުގަ ވަންޏާ ބައްޕަ އެއްބަސް" މުރުޝިދުވެސް މާޖިދުގެ ވާހަކައަށް ތާއިދުކޮށް މައިރާއަށް ބޯ ޖަހައިލި އެވެ.

"އެކަމަކު އަޅުގަނޑު އެއްބަހެއް ނޫން" ނަދާލްގެ އަޑާއެކު އެތަނުގައިތިބި އެންމެންގެ ލޯތައް އޭނާއަށް އަމާޒުވި އެވެ. "އޭރު ކޮންމެ ސަބަބަކާ ލައިގެން ނަން އަނބުރާ ގެންދަން ޖެހުނަސް އަޅުގަނޑު އެކަން ކުރީ އިރުއިރުކޮޅާ ކުޅޭ ކުޅިވަރަކަށް ހަދައިގެން އެ ނިންމުން ބަދަލުކުރާކަށް ނޫން. އަދި އަޅުގަނޑު މައިގެ ނަން ނޮމިނޭޓްކުރީ މައިއާމެދު ޔަގީންކަން އޮތީމަ! މައިއަކީ ކޮންމެހެން ސްޕެއަރއެއް ނޫން" ނަދާލްގެ ވާހަކަ ނިމުނުއިރު މައިރާ އިނީ އިސްޖަހައިލައި ގެނެވެ. އެއާއެކު މާޖިދާއި މުރުޝިދަށްވެސް ނަދާލްއާއި މައިރާގެ ދެމެދުގައި ނުތަނަވަސްކަމެއް އުފެދިފައިވާކަން ޔަގީން ކުރެވެން ފަށައިފި އެވެ. އެހެނެއްކަމަކު އެ ދެމީހުންކުރެ އެކަކުވެސް އެކަމާ އަޅާނުލީ އެ ދެކުދިންނަކީ ކުޑަ އިރުއްސުރެވެސް އެގޮތަށް އުފެދޭ ދެބަސްވުންތައް އަމިއްލައަށް ހައްލުކުރާ ދެ ކުދިންނަށް ވާތީ އެވެ.

"ބޯޑުގެ ހަ މެންބަރުންގެ ތެރެއިން ހަތަރު މީހުން މިތާ އެބަތިބި. ބޭނުމިއްޔާ ކުޑާއްތައާ ވީޑިއޯ ކޯލެއްވެސް ކުރެވިދާނެ.. މިބުނީ މިވަގުތުވެސް މިކަން ނިންމާލެވިދާނެއޭ" މުރުޝިދު މަޑުކޮށްލީ ދެންތިބި މީހުންގެ ޖަވާބަކަށެވެ. އެ އެންމެންގެ ފެހި ސިގްނަލް ލިބުމާއެކު ވޯޓުގެ ކަންތައް ފެށުނެވެ. އަދި ބޯޑުގެ އިއްތިފާގުން މައިރާ އައި.އައި.އެމްގެ ސީ.އީ.އޯގެ މަގާމަށް ހޮވިގެންދިޔަ އެވެ.

"އޮލްރައިޓް ދެން.. ޒާރާއަށް ގުޅައިގެން މާދަމައަށް ޕްރެސްއެއް އެރޭންޖް ކުރާނީ. އިފް ދޭ ވޯންޓް އަ ފީލްޑް ޑޭ.. ވީ ވިލް ގިވް ދެމް އަ ފީލްޑް ޑޭ" ނަދާލްއަށް ދޫކޮށްލެވުނީ ހަމަ ޖެހުމުގެ ނޭވާ އެކެވެ. ހީވީ ރެއިންސުރެން ބޯ މައްޗަށް ލައިގެން އުޅުނު ހިލަގަނޑެއް ބޯމަތިން ނަގައި ދުރަށް އެއްލައި ލެވުނު ހެނެވެ.

މާޖިދާއި މުރުޝިދު މައިރާއަށް މަރުހަބާ ކިޔުމަށްފަހު މީޓިންގްރޫމުން ނުކުތުމާއެކު މައިރާއާއި ނަދާލް މީޓިންގްރޫމުގެ ތެރޭގައި އެކަނިވި އެވެ. ފުރުސަތުގެ ބޭނުން ހިފައި ނަދާލް ބޭނުންވީ މައިރާގެ ގާތުން މަޢާފަށް އެދޭށެވެ. ނަމަވެސް ނަދާލް އިށީނދެ އިން ގޮނޑިން ތެދުވެލުމާއެކު މައިރާ ދަބަސް ކޮނޑުގައި އަޅުވައިލަމުން ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުތެވެ. ނަދާލް ގޮތް ހުސްވެފައިވާ މީހަކު ފަދައިން އަނެއްކާވެސް ގޮނޑިއަށް ވެއްޓިގަތްއިރު މައިރާގެ މަޢާފު ހޯދުމަކީ ފަސޭހައިން ވާނޭ ކަމެއް ނޫންކަން އޭނާއަށް ޔަގީންވި އެވެ.

**************

ޑިއުޓީ ނިންމައިލުމަށްފަހު ގެއަށް އައިސް ފެންވަރާލައިގެން ޝާވިން ބަދިގެއާ ދިމާލަށް ދިޔައީ ހައިކަން ފިލުވައިލުމަށްޓަކައި ކާ އެއްޗެއް ހޯދުމަށެވެ. ފްރީޒަރުން ގަނޑުކޮށްފައިހުރި މަސްތަކެއް ނެގުމުގައި އަތްމަތި އަވަސްކޮށްލައިގެން އުޅުނު އާޝިޔާއަށް ބަލައިލުމަށްފަހު އަމިއްލައަށް ތައްޓަށް ކާން އަޅައިލައިގެން މޭޒުދޮށުގައި އިށީނެވެ.

"މަންމާ.. ތި މަސްތައް މީހަކަށް ދެނީތަ؟" ޝާވިން ކާން ފަށަމުން އަހައިލި އެވެ.

"ނޫނޭ ދަރިފުޅާ.. މިއީ މަލްމެން ގޮވައިގެން ކޮންމެވެސް އިރަކުން ގޯތި ބިއްދޮށުގަ ބާބަކިއުއެއް ހަދާނީއޭ ކިޔާފަ ބައްޕަ އެއްކަލަ ރޭ ގެނައި މަސްތަކެއްނު؟ ދެން މިއަދު މާޒިޔާ ގުޅާފަ ބުނެފި މާދަމާ ހެނދުނު ފުރާ ވާހަކަ. އެހެންވެ މިރޭ މިކަން ނިންމާލަން މި އުޅެނީ.. ބައްޕަ އެބައުޅޭ މިހާރު ގްރިލް ތައްޔާރު ކުރުމުގަ. އެމީހުންވެސް އަންނާނެ މިހާރު" އާޝިޔާ ޖަވާބު ދިނެވެ.

"އޯހް.. މަންމައަށް ޔަގީންތަ އެމީހުން އަންނާނެކަން. މިއަދު ހެނދުނު އަހަރެން އެ ގެއަށް ގޮސްލީމޭ.. އަޑުއެހިން މަލް ތަންކޮޅެއް ބަލިކޮށް އުޅޭ ވާހަކަ" ޝާވިން ވާހަކަ ފެށީ ދުރު ދުރުންނެވެ. އޭނާގެ ބޭނުމަކަށްވީ މަލަކްގެ ހާލު އޮޅުން ފިލުވުމެވެ.

"އާން ސިޑިން ވެއްޓުނީއޯ. ނަސީބަކުން މާ މަތިންނެއް ނޫނޯ ވެއްޓުނީ.. މިހާރު ރަނގަޅޯ ބުނީ.. އަންނާނެ މިހާރު. ދަރިފުޅުވެސް ތި ކައި ނިންމާލައިގެން އާދެބަލަ" ފްރީޒަރުން ނެގި މަސްތައް ދޮލަނގެއްގައި އަތުރާލައިގެންހުރެ ބަދިގެއިން ނުކުންނަމުން އާޝިޔާ ބުނެލި އެވެ. އެހެނަސް ބަދިގޭގެ ދޮރާ ދުރަށް ފިޔަވަޅެއްވެސް ނޭޅެނީސް ޝާވިން އޭނާއަށް ގޮވާލައިފި އެވެ.

"މަންމާ އަހަރެން.. އަހަރެން ވަރަށް ވަރުބަލި.. ޖައްސާލަން މި ދަނީ.. ތަންކޮޅެއް ލަސްކޮށްލާފަ ނުކުންނާނަން. އިވާންގާތު ބުނޭ އައިސްފަ ގޮވާލާށޭ" ޝާވިން ބަހަނާ ދެއްކި އެވެ.

އާޝިޔާ އެންމެ ރަނގަޅޭ ބުނެފައި ޝާވިންއާ ދިމާލަށް ކުދި ކިޔަމުން އެތަނުން ހިނގައިގަތުމާއެކު ޝާވިން އޭނާ ކާން އިން ތަށި ހިފައިގެން ތެދުވި އެވެ. މަލަކްމެން އެގެއަށް އަންނަ ވާހަކަ ބުނި ހިސާބުން ފެށިގެން އޭނާގެ ހައިކަންވެސް ފިލައި ދިޔައީ ކަހަލަ އެވެ. ތަށީގައި ބާކީހުރި ބައި ޑަސްބިނަށް އަޅައިލުމަށްފަހު އަތް ދޮވެލައިގެން އަވަސްއަވަހަށްގޮސް ކޮޓަރިއަށް ވަނީ މަލަކް އަންނަން ވާއިރަށް "ފިލުމަށޭ" ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ނަމަވެސް، މަލަކްގެ ލޮލަށް ފިލައިގެން އުޅެވުނު ކަމުގައިވިޔަސް މަލަކްގެ ހިޔާލުތަކުން އޭނާއަކަށް މިންޖެއް ނުވެވުނެވެ. ނަމާދުން އަވަދިވެގެން، ލެޕްޓޮޕުން ފިލްމެއް އަޅުވައިލަމުން އެނދުގައި އޮށޯވެލި އިރުވެސް އިރުއިރުކޮޅާ ފޯނަށް ބަލައިލެވެނީ މަލަކް އޭނާއަށް ފޮނުވާފައިހުރި މެސެޖުތަކަށް ރައްދު ދޭން ހިތް އެދޭ ވަރުންނެވެ. މަލަކްއާ ބައްދަލު ނުވާތާ އަދި މި ވީ އެންމެ ތިން ދުވަސް ކަމުގައި ވިޔަސް މަލަކްއަށް ގުޅާލައި އެ އަޑު އަހައިލުމަށްޓަކައި އޭނާގެ ކަންފަތް ދިޔައީ ބޭގަރާރު ވަމުންނެވެ. އެހެނެއްކަމަކު ޝާވިން މިފަހަރުވެސް އޭނާގެ ހިތުގެ މައްޗަށް ބާރު ފޯރުވި އެވެ. ފޯނު ނިއްވައިލުމަށްފަހު އަތް ނުފޯރާހާ ދުރަށް ހޫރައިލަމުން ލެޕްޓޮޕުން އަޅުވާފައިވާ ފިލްމަށް އޭނާގެ ސަމާލުކަން ހުއްޓައިލި އެވެ. އެއީ އޭނާ އަބަދުވެސް އެންމެ ޝައުގު ހުންނަ "އެކްޝަން" ޖޯންރާގެ ފިލްމެއްކަމުން ވަކި ހިސާބަކުން އޭނާއަށް އިނދެވުނީ ހަމަ ރަނގަޅަށްވެސް އެ ފިލްމުގެ ތެރެއަށްވަދެ ގެއްލިފަ އެވެ. އެހެންކަމުން ފިލްމު ނިމެން ކުޑަތަންވެފައި ވަނިކޮށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުމާއެކު އޭނާ ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެނެވެ.

ޝާވިން ލަސްނުކޮށް ދޮރު ހުޅުވަން ހިނގައިގަތީ އެ އައީ އިވާން ކަމުގައި ނިންމަމުންނެވެ. އެހެނަސް ދޮރު ހުޅުވައިލުމާއެކު އޭނާގެ ނޭފަތުގައި ޖެހިގެންދިޔަ މާމެލާމެލީގެ ލުއި މީރުވަހުން އެކަނިވެސް ޝާވިންއަށް އެއީ އިވާން ނޫންކަން ކަށަވަރުވި އެވެ. އެ ވަހުގެ ހިތްގައިމުކަމަށް ނަފްސު ދޫކޮށްލެވުނުހިނދު ފަޅި ސިކުންތަކަށް ޝާވިންގެ ދެލޯ މެރިގެންދިޔަ ކަމުގައިވިޔަސް އޭނާ ނުހަނު އަވަހަށް ދެލޯ ހުޅުވައިލި އެވެ.

"ހައި" މަލަކް އެއް އަތް ހިއްލައިލަމުން ޝާވިންއަށް ހަނާ އަޅައިލި އެވެ. އެ ގޮވައިލުމަށް ރައްދުދޭން ނޭނގިފައިހުރި ޝާވިންއަށް އެއްފައި މައްޗަށް ބުރަވެލަމުން ދޮރުފަތުގެ ދާރައިގައި ލެގިލެވުނީ މަލަކްގެ ސޫރައާ ހިނދުކޮޅަކަށްވެސް ނަޒަރު ވަކިކޮށްލަން ބޭނުން ނުވެފައި ހުރެގެނެވެ. ލަސް ހަރަކާތަކާއެކު ބޯ އަރިކޮށްލަމުން ދޮރުފަތުގެ ދާރައިގައި ޖައްސައިލެވުނުއިރު އޭނާގެ ހިތް ދިޔައީ އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްފަދައިން މަލަކްގެ ހިނިތުންވުމުގައި ބަނދެވި ކަސްތޮޅު އެޅުވެމުންނެވެ. ދެތިން ދުވަހުގެ މެދު ކެނޑުމަކަށްފަހު މަލަކްއާ ބައްދަލުވުމުން އޭނާގެ ހިތަށް ފިނިކަން ލިބެމުންދިޔަ ކަމުގައިވިޔަސް މަލަކްއާ ބާއްވަންޖެހޭ ދުރުކަން ހަނދާންވުމާއެކު ހިތަށް އިންތިހާއަށް ތުރާވަމުން ދިޔަ އެވެ.

"ގޯޝް އައި މިސްޑް ޔޫ" ޝާވިންއަށް އޭނާގެ ހިތުގެ އަޑު މަލަކްއާ ހަމައަކަށް ނުފޯރާނެކަން އެނގިހުރެ ހިންދިރުވައިލަމުން ފަޓުލޫނުގެ ޖީބަށް ޖަހާލެވިފައިވާ ދެ އަތް މުށްކަވައިލި އެވެ.

މަލަކްގެ ހާލަކީތޯ އެވެ؟ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހުއްޓެއްކަމަކު ހާސްވެގެންގޮސް އޭނާގެ ދެ އަތުގައި މަޑު ތުރުތުރުލުމެއް އުފެއްދިއްޖެ އެވެ. ވާނީވެސް އެހެންތާ އެވެ؟ ޝާވިންގެ ތޫނު ނަޒަރު އޭނާއަށް އަމާޒުވެފައި ހުންނަތާ މިހާރު މިނެޓެއްހާއިރު ފާއިތުވީ އެވެ. މީގެ ކުރިން ޝާވިންއާއެކު ހޭދަކުރެވޭ ކޮންމެ ވަގުތެއްވެސް ވެފައިވީ މަޖާ އަދި ހިތަށް ހަމަޖެހުން ލިބޭ ވަގުތަކަށެވެ. ޝާވިންގެ ސަބަބުން އޭނާއަށް މިފަދަ ހާސްކަމެއް ލިބިފައެއް ނެތެވެ. މަލަކްއަށް ކުރެވެމުން ދިޔައީ މުޅިން ބީރައްޓެހި އިހުސާސެކެވެ. އެ އިހުސާސްގެ މައްޗަށް ބާރު ފޯރުވަން ނޭނގި، އެންމެފަހުން ތުރުތުރުލަމުންދިޔަ މަލަކްގެ އަތު ތެރޭގައި އޮތް ފޯނު ވެއްޓި ބިންމައްޗަށް ވެއްޓިއްޖެ އެވެ. އެ އަޑަށް ދެމީހުންނަށްވެސް ހޭވެރިކަމެއް ލިބުނު ފަދައިން ތެޅި ގަނެވުނެވެ.

"ޔޫ އޯކޭ؟" މަލަކް އަވަސް އަވަހަށް ފޯނު ނެގުމަށްޓަކައި ބިންމައްޗަށް ތިރިވެލިއިރު ޝާވިންވެސް ދޮރުގެ ދާރައިން ނެއްޓި ހަށިގަނޑު ސީދާކޮށްލަމުން އާދައިގެ ގޮތަކަށް ކަރު ކެހިލި އެވެ.

"ޔާ އައި.. އައިމް ފައިން.." މަލަކް މަސައްކަތް ކުރީ ޝާވިންއާ ހަތަރުކަޅި ހަމަ ނުކޮށް ވޭތޯ އެވެ.

"އިވާންއެއް ނޫޅޭ" ޝާވިންގެ އަޑުގައިވަނީ ރުންކުރު ކަމެވެ. މަލަކް އިސްނަގައި އޭނާއާ އެ ސުވާލު ކުރުމުގެ ކުރިން އެއަށް ޖަވާބު ދިނުން މާ ރަނގަޅެއް ނޫން ހެއްޔެވެ؟ މިހާތަނަށްވެސް މަލަކްއަށް އޭނާ ފެނިފައިވަނީ ހަމައެކަނި އިވާން ހޯދަން ޖެހުނީމަ ވިއްޔާ އެވެ.

"އިވާން ހޯދާކަށް ނޫނޭ މި އައީ.. ޝޯންއާ ވާހަކައެއް ދައްކަންވެފަ އޮތީމަ. އަހަރެން ވަންނަންތަ؟" މަލަކް އިޝާރާތް ކޮށްލީ ކޮޓަރި އަށެވެ

"މިއީ.. އަމްމް.. ކޮޓަރި ކުޑަކޮށް ހާލު ދެރަކޮށް އުޅެނީ" ޝާވިން ވަގުތުން އެކަމާ ދެކޮޅުހެދި އެވެ. މަލަކްއާއެކު އެންމެ ހިނދުކޮޅަކުވެސް އެކަހެރިވާން ވެއްޖެނަމަ އޭނާގެ އިހުސާސްތައް ބޮއްސުންލައިގެން ގޮސް މަލަކްގާތު ދައްކަން ނުވާވަރުގެ ވާހަކައެއް ދެއްކިދާނެ ކަމުގެ ބިރުވެރިކަން އުފެދުނެވެ.

"އާކަމެއް ނޫނެއްނު" މަލަކް ހިނިއައިސްފައިހުރެ ކަޅި އަނބުރައިލި އެވެ/ "އަހަރެން ހެލްޕް ވާނަމޭ ކްލީން ކުރަ-"

"ނޯ!" މަލަކްގެ ޖުމްލަ ރަނގަޅަށް ފުރިހަމަ ނުކުރެވެނީސް ޝާވިންއަށް ކުޑަކޮށް ހަޅޭއްލަވައި ގަނެވުނެވެ. އެއާއެކު މަލަކްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގޮސް ފަހަތަށް ފިޔަވަޅެއް އަޅައިލިތަން ފެނި އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!