Episode 25

ބުނާށޭ ލޯބި ނުވަނީހޭ. (25 ވަނަބައި)

މައިޝާންގެ ތުންފަތަށް ވެރިވި ވިހަ ހިނިތުންވުން ފެނި އައިލީންގެ ގައިން ހީބިހި ނަގައިގަތެވެ. މީގެ ކުރިން ދުވަހަކުވެސް ނުއުފެދޭފަދަ ބިރުވެރިކަމެއް ހިތުގައި އުފަންވެ ގަތެވެ.

"ނޫން ނޫން މައިޝާން.. ޕްލީޒް.. ނޫން.. އަހަރެން.. އަހަރެން އެހެން ބުނި އެއްޗެއް ނޫ-"

"ކަލެއަށް ނުފުދިގެން ތި އުޅޭ ކަންތައް މިރޭ ފުއްދާދޭނަމޭ.. ފިރިހެނުން ކައިރިއަށް ނުގޮސް މައިތިރިވެ އޮންނަން އެނގޭނެ އޭރުން" އައިލީންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދެމުން މައިޝާން އައިލީން އެނދުމައްޗަށް ކޮށްޕައިލި އެވެ.

"މައިޝާން ސޮރީ.. މައިޝާން ޕްލީޒް ނޯ.. މައިޝާން ޕްލީޒް ސޮރީ.." އައިލީން ދުރަށް ދިޔުމަށްޓަކައި ތެޅިގަތެވެ. ނަމަވެސް މައިޝާން އައިލިންގެ އަތުގައި ހިފެހެއްޓުމަށްފަހު ދެވަނަ ފަހަރަށް އެނދުމައްޗަށް ވައްޓައިލަމުން އައިލީންގެ އަނގަމަތީގައި އަތް އެޅި އެވެ.

"ޝްޝްޝް. ޔޫ ވޯންޓެޑް ދިސް.. ވައިފީ" މައިޝާން، އައިލީން ލައިގެންހުރި ހެދުމުގެ ކަރުވަޅުގައި ހިފައި ދަމައިގަތެވެ. އިސާހިތަކު އައިލީންގެ ހެދުން ވީދިގެންގޮސް، އޭނާގެ ހަށިގަނޑު އެކީ ކަޝްފުވެގެން ދިޔަ އެވެ. އެއާއެކު މައިޝާންގެ ދަހިވެތި ނަޒަރު އައިލީންގެ ހަށިގަނޑަށް ދަތުރުކޮށްލި އެވެ. ހަގީގަތުގައި އޭނާ އައިލީންއާ ގާތްވެލީ ސަމާސާއަކަށެވެ. އައިލީންއަށް ބިރުދައްކައިލާ ނިކަމެތިކޮށްލުމުގެ ނިޔަތުގަ އެވެ. ނަމަވެސް މިހާރު އެ ހިޔާލު މުޅީން ބަދަލުވާން ފަށައިފި އެވެ. އައިލީންގެ ހަށިގަނޑު އެހާ ހާމަކަން ބޮޑު ގޮތަކަށް ފެނުމުން އެރޭ ކިޔާރާގެ ސަބަބުން ހޭލާފައިވާ އޭނާގެ ހިއްސުތަކުގައި ހުޅު ރޯވާންފެށި އެވެ. ހަމަ އެހެންމެ އެރޭ ކިޔާރާއާ ދިމާލަށް ބުނެވުނު ޖަދަލުގެ ބަސްތައްވެސް ސިކުނޑީގެ ކަނެއްގައި ތަކުރާރު ވަމުންދިޔަ އެވެ.

--- --- ---

"މަށަށް ހެޔޮ ކަލޭ ދުވަހަކު މަށާ ކައިރި ނުވިޔަސް. މަ ބޭނުން ކޮންމެ ކަމެއް ފުއްދައިގެން މަ ހުންނާނީ.. ރަނގަޅަށް ބަލާތި"

--- --- ---

ކިޔާރާއާއެކު ހިނގައިދިޔަ ދެބަސްވުމުގެ ހަނދާން އާވި ހިނދު މައިޝާންގެ ރުޅިގަނޑު އަލުން އިޔާދަވެ ހަރަކާތްތަކަށް ހަރުކަށިކަން ވެރިވި އެވެ.

މައިޝާންގެ ފަރާތުން ކޮންމެފަދަ އަނިޔާއެއް ލިބުނަސް މިފަދަ އަނިޔާއަކާ ކުރިމަތިލާންޖެހޭ ދުވަހެއް އައިސްފާނެކަމަށް އައިލީން ހިއެއް ނުކުރެ އެވެ. މައިޝާންގެ ހިތުގައި އޭނާގެ މައްޗަށް ޒައްރެއްގެ މިންވަރަށްވެސް ކުލުނެއް ނެތް ނަމަވެސް ކިޔާރާދެކެ މައިޝާންވި ލޯތްބާއި އެ ވަފާތެރިކަމުގައި މައިޝާން ހިފަހައްޓާނެކަމަށް އައިލީންއަށް ހީކުރެވުނެވެ. އޭނާއަށް ކުރެވުނީ ކުށްހީއެއްތާ އެވެ. މިވަގުތު މައިޝާންގެ ސަބަބުން އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭން މީގެ ކުރިން އޭނާއަށް ލިބުނު އަދަދު ނުކުރެވޭހާ ގިނަ، ހުރިހާ އަނިޔާއެއްގެ ވޭނާ ނުބައްދަލެވެ. މައިޝާންގެ ރަހުމެއްނެތް ބީހުން އިހުސާސްވާ ކޮންމެ ފަހަރަކު އޭނާގެ ހަށިގަނޑުން ގިނި ދިލައެއް ނަގައިގަނެ އެވެ. މައިޝާން ދުރުކޮށްލެވޭތޯ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަމުގައި ކާމިޔާބެއް ނުލިބުނެވެ. އެ ނިކަމެތި ހަށިގަނޑު މައިޝާންގެ ގައިދަށުވެ ފުނޑު ފުނޑުވަމުންދިޔައިރު އައިލީންގެ ލޮލުން ފައިބަމުންދިޔަ ކޮންމެ ކަރުނަތިއްކަކުން މައިޝާންއަށް ލިބެނީ އިތުރު ހިތްވަރެއް ކަހަލަ އެވެ. ހަޅޭއްލަވައިގަންނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު މައިޝާންގެ ބާރުގަދަ އަތުގެ ހަމަލާއެއް އޭނާގެ އަނގަމައްޗަށް އަމާޒުވެ އެވެ. ވުމާއެކު މައިޝާންގެ ރަހުމުކުޑަކަމާއި ބާރުގަދަކަމުގެ ކުރިމަތީގައި އިތުރަށް ގަދަހެދުންވެސް އައިލީންއަށް ވީ ބޭކާރު ކަމަކަށެވެ. މޭ ނުބައިކުރަން ފެށުމާއެކު އޭނާ އަމިއްލައަށް އަނގަމަތީގައި އަތް އަޅައިލަމުން ދެލޯ މަރައިލީ ހުރިހާ ކަމެއް ނުނިމެނީސް މައިޝާންގެ ސޫރަވެސް ދެކެން ބޭނުންނުވާ ފަދައަކުންނެވެ.

ގަރުނަކަށް ދެމިދިޔަހެން ހީވާހާ ވަގުތުކޮޅަކަށްފަހު މައިޝާން އައިލީންގެ ހަށިގަނޑުން ދޫކޮށްލި އެވެ. ވަރުބަލިކަމާއެކު އައިލީންއާ ޖެހިގެން ކަހަލަ ގޮތަށް އެނދުގައި އޮށޯވެލި އެވެ. މައިޝާންއާ ކުރިމަތިލާން ބޭނުން ނުވާ ފަދައަކުން އައިލީން ނެތް ހިތްވަރުން ގައިގައި ރަޖާ އޮޅައިލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ. އޭނާގެ މެރިފައިވާ ދެލޮލުން ހިމޭންކަމާއެކު ކަރުނަތައް ފައިބަމުންދިޔަ އެވެ. އެސްފިޔަ ޖަހާލަންވެސް ނޭނގި ހުއްޓުން އަރާފައި އޮއްވައި ކޮޓަރީގެ ތެރެއިން އިވިގެން ދިޔައީ މައިޝާންގެ ފޯނުގެ އަޑެވެ. އެއާއެކު މައިޝާން އެ ކޮޓަރީގެ ތެރެއިން ފޯނު ހޯދަން އުޅެގަތެވެ.

"ޔެސް ބޭބް.." ފޯނުގެ އަނެއްފަރާތުގައި ހުރީ ކިޔާރާކަން އައިލީންއަށް އެނގުނެވެ. "ޝްޝްޝް ބޭބީ. އިޓްސް އޯކޭ ބޭބީ ޑޯންޓް ކްރައި.. ކިޔާ.. ބޭބީ.. އައިމް ސޮރީ ޓޫ.. މަޑުކުރޭ މި ދަނީ.. ފަނަރަ މިނަޓު ދީ.. މި ދަނީ އެނގޭ.. ލަވް ޔޫ"

މައިޝާން ފޯނު ކަނޑައިލިތާ ފަސްމިނެޓެއްހާއިރު ފަހުން ކޮޓަރީގެ ދޮރުފަތް ހުޅުވިފައި ލެއްޕުނު އަޑު އިވުނެވެ. އައިލީންގެ ދެލޯ ހުޅުވައިލި އެވެ. ގައިގައި ރަޖާ އޮޅާލައިގެންހުރެ ކޮޅަށް ތެދުވުމާއެކު ފައިން ވަރު ދޫވެގެން އޭނާ ބިންމައްޗަށް ވެއްޓުނެވެ. އޭނާގެ ފައިގެ އުކުޅުވަޅާ ދިމާލުގައި ލޭގެ އަސަރު ފެންނަން ހުއްޓެވެ. ލޮލުން އޮހޮރެމުންދިޔަ ހިމޭން ކަރުނަތަކުގެ ބަދަލުގައި މިފަހަރު އައިލީންގެ ދެ ތުންފަތް ފޫ އަޅުވައިލައި ނުކުތީ ވޭނީ އާހެއްގެ އަޑެވެ. އޭނާއަށް އަޑުން އަޑުނަގައި ރޮއެ ގަނެވުނެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ މައްޗަށް ހިތުގައިވާ ރިހުން ގަދަވެގަތީ އެވެ. ހިނގައިދިޔަ ކަންތަކުގެ ބުރަދަން އިހުސާސްކޮށްލެވުނީ އެވެ. އައިލީންގެ މުޅި ހަށިގަނޑު އެކީ ތުރުތުރުލާން ފަށައިފި އެވެ. ހެއަށް ގޮތްވާން ފެށުމުން އިރުކޮޅަކު ބިންމަތީގައި އޮށޯވެލައިގެން އޮތުމަށްފަހު އަނެއްކާވެސް ނެތް ހިތްވަރުން ދެފައި މައްޗަށް ތެދުވި އެވެ. ލަސްހިނގުމެއްގައި ހިނގާފައިގޮސް އޭނާ ހުއްޓިލީ ރީތިވާ މޭޒުގައިވާ ލޯގަނޑުގެ ކުރިމައްޗަށެވެ. ހަށިގަނޑުގެ އެތަން މިތަނުގައިހުރި މައިޝާންގެ އަނިޔާވެރިކަމުގެ ނިޝާންތައް ފެނުމާއެކު އައިލީންއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭނާގެ އުމުރުން މި ވީ ވިހި އަހަރުގެ ތެރޭގައިވެސް އެހާބޮޑަށް އަމިއްލަ ހަށިގަނޑަށް ނަފުރަތު ކުރެވުނު ހިނދުކޮޅެއް އައިސްފައެއް ނުވެ އެވެ. އަނެއްކާވެސް މޭ ނުބައިކުރަން ފެށުމުން އޭނާ ފާހަނައާ ދިމާލަށް ދުއްވައިގަތެވެ.

**********

އައިލީންގެ ހަޔާތަށް ދެން އައީ އަނދިރިކަމުން ފުރިފައިވާ ދުވަސްތަކެކެވެ. އެރެއަށްފަހު އައި ކޮންމެ ރެއެއް ވެގެންދިޔައީ އޭނާއަށް މައިޝާންގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނު ރެއަކަށެވެ. މިހާރު އޭނާގެ ކިބައިގައި ދިރިހުންނާނެހާ ހިތްވަރެއް ނެތެވެ. މީހުންނާ ބައްދަލުވެ ވާހަކަދައްކާނެހާ ހިތްވަރެއް ނެތެވެ. ގެއިން ބޭރަށް ނުކުތުމާއި ކޮލެޖަށް ދިޔުންވެސް މުޅީން ހުއްޓާލައިފި އެވެ. މައިޝާން ގެއަށް އައިސް ހަޅޭއްލަވައި ގަތީމާ ކައިގެން ފެންވަރައިގެން ކޮޓަރީގައި އިނުން ފިޔަވައި އެއްވެސް ކަމެއް ނުކުރެ އެވެ. މި އަނދިރިކަމުގެ ހިލަމެއް ނުވާހާލު ނަދާލް ދިޔައީ އައިލީންއާ ބައްދަލުވެ، ވާހަކަ ދެއްކޭނޭ އިރަކަށް އިންތިޒާރު ކުރަމުންނެވެ. އައިލީން ކޮލެޖަށް ދާ ވަގުތާއި ކޮލެޖުން އަންނަ ވަގުތު ފާހަގަކޮށް ގޭގެ ލިފްޓު ކައިރީގައާއި ކޮލެޖު ދޮށުގައި މުގޯލި އެޅުނު އަދަދެއްވެސް މިހާރަކު ނޭނގެ އެވެ. ނަމަވެސް ހަފްތާއަކަށްވުރެން ގިނަ ދުވަސް ފާއިތުވެ ދިޔައިރުވެސް އޭނާއަކަށް އެ ފުރުސަތެއް ނުލިބުނެވެ. އޭނާގެ ލޮލަށް އައިލީން ފެންނަ ވަރުވީ އާއިލާގެ އެންމެން މެންދުރު ކެއުމަށް އިންސާފުކުރަން ޓެރަހަށް ޖަމާވި ހުކުރު ދުވަހެއްގަ އެވެ.

ގޭގެ ފިރިހެންވެރިންނާއެކު ނަދާލް ހުކުރުން ފައިބައިގެން އައި އިރު ސުފުރާމަތި ހުރީ ތައްޔާރުވެފަ އެވެ. ނަޝްވާގެ އުނގުގައި އިން ދެ އަހަރުގެ ނީކާ ފެނުމާއެކު ނަދާލް ދަތްޕިލަ އެކީ ފެންނަވަރަށް ހިނިތުންވެލި އެވެ.

"ނީމޯ؟ ކަމް ހިޔަރ ޕިކޯލާ" ނަދާލް ހަމަ އުރައިލުމާއެކު ނީކާ ލަސްތަކެއްނުވެ ނަދާލްގެ ލޮލުގައި އަޅައިފައިވާ އަވި އައިނު ނެގުމަށްފަހު ނަދާލްގެ ލޮލުގައި ތުންފަތް ޖައްސައިލި އެވެ. ފެންނަ އެހެން ލޯތަކާ ހިލާފަށް ނަދާލްގެ ލޮލުގައި ހުންނަ އަލި މާމުއިކުލަ ތުއްތު ނީކާއަށް ވެފައިވަނީ އަޖައިބު ކުރުވަނިވި ކަމަކަށެވެ.

"އަންކަލްގެ ލޯ ކާލަން ދޯ މި ދިޔައީ" ނަޝްވާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.

"އަހަހަހަ. މީ އަންކަލްގެ ކުއްޖެކޭ ދޯ" ނީކާ ގޮވައިގެންގޮސް ހުސްކޮށްހުރި ގޮނޑިއެއްގައި އިށީނދެލަމުން ނަދާލް ނީކާގެ ކޮލަށް ދޮނެއް ދިނެވެ. އެއަށްފަހު ވަށައިގެން ކަޅި ހިންގައިލީ އައިލީން އިން ހިސާބެއް ހޯދައިލުމަށެވެ. މޭޒުގެ އަނެއްފަރާތުގައި މަޑުމަޑުން އިށީނދެލައިގެން އިން އައިލީން ފެނި ނަދާލްގެ ހިތުގެ ތެޅުން މަޑު ޖެހިލި އެވެ. މައިޝާންގޮސް އައިލީންގާތު އިށީނުމާއެކު އައިލީން ތެޅިގެންފައި އިންތަނުން ތެދުވެ މައިޝާންގެ ތަށްޓަށް ކާއެއްޗެހި އަޅައިދީފައި ޖޫސްތަށި ކައިރި ކޮށްލަ ދިންތަން ފެނި ނަދާލްއަށް ފޫހިކަމާއެކު ކަޅި އަނބުރައިލަމުން ދުރަށް ނަޒަރު ހުއްޓައިލި އެވެ. "ހުއް. މޭންޗައިލްޑް" އޭނާ މަޑުމަޑުން މައިޝާންގެ ކަންނެތްކަމަށް ކުދި ކިޔައިލި އެވެ. އެހެނަސް އެވަގުތު އެންމެންގެ ސަމާލުކަން ޓެރަހަށް ނުކުންނަ ދޮރާ ދިމާލަށް އެނބުރުނުތަން ފެނި ނަދާލްވެސް އެދިމާލަށް ބަލައިލި އެވެ. މާޒިޔާގެ އަތުގައި ހިފައިގެންހުރެ ލަސް ފިޔަވަޅުތަކެއްގައި އެދިމާލަށް އައި މަލަކްފެނި އެންމެންގެ އަޑުން އުފާވެރިކަން ފާޅުވި އެވެ.

"އެންމެން އަޑު މަޑުކޮށްލާ.. މަލް ޕެނިކް ނުކުރޭ" ފަހަރަކު މީހަކު މަލަކްއަށް ގޮވަން ފެށުމުން ނަދާލް ބުނެލި އެވެ. އެއާއެކު އެންމެން އެކުގައި ކަހަލަ ގޮތަކަށް ހިމޭންވި އެވެ. މަލަކްގެ ބަލި ދެނެގަނެވި ރަނގަޅަށް ފަރުވާކުރެވެން ފެށުމުން މަލަކްގެ ހާލުވަނީ ކުރިއަށްވުރެން ހާސްބައި ރަނގަޅުވެފަ އެވެ. ނަމަވެސް އެކަން އެތަނުގައިތިބި ގިނަ މީހުންނަކަށް ނޭނގޭނެތާ އެވެ. އެ އެންމެންގެ ހިތުގައިވި ސުވާލުތަކަށް ފަހުން ޖަވާބުދޭނަމޭ ބުނާ ފަދައަކުން ނަދާލް ބޯ ޖަހައިލި އެވެ.

މާޒިޔާ ޝުކުރުވެރި ނަޒަރަކުން ނަދާލްއަށް ބަލައިލުމަށްފަހު މަލަކް ބޭންދީ އައިލީންއާ ޖެހިގެންހުރި ގޮނޑީގަ އެވެ. މާ ގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް އައިލީން ހިތްހެޔޮ ހިނިތުންވުމަކުން މަލަކްއަށް މަރުހަބާ ކިޔެވެ. އިސާހިތަކު ޝައްކުގެ ނަޒަރުތަކުން ސަލާމަތްވެ އިނދެ ކެއުން ނިމެންދެން އައިލީންއަށް ބަލައިލުމުގެ ފުރުސަތު ނަދާލްއަށް ލިބުނެވެ. މީހަކު ސުވާލެއްކޮށްފިނަމަ އޭނާ ބަލަނީ މަލަކްއަށް ކަމުގައިބުނެ ފަރު ޖައްސައިލެވޭނެތާ އެވެ. އެހެނަސް އައިލީންގެ ހަރަކާތްތަކަށް ފާރަވެރި ވަމުންދިޔަ ވަރަކަށް ނަދާލްއަށް ލިބެމުން ދިޔައީ ނުތަނަވަސްކަމެވެ. އައިލީންގެ ނެގިމަޑުވެފައިވާ މިޒާޖާއި، މައިޝާން ކައިރިވެލާ ކޮންމެ ފަހަރަކު މީހާ ކުޑަވެލާގޮތްފެނި ނަދާލްގެ ސިކުނޑިން ރަތް ސިގުނަލެއް އަޅަންފެށި އެވެ. ކާއެތިކޮޅު ތައްޓަށް އަޅައިގެން ހާވައިލަ ހާވައިލައި އިންއިރު، ދެތިން ސުވާއެއް މެނުވީ ކެއިހެން ހިއެއްނުވެ އެވެ. އެހެންކަމުން، މެންދުރުގެ ކެއުން ނިންމައިލުމަށްފަހު މާޒިޔާއާއި މަލަކް އަދި ހުރިހާ ފިރިހެންވެރިން ޓެރަހުން ފައިބައިގެން ދިޔައިރުވެސް ނީކާގެ ބަހަނާ ދައްކަމުން ނަދާލް އެތަނުގައި މަޑުކޮށްލައިގެން އިނީ އައިލީންއާ ވަކިން ވާހަކަދައްކާނޭ ފުރުސަތެއް ހޯދައިލުމަށެވެ. ޒީނިޔާއާއި ނުސްރާ މޭޒުމަތި ސާފުކޮށް އުޅުނު އިރު އައިލީން ހުރީ ޓެރަހަށް ނުކުންނަ ދޮރާ ދިމާލުގައި ހުރި ސިންކު ދޮށުގައި ތަށިތައް ދޮންނާށެވެ. ނަދާލް އަވަސްއަވަހަށް ނީކާ ގެންގޮސް ނަޝްވާއާ ހަވާލު ކުރުމަށްފަހު ނުސްރާމެންނާ ދިމާލަށް ހިނގައިގަތެވެ.

"މަންމާ.. ގެނޭ.. އަހަރެން ދަމުން ތި ގެންގޮސްލަދޭނަން" ނުސްރާގެ އަތުގައިހުރި ތަބަކެއް އަތުލަމުން ނަދާލް ބުންޏެވެ. އަދި އެ ހިފައިގެން ލުއި ފިޔަވަޅުތަކެއްގައި ގޮސް ސިންކު ކައިރީގައި ބަހައްޓައިލި އެވެ.

"ނަ- ނަދާލް" އައިލީންއަށް ލިބުނު ސިހުން އޭނާގެ އަޑުން ފާޅުވި އެވެ.

"ހިޔަރ ޓު ހެލްޕް" ނަދާލް ހަދިޔާކޮށްލީ ހިތްކަތިލާފަދަ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުން އައިލީންގެ ހިތަށްވެސް ގުޑުމެއް އަރައިފިކަން ގައިމެވެ.

"އަހަރެންނަށް އެކަނި މިކަން ކޮށްލެވޭނެ. ނަދާލް މިތަނުން ދޭ.. ޕްލީޒް" އައިލީން އަވަސްއަވަހަށް އިސްޖަހައިލަމުން އޭނާ ކުރަންހުރި މަސައްކަތަށް ރުޖޫއަވި އެވެ.

"އަހަރެންނަށް ކީއްވެ މިތާ ނުހުރެވެންވީ؟ މި ތިބެވެނީ އެންމެންނަށް ފެންނަތަނެއްގަ. ބަންދު ދޮރެއްގެ ފަހަތުގައެއް ނޫނެއްނު" ސިންކު ބަހައްޓާފައިހުރި އަށިގަނޑުގައި ލެގިގަންނަމުން ނަދާލް ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލި އެވެ. އޭނާއަށް ކަޅި ޖަހާނުލައި އައިލީންގެ މޫނަށް ބަލަން ހުރެވުނެވެ. ކަޅުކަންގަދަ އެސްފިޔަތަކުން ހިޔަނި އެޅިފައިވާ އައިލީންގެ ބޮޑު ދެލޮލާއި ތުނި ތުންފަތަށް ނަޒަރު ހުއްޓައިލެވުމާއެކު ނަދާލްއަށް ހިންދިރުވައިލެވުނެވެ. އިސްޖަހައިލަން އުޅުނު ވަގުތު އެއްލި ކަޅިއަކުން ފެނުނު މަންޒަރުން މުޅި މީހާ ހުއްޓުމަކަށް އައެވެ. އިސްތަށިގަނޑުގައި ޖަހާލެވިފައިވާ ހުޅީގެ ސަބަބުން ހާމަވެފައިވާ އައިލިންގެ އޮމާން ކަނދުރާގައި ހުރި ފާހަގައަކީ ހަމަ ގައިމުވެސް ތަނަކުން ވެއްޓިގެން ނުވަތަ އިސްތިރިއަކުން ފިހިގެން ލާފައިވާ ފާހަގައެއް ނޫންކަން ޔަގީނެވެ.

"ކޮބާތަ ނަދާލްގެ މައްސަލައަކީ؟ ކުއްލިއަކަށް ކިހިނެއްތަ ވެގެން ތި އުޅެނީ؟ ތިން-ހަތަރުމަސް ވަންދެން އަހަރެންނާ އަނގައިން ނުބުނެ އުޅެފަ ކުއްލިއަކަށް ކީއްވެތަ އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ތި އުޅެނީ" ނަދާލްގެ ތޫނު ނަޒަރުން އުނދަގޫވެފައި ހުރި އައިލީން ދަތްކުނޑި ވިކައިލަމުން މަޑުމަޑުން ވާހަކަދެއްކި އެވެ. ނަދާލްއަށް ލިބުނީ ސިހުމެކެވެ. އޭނާ ކަރުކެހިލުމަށްފަހު ވާހަކަދެއްކީ ކިރިޔާ އައިލީންއަށް އިވޭނެހާ މަޑުންނެވެ. "އެޚެމް. އަހަރެން އެއްވެސް އިރަކު އައިލީންއާ ދުރުގަ ހުރީ އަހަރެން ބޭނުންވާތީކީއެއް ނޫނޭ.. އައިލީން ބުނީމަ.. އަހަރެން އައިލީންގެ ނިންމުމަށް އިޙްތިރާމުކުރަން ބޭނުންވީ"

"ދެން މިހާރު ކިހިނެއްވީ؟ އަހަރެން އަދިވެސް މި ބުނަނީ ދޯ ދުރުގަ ހުންނާށޭ" އައިލީން ކުރަމުންދިޔަ މަސައްކަތް ހުއްޓުމެއްނެތެވެ. އިސްއުފުލައި ނަދާލްއަށް ބަލައިލުމުގެ ހިޔާލުވެސް އޭނާގެ ނެތް ކަހަލަ އެވެ.

"ކާންޓް" ނަދާލް ދެކޮނޑު އަރުވައިލަމުން ބުންޏެވެ. "އައި ހޭވް ފެއިލްޑް ލޫނާ"

"ޕްލީޒް ޑޯންޓް. އަހަރެންނަށް ބުނެވުނު ދޯ ތިނަމުން ނުގޮވާށޭ. އެހެންނޫނަސް އޭރު ދުރުގަ ހުރެވުނު ގޮތަކަށް މިހާރުވެސް ހުރެވޭނެ. ނަދާލް ހެޔޮނުވާނެ އަހަރެން މިއީ ނަދާލްގެ ފަހަރިއެއްގެ މަގާމުގަ ހުރި މީހެކޭ" އައިލީން ބުންޏެވެ.

"ބަޓް ޔޫ އަރ ނޮޓް.. ލަކީ ފޯ މީ އައި ޑޯންޓް ހޭވް އެނީ ބްރަދަރސް" ނަދާލް ބުންޏެވެ. "އެކަމަކު އައިލީން ތި ބުނަން އުޅޭ އެއްޗެއް އަހަރެންނަށް ވިސްނޭ.. އެނގޭ އަހަރުމެންގެ ހިސްޓްރީއަށް ބަލާފަ މި ކުރެވެނީ މާ ރަނގަޅުކަމެއް ނޫންކަން.. އެކަމަކު.. ވާހަކައެއް ދައްކަންވެގެން މިވަރަކުން މި އާދެވެނީ.. ނޫނިއްޔާ އަހަރެން އަދިވެސް ހުންނާނީ އައިލީންއާ ދުރުގަ. އައިލީން ބެހެއްޓި ހިސާބެއްގަ" ނަދާލް ބުންޏެވެ. އައިލީން އިސްޖަހައިލައިގެން ހުރެ އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައީ ނަދާލް އެ ނުދެއްކިގެން އުޅޭ ވާހަކައެއް ދެއްކުމަށް ފުރުސަތު ދެމުންނެވެ.

"ނޭނގެ ކީއްވެ ކަމެއް.. އެކަމަކު އަހަރެންގެ ހިތް ބުނަނީ ލޫނާއަށް ކޮންމެވެސް ކަމެއް އެބަ ވެއޭ. ސަމްތިންގް.. ސަމްތިންގް އަބައުޓް ޔޯ ސްކާރޒް އިޒް އީޓިންގް މީ އަލައިވް. އައި ނީޑް ޓު ނޯ ދަ ޓްރުތް ލޫނާ އައި ކާންޓް ހެލްޕް އިޓް" ނަދާލް ކުޑަކޮށް ވިސްނައިލުމަށްފަހު އޭނާގެ އަސްލު މައުޟޫއު ފަށައިގަތެވެ. އެ ވާހަކައިގެ މިސްރާބުހުރި ދިމާ ރޭކައިލުމާއެކު އައިލީންގެ މުޅި ގަޔަށް ފާޑެއްގެ ފިންޏެއް އަރައިގެންގޮސް ގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. "ކިހާ ދުވަހެއް ވަންދެން ތިގޮތަށް ފިލޭނީ؟ ހަފްތާއެއް ވަންދެން ގެއް-"

"މަންމާ ކޮބާތަ އެއްކަލަ ބައްޕަ ގެންގުޅޭ-" އެވަގުތު ސިޑިން އަރައިގެން އައި މައިޝާންގެ އަޑަށް ނަދާލްގެ އަޑު މެދުކެނޑުނު އިރު އައިލީން ދޮވެދޮވެހުރި ތަށި އަތުން ދޫވެގެންގޮސް ބާރު އަޑަކާއެކު ސިންކުގެ ތެރެއަށް ވެއްޓުނެވެ. ނަދާލްއަށް ނޭނގުނު ކަމުގައިވިޔަސް އައިލީންގެ އެތެރެހަށި ބިރުން ރޫރޫ އަޅައިގަތެވެ. ނަދާލްއާއެކު އެތަނުގައި އެކަހެރިކޮށް ހުއްޓައި ފެނިއްޖެނަމަ މައިޝާން އޭނާއަށް އަދަބުދޭނީ ކިހިނެއް ކަމެއްވެސް ނޭނގެ އެވެ. ލިބުނު ހާސްކަމުގެ ސަބަބުން އަތުގައި އުފެދުނު ތުރުތުރު ފޮރުވައިލުމަށްޓަކައި އައިލީންއަށް ސިންކުގެ އެއްފަރާތުގައި ހިފަހައްޓައިލެވުނެވެ. ނަމަވެސް އައިލީންއަށް ނޭނގުނީ އޭނާގެ ކޮންމެ ހަރަކާތަކަށް ފުރިހަމަ ސަމާލުކަން ދެމުންދިޔަ ނަދާލްގެ ލޮލަށް އެ މަންޒަރު ސިއްރު ނުކުރެވުނު ކަމެވެ.

"ލޫނާ؟" ތުރުތުރުލަމުންދިޔަ އައިލީންގެ އަތުގައި ހިފަހައްޓައިލަމުން ނަދާލް ބުމަ ގޮށްޖަހައިލި އެވެ. އެއާއެކު އައިލީން އިހުނަށްވުރެވެސް ބޮޑުވެފައިވާ ދެލޮލުން ނަދާލްއަށް ބަލައިލުމަށްފަހު ނަދާލްގެ އަތް ދުރަށް ފޮޅައިލި އެވެ. އަދި ފެން އިސްކުރު ބާރުކޮށްލުމަށްފަހު އެތަނުން ދުރަށް ދުއްވައިގަތެވެ.

ނަދާލްއަށް އެއްފަހަރު އައިލީންއަށް އަނެއްފަހަރު މައިޝާންއަށް ބަލައިލެވުނުއިރު އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކު ޔަގީން ކުރެވިއްޖެ އެވެ. އެއާއެކު އޭނާގެ ކަތުރު ކަށިގަނޑަށް ބާރުވެ ޖީބުގައިވާ ދެ އަތް މުށްކަވައިލެވުނެވެ. މައިޝާންވެސް ނަދާލްއަށް ފިނި ނަޒަރެއް ހަދިޔާކޮށްލުމަށްފަހު އެތަނުން ދުރަށް ފިޔަވަޅެއް އަޅައިލި އެވެ.

"ކިހާ ދުވަހެއް ވަންދެން މައިޝާން ތި ކުޅިގަނޑު ކުޅޭނީ؟" ނަދާލް ލަސް ފިޔަވަޅުތަކެއްގައި ގޮސް މައިޝާންގެ ކުރިމައްޗަށް ހުއްޓުނެވެ.

"އެކްސްކިޔުޒް މީ؟" މައިޝާން ދެލޯ ހަނިކޮށްލަމުން ނަދާލްއަށް ބަލައިލި އެވެ.

"މައިޝާން ހަނދާންކުރާތި! މައިޝާން އައިލީންއާ ކައިވެނިކުރުމަކީ ވަކި ކަމެއް.. އެކަމާ އަހަރެން އަޅާނުލާ ހުރެފާނަން. އެކަމަކު މައިޝާންގެ ފަރާތުން އައިލީންއަށް އަނިޔާތަކެއް ލިބޭތަން ބަލާކަށް އަހަރެން މަޑަކުން ނުހުންނާނަން" ނަދާލްވެސް އިންޒާރުގެ ރާގެއްގައި ބުންޏެވެ.

"ހެހެ. ހަޖަމު ނުވިޔަސް ތިވަރުގެ ތުހުމަތެއް ކުރާކަށް ނުވާނެ ދޯ." މައިޝާންގެ މޫނުމަތިން ހަމަޖެހޭކަމުގެ އަސަރުދެއްކި ނަމަވެސް އޭނާގެ އެތެރެހަށި ދިޔައީ އައިސްފައިވާ ރުޅީން އަނދަމުންނެވެ. އައިލީން ހުރިހާ ވާހަކައެއް ނަދާލްއަށް ކިޔައިދިނީ ކަމުގައި ހީކުރެވުނެވެ.

"ތުހުމަތެކޭ؟ މައިޝާންއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މި ދައްކާ ވާހަކަ. މައްސަލައެއް ނެތް. ކުރީގެ ވާހަކަ ބާއްވަމާ.. އެކަމަކު މިއަދު އައިލީންގެ ކަރުގަ ހުރި އަތްތިލައިގެ ފާހަގައޯ؟ އެކަމާމެދު ބުނާނީ ކީކޭ؟" ނަދާލް އެ ސުވާލު ކުރީ ކިތަންމެ ސީރިއަސްވެފައި ނަމަވެސް މައިޝާން ފެށީ ހޭށެވެ.

"ހައްހައްހައް. ހައްހައް.. ކަރުގަ ހުރި ފާހަގަ އޯ.. ހަހަހަ ޔޫ ކާންޓް ބީ ސީރިއަސް މޭން." ހެމުން ހެމުންގޮސް ފެންކަޅިވި ދެލޯ ފޮހެލުމަށްފަހު މައިޝާން ބުންޏެވެ. "ނަދާލްއަށް މިއީ އާ މައުލޫމާތަކަށް ވެދާނެ އެކަމަކު.. ލެޓް މީ ޓެލް ޔޫ ބްރޯ.. ޔޫ ނޯ ހައު ސަމްޓައިމްސް.. ތިންގްސް ގެޓް ވައިލްޑް ބިޓްވީން ކަޕްލްސް އެންޑް.. ދެން ގެޓު ވޭ ދޯ އެބަ މި ބުނަން އުޅޭ އެއްޗެއް" މައިޝާން އެ ދިން ޖަވާބަކީ މީގެ ދުވަސްކޮޅެއް ކުރިން މައިރާވެސް އޭނާއަށް ދިން ކަހަލަ ޖަވާބެކެވެ. ނަމަވެސް އެ ވާހަކަތައް އެގޮތަށް ގަބޫލުކުރަން އޭނާގެ ހަވަނަ ހިއްސު ހަމަ ދެކޮޅު ހަދަނީ އެވެ.

"ބްރޯ.. މަށަށް ހީވަނީ އިޒްކާ ކިޔަވަން ދިޔައިމަ މިހާރު އަނެއްކާ ލީން ފެނިގެން މޮޔަ ބޮލަށް އަރައިގެންހެން ތި އުޅެނީ.. ރަނގަޅު ވާހަކައެއް ބުނަން؟ އަހަރުމެން ދުރުކުރަން ފާޑުފާޑުގެ ވާހަކަ ފަތުރާނެ ކަމެއް ނެތް. ލީންއާ ދުރުގަ ހުންނާނީ! މިހާރު އެއީ މަގޭ އަންހެނުން" މައިޝާން އެކުވެރި ގޮތަކަށް އައިސް ނަދާލްގެ ކޮނޑަށް އަތް ވައްޓައިލި އެވެ.

"އޯހް ރިއަލީ؟ މައިޝާންގެ އަންހެނުންނަށް އެނގޭތަ މައިޝާން އޭނައަށް ބޭވަފާތެރިވާކަން. އައިމް ޓޯކިން އަބައުޓް ކިޔާރާ.. ޓެލް މީ.. އައިލީންއަށް އެނގޭތަ މައިޝާން އަދިވެސް ކިޔާރާގާތަށް ދާ ކަން؟ އައިލީން ބައިންދަމާ.. މައިޝާންގެ ބައްޕަމެންނަށް އެނގޭތަ؟ ނޯ؟ ތި ދެމީހުން ދުރުކުރަން އަހަރެންނަށް ދެއްކޭނެ ވާހަކަ ނެތިގެން ނޫނޭ މި ހުންނަނީ.." ނަދާލް ނުރުހުންވެފައިހުރެ އޭނާގެ ކޮނޑުމަތިން މައިޝާންގެ އަތް ދުރުކޮށްލި އެވެ. އަދި މައިޝާންއަށް ރައްދުބަހެއް ފުރުސަތު ނުދީ އެތަނުން ހިނގައިގަތެވެ.

________

ހާސްވެފައިހުރެ ކޮޓަރީގެ ދެކޮޅަށް ކުރުކާލި ކަނޑަމުންދިޔަ އައިލީންއަށް އިރުއިރުކޮޅާ ދޮރާ ދިމާލަށް ބަލައިލެވެނީ އެ ދޮރުން މައިޝާން ވަންނަން މާ ގިނައިރެއް ނެތްކަން ޔަގީންވާ ފަދައަކުންނެވެ. ހަދާނެގޮތް ހުސްވެފައިހުރެ ދެއަތުގެ ނިޔަފަތިތައް ހަފަމުންދިޔައިރު އޭސީގެ ފިނީގައިވެސް އެ މޫނުމަތިން ލޮނުދާ ހިއްލަމުންދިޔަ އެވެ. އެންމެފަހުން އައިލީން އެ ވަގުތަކަށްޓަކައި ބިރުގަންނަމުން އައި ވަގުތު އައިސް ޖެހުނެވެ. ކޮޓަރީގެ ތެރެއަށް ފިޔަވަޅެއް އަޅައިލި މައިޝާން ފެނުމާއެކު އައިލީންއަށް ޖެހިލުންވެފައިހުރެ ހިންދިރުވައިލެވުނެވެ.

"މައިޝާން.. މައިޝާން ޕްލީޒް.. އައިމް ސޮރީ.. އަހަރެން އެއްވެސް ކަމެއް ނުކުރަމޭ މައިޝާން.. އަހަރެން އެއްވެސް ވާހަކައެއް ނުދައްކަން. އަހަރެން ދުރަށްގޮސް ހުއްޓާ އޭނަ އަމިއްލައަށް އައީ އޭ އެތަނަށް. އަހަރެން ބުނިހާވެސް އެއްޗަކީ އެތަނުން ދާށޭ.. އެއްވެސް ކަމެއް ނުކުރަން.. ވާހަކައެއްވެސް ނުދައްކަން.. އެކަމަކުވެސް ސޮރީ މައިޝާން ޕްލީޒް.. ހެޔޮނުވާނެ." މައިޝާން ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އައިލީން ދިޔައީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ. އެންމެފަހުން އޭނާގޮސް ފާރުގައިޖެހި މަތަވި އެވެ. އިތުރަށް ފަހަތަށް ދެވެން ނެތުމުން އައިލީންއަށް ހުރި ދިމާލުން ތިރީގައި އިށީނދެވުނެވެ.

"ތި ބުނަނީ އައިލީން ހަމަ އެއްވެސް އިޝާރާތެއް ނުދީ ހުއްޓާ އޭނަ އައީ އޭ ތަ؟" އައިލީންގާތު ކުޑަކަކޫ ޖަހައިލަމުން މައިޝާން ސުވާލުކޮށްލި އެވެ. އެއާއެކު އައިލީން އަވަސްއަވަހަށް ބޯ ޖަހައިލި އެވެ. "ނެޑްއަކީ މީހެއްގެ އަނތްބެއްގެ ފަހަތުން އުޅޭނެހާ ގޮތްކުޑަ މީހެއްނޫން.. އައިލީންގެ ފަހަތުން އުޅެންވީ ކީއްވެ؟ ތިއީ ދެން ހަމަ އެހާވެސް ރީތި މީހަކީތަ؟" މައިޝާން މަލާމާތުގެ ރާގެއްގައި އަހައިލި އެވެ.

"ނޮ.. ނޯ.. އަހަރެން.. އަހަރެންނަކަށް ނޭނގެ ކީއްވެ ކަމެއް އެނގޭހާވެސް އެއްޗަކީ އަހަރެން އެއްވެސްކަމެއް ނުކު-"

"ޓެލް މީ.." އައިލީންގެ ވާހަކަ އަޑުއެހުމުގެ ޝައުގެއް މައިޝާންގެ ނެތެވެ. އޭނާގެ ޖީބުންނެގި ސައިކަލުގެ ތަޅުދަނޑި މުށުތެރޭގައި ހިފަހައްޓައިލަމުން އައިލީންއަށް ބަލައިލި އެވެ. "އައިލީންގެ ކޮން ސިފައެއް މާ ކަމުގޮސްގެންތަ ނަދާލްއަށް ދުރުގަ ނުހުރެވިގެން އެ އުޅެނީ؟ އިޒް އިޓް ޔޯ" މައިޝާންގެ ތަޅުދަނޑި ސީދާކޮށްލީ އައިލީންގެ މެޔާ ދިމާލަށެވެ. "އޯ އިޒް އިޒް އިޓް ޔޯ ލިޕްސް؟" މިފަހަރު މައިޝާންގެ ތަޅުދަނޑި އަމާޒުކޮށްލީ އައިލީންގެ ތުންފަތާ އެވެ. "ނޫނިއްޔާ މައްސަލައަކީ މި ދެލޯ ބާ؟" މައިޝާންގެ އަތުގައި އޮތް ތަޅުދަނޑި ދެންމެދެންމެ ލޮލަށް ހެރިދާނެހެން ހީވާންފެށުމާއެކު އައިލީންއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އޭރު އޭނާގެ ހިތް ހީވީ މޭފަޅާފައި ބޭރަށް ނުކުމެދާނެ ހެނެވެ.

"ނޯ.. ނޮޓް އިވަން ދަ އައިޒް" އައިލީންގެ ދެލޯ ހުޅުވައިލީ އެ ތަޅުދަނޑި އޭނާގެ ލޮލާ ދުރުކޮށްލިކަން ޔަގީންވުމުންނެވެ. "އައިލީން އެހެން ކުދިންނާ ތަފާތުކޮށްދޭ.. އެންމެ ހާއްސަ ސިފަ އަހަރެންނަށް އެނގިއްޖެ" މައިޝާން ފަރިތަކަމާއެކު އައިލީންގެ ހުޅީގައި ޖަހާފައިވާ ދަތި ނައްޓައިލަމުން އައިލީންގެ އިސްތަށިގަނޑު މިނިވަންކޮށްލި އެވެ. "އިޓްސް ޔޯ ބިއުޓިފުލް ކާރލްސް އިޒިންޓް އިޓް؟ ދޭ ސްޓޭންޑް އައުޓް އަ ބިޓް ޓޫ ވެލް.. ޑޯންޓް ޔޫ ތިންކް؟" މައިޝާންގެ ދެލޯ ހަނިކޮށްލަމުން އައިލީންގެ އިސްތަށިގަނޑުގައި ފިރުމައިލި އެވެ.

"މައިޝާން-"

"ޝްޝްޝް.. އިޓްސް އޯކޭ ވައިފީ.. ވީ ކޭން ގެޓް ރިޑް އޮފް އިޓް" އައިލީން ރޯން ފެށުމާއެކު މައިޝާން ހުއްޓައިލާށޭ ބުނާ ފަދައިން އައިލީންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލި އެވެ. އަދި އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އައިލީންގެ އިސްތަށިގަނޑުގައި ހިފައި ކުއްލިއެއް ޖަހަމުން އިންތަނުން ތެދުކުރުވުމަށްފަހު، އިސްތަށިގަނޑުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ރީތިވާ މޭޒު ދޮށުގައި އައިލީން ބޭންދި އެވެ.

"މައި- މައިޝާން ކީއްކުރަން ތި އުޅެނީ؟" އައިލީންގެ އިސްތަށިގަނޑު އެއް އަތަށް ބޮނޑިކޮށްލައިގެން ހުރެ މައިޝާންގެ އަނެއްއަތުން މޭޒުގެ ވަތްގަނޑެއް ހުޅުވައިލުމަށްފަހު ކަތުރެއް ނެގިތަން ފެނި އައިލީންގެ ދެލޯ ބޮޑުކޮށްލެވުނެވެ.

"ގިވިން ޔޫ އަ ހެއަރކަޓް!" މައިޝާން ހެވިފައިހުރެ ލޯގަނޑުން ފެންނަމުންދިޔަ އައިލީންގެ ސޫރައަށް ބަލައިލި އެވެ. އައިލީންއަށް މައިޝާންގެ އަތްދަށުން ސަލާމަތްވުމަށް ތެޅި ގަނެވުނެވެ. ނަމަވެސް އެކަމުން އޭނާއަށް އިތުރު އަނިޔާއެއް ނޫނީ ނުލިބުނެވެ.

"މައިޝާން.. ނޯ ޕްލީޒް.. މައިޝާން ބޭނުމިއްޔާ އަހަރެން ބުރުގާވެސް އަޅާފާނަމޭ.. މައިޝާން ހެޔޮނުވާނެ.. ﷲ އަށްޓަކާ މިބުނީ.. މައިޝާން" އައިލީން ރޮއެރޮއެ އޮއްވައި މައިޝާން އެއްވެސް ރަހުމެއްނެތި އައިލީންގެ އިސްތަށިގަނޑު އެގޮތް މިގޮތަށް ކޮށަންފެށި އެވެ. ކުރިމަތީގައިހުރި ލޯގަނޑުން އެ މަންޒަރު ބަލަން ކެތްނުވެގެން އައިލީން ދެލޯ މަރައިލި އެވެ. މައިޝާން ހިތްހަމަޖެހޭވަރަށް އައިލީންގެ އިސްތަށިގަނޑު "ހަލާކު" ކޮށްލެވުމުން މޭޒުމަތީގައި ކަތުރު ބޭއްވުމަށްފަހު އައިލީންގެ ކަންފަތް ކައިރިއަށް ގުދުވެލި އެވެ. "ނޯ މޯ އަންވޯންޓަޑް އެޓެންޝަން.. ވައިފީ" އޭނާ ބުންޏެވެ.

އާދައިގެ މަތިން އައިލީން ދެލޯ ހުޅުވައިލީ މައިޝާން ކޮޓަރިން ނުކުތްކަން ޔަގީން ކުރެވުމުންނެވެ. ލޯގަނޑުން އަމިއްލަ ސިފަ ފެނުނު ހިނދު އައިލީންއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ކުރިން އުނަގަނޑާ ހިސާބަށް ދިގުކޮށް އޮތް އޭނާގެ އިސްތަށިގަނޑު މިހާރު ހުރީ ކޮނޑާ ހަމައަށް ކުރުކޮށް ކޮށައިލެވިފަ އެވެ. ބައެއް އިސްތަށިތައް ހުރީ ކޮނޑަށްވުރެވެސް މައްޗަށެވެ. ލިބުނު ސިހުމުން ގަބުއަރާފައި އިނދެވުނު އައިލީންގެ ލޮލަށް ކަރުނަ ޖަމާވީ ބޭއިޙްތިޔާރުގަ އެވެ. އޭނާގެ އެތަށް ހަނދާނަކާ ގުޅިފައިވާ އިސްތަށިގަނޑެކެވެ.

--- --- ---

"މާމާ. ލީން ބޭނުން މި ބޯ ފަންކުރަން. ހާދަ އުނދަގުލޭ. ސްކޫލަށްވެސް ކޮންމެ ދުވަހަކު ގަޑި ޖެހެނީ މި ބުޅި ބޮލަކާ ހެދި" އުމުރުން ސާދަ އަހަރުގެ އައިލީން ސްކޫލުން އައި ގޮތަށް ޔުނީފޯމުވެސް ބަދަލުކުރުމެއްނެތި އާޒިމާގާތު ޝަކުވާކުރަން ފެށްޓެވެ.

"އަހަހަ. އާދެބަލަ" އައިލީން ގެނެސް ކައިރީގައި ބޭންދުމަށްފަހު އާޒިމާ ލޯތްބާއެކު އައިލީންގެ ބޮލުގައިވާ ގެތުން ނިއުޅައިދޭން ފެށި އެވެ. "ނިކަން ބަލާލަބަލަ.. ގައިމު މި އިސްތަށިގަނޑު ދަރިފުޅާ ނުލާހިކު ގުޅެއެއްނު. ލޯބި ލޯބި ކުޑަ ކުޑަ މޫނުކޮޅެއް މި އިންނަނީ.. ދަރިފުޅާ.. މާތް ރަސްކަލާނގެ ކޮންމެ އިންސާނަކަށްވެސް ދެއްވާފަ ހުންނާނީ އެމީހަކާ އެންމެ ގުޅޭ ސިފަތައް. އެހެންނޫނަސް މާމައަށް ލީންގެ އެންމެ ހާއްސަ ސިފައަކީ މި އިސްތަށިގަނޑު"

"އެއީ ކީއްވެ؟" އައިލީން ސުވާލުކުރި އެވެ.

"މާމަގެ ދެ ދަރީން ކީއްކުރަން މާމަދަރިއަކަށްވެސް މާމަގެ ބުޅި އިސްތަށިގަނޑު ވާރުތަ ނުކުރި. ދަރިފުޅު ފިޔަވާ. ލީން ތިއީ ހަމަ މާމައަށް ދެއްވި ރަޙުމަތެއް. މާމަގެ އެންމެ ހާއްސަ ދަރިފުޅު. އެހެންވީމަ ލީންގެ މި އިސްތަށިގަނޑު ހަލާކުކޮށްލާ ދުވަހަކުން މާމަ ބަލާނީ ލީން މާމަދެކެ ލޯބި ނުވަނީކަމަށް" އާޒިމާ ދެރަވެލާފައި ބުންޏެވެ.

"ދެން ނޫން މާމާ.. ލީން މިހާރު ވަރަށް ހެޕީވެއްޖެ. އިންޝާﷲ ދުވަހަކުވެސް މި އިސްތަށިގަނޑު ހަލާކެއް ނުކޮށްލާނަން. އަބަދުވެސް ބާއްވާނީ މާމަގެ ހަނދާނެއް ގޮތުގަ. އައި ލަވް ޔޫ ސޯ މަޗް މާމާ" އައިލީން ނިކަން އުފާވެލާފައި އާޒިމާގެ ގައިގައި ބައްދައިލި އެވެ.

--- --- ---

އައިލީން މޭޒުގައި ބޯ އަޅައިލަމުން އޭނާގެ ކަރުނަތައް މިނިވަންވާން ދޫކޮށްލި އެވެ.

***********

"ވަރަށް ރީތި! ކުލައެއް ޖައްސާލަން ބޭނުންތަ؟" ލޯގަނޑުން ފެންނަމުންދިޔަ އައިލީންގެ ސޫރައަށް ސްޓައިލިސްޓު ބަލައިލީ އޭނާގެ މަސައްކަތާމެދު ހިތްހަމަ ޖެހިފައިވާ ފަދައަކުން ނެވެ. އައިލީންއަށް އެ ލޯގަނޑުން ފެންނަމުންދިޔައީ މުޅީން ބީރައްޓެއްސެކެވެ. އޭނާގެ ހިތް ރޮމުންދިޔައީ އިންތިހާއަށެވެ. ނަމަވެސް އެ ކުއްޖާގެ އުފާވެރިކަމަށް ވިސްނައިލަމުން އޭނާވެސް ހިނިތުންވެލި އެވެ. "އޯކޭތަ ފޮޓޮއެއް ނަގާލިޔަސް؟" އެކުއްޖާ އެދުނެވެ. އައިލީން ބޯޖަހައިލަމުން އެއްބަސްވި އެވެ.

"ދެން ފަހަރަކުން އަމިއްލައަށް ނުކޮށާ ސެލޫނަކަށް ދައްޗޭ އެނގޭ. އަސްލު ފަން ކޮށްލަންޏާ ގިނަ ތަންތަނުން ފްރީކޮށްވެސް ބޯ ކޮށާލަދޭނެ. ތަނަކަށް ދިޔައިމަ އަމިއްލައަށް ކޮށަން އުޅެގެން މިގޮތަށް ލިބޭ އަނިޔާވެސް ނުލިބޭނެ އެއްނު" އެކުއްޖާ އަތް ޖައްސައިލީ މައިޝާން ކަތުރުޖެއްސި ބައެއް ތަންތަނުން އައިލީންގެ ކަރުގައި އެޅިފައިވާ ފާހަގަތަކުގަ އެވެ.

ސެލޫން ނިންމައިލުމަށްފަހު ޓެކްސީގައި ގެއަށްދިޔަ މަގުމަތީ އައިލީން ފޯނުގެ ކެމެރާ ހުޅުވައިލުމަށްފަހު އަމިއްލަ ފޮޓޮއެއް ނެގޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް އަމިއްލަ ސޫރަ ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ފޯނު ތިރިކޮށްލެވުނީ އެވެ. އެންމެފަހުން ހިތްވަރު ކޮށްލާފައި އޭނާއަށް އެ ކަންތައް ކޮށްލެވޭވަރު ވީ ގެއާ ކައިރިއަށް އާދެވިފައި ވަނިކޮށެވެ. ފޮޓޮއަށް ބަލަހައްޓައިގެންހުރެ ލިފްޓާ ދިމާލަށް ހިނގަމުންދިޔަ އައިލީން ކުއްލިއަކަށް އެދިމާލަށް ހިނގާފައި އައި މީހަކާ މުޑިއެރި އެވެ.

"އޯހް ސޮރީ" އައިލީން އަވަސް އަވަހަށް ފޯނުން އިސް އުފުލައިލި އެވެ. ކުރިމަތީގައިހުރި ނަދާލްގެ ސޫރަ ފެނުމާއެކު އައިލީންގެ އަތްފައި ފިނިވި އެވެ. މައިޝާންގެ ހިލަމެއް ވޭތޯ ވަށައިގެން ހޯދައިލެވުނެވެ.

"ވަޓް ދަ-" ނަދާލްގެ މޫނު ވަނީ ހުދުވެފައެވެ. ބިރެއް ފެނުނު ފަދައިންނެވެ. އަވަސްއަވަހަށް ދެތިންފަހަރަކު އެސްފިޔަ ޖަހައިލެވުނީ އޭނާއަށް ފެންނަމުން މި ދަނީ ބިލާހަކަށް ވެދާނެކަމުގެ އުއްމީދުގަ އެވެ. އާނއެކެވެ. ކޮނޑަށްވުރެން އިންޗިއެއްހާތަން ދިގުކޮށް އޮތް އައިލީންގެ 'ފަން އިސްތަށިގަނޑު' ފެނި ނޭނގި ނަމަވެސް އޭނާގެ ހިތުގެ ކަނެއްގައި ރިހުމެއް އުފެދުނެވެ. މީހެއްގެ ސިފައަށް ގެންނަ ބަދަލަކާހުރެ އޭނާގެ ހިތަށް އެއްޗެކޭ އަރައިފާނެކަމަށް ނަދާލްގެ ދުވަހަކުވެސް ހިއެއް ނުކުރެ އެވެ. ނަމަވެސް މިއަދު މި އޮތީ އެ ދުވަހާވެސް ބައްދަލުކުރަން ޖެހިފައިތާ އެވެ. އައިލީންގެ އިސްތަށިގަނޑަށް އައިސްފައިވާ ބަދަލުން ނަދާލްއަށް އަސަރުކުރީ ހީވެސް ނުކުރެވޭހާ ބޮޑަށެވެ. އެ އިސްތަށިގަނޑަކީ އޭނާއަށް އައިލީންގެ އެންމެ ހާއްސަ އަދި އެންމެ ރީތި އެއް ސިފަ އެވެ. ދުލާ ހަމައަށް ގެންނަން ނުކުޅެދުނު އެތައްހާސް ޝަކުވާއެއް ނަދާލްގެ ހިތުގައި ގިނަވެގަތެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ބޭނުން ނުވެފައި އައިލީން ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ.

**********

ޔުނިވަރސިޓީގެ ކެމްޕަހާ ކައިރި ޕްލާޒާއެއްގައި މައިރާއާއި އޭނާގެ އެކުވެރިން މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު އެމީހުންގެ ތެރޭގައި ދެކެވެމުންދިޔައީ ހަޔާތުގެ ކުރިއަށް އޮތް ސަފްހާތައް ލިޔަން ގަސްތުކޮށްފައިވާ ގޮތުގެ ވާހަކަތަކެވެ.

"މި ވިސްނަނީ ބްރޭކެއް ނަގާފަ ޖޮބަކަށް ދާން. ފުރަތަމަ ދާނީ ބާލީއަށް. މައި ޖޮއިން ކޮށްލަން ވީނު" މައިރާގެ ރަހުމަތްތެރިއަކު އަހައިލި އެވެ.

"ނޫނޭ.. ދެން އަސްލު މައި ދާން ބޭނުމީ ނޭޕާލަށް. އެތާނގެ މައުންޓެއިންސްތައް ކެޕްޗަރކޮށްލަން" މައިރާ ރައްދުގައި ބުންޏެވެ.

"ކޮން އިރަކުންތަ ދާން ތި ވިސްނަނީ؟ އަހަރުމެން މި އުޅެނީ އަންނަ މަހު ކައިވެނިކުރަން ނިންމައިގެން. ވެޑިންގެ ފަހުން ދަންޏާ ޖޮއިން ކޮށްލެވިދާނެ. ދޯ" މައިރާގެ އިތުރު ރަހްމަތްތެރިއަކު އެތަނުގައި އިން ފިރިހެންކުއްޖެއްގެ އަތުގައި ހިފައިލަމުން ބުންޏެވެ. ބަދަލުގައި އެ ފިރިހެންކުއްޖާވެސް އެންމެ ރަނގަޅޭބުނެ އެ އަންހެންކުއްޖާގެ ނިތްކުރީގައި ބޮސްދިނެވެ. ގާތްގަނޑަކަށް އަށެއްކަ ކުދިން ހިމެނޭ އެ ގުރޫޕުގައި ގިނައީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިންނެވެ.

މައިރާއަށް މޫނު އަނބުރައިލެވުނީ އެމީހުންނާ ދުރަށެވެ. ފަހަރެއްގައިވެސް އޭނާގެ ރަހްމަތްތެރިންނަށްޓަކައި ހިތުގައި ހަސަދައެއް އޮވެގެނެއް ނޫނެވެ. އެމީހުންގެ އުފަލާމެދު އޭނާވެސް އުފާކުރެ އެވެ. ނަމަވެސް އެފަދަ ލޯބިވެތި މަންޒަރުތައް ފެންނަ ކޮންމެ ފަހަރަކު ޙުދު އޭނާއަށްވެސް އެފަދަ އުފަލަކަށް އެދެވެނީ އެވެ. ކޮންމެ ކޮންމެ މީހެއްގެ ފަރާތަކުން ނޫނެވެ. ހަމަ އެންމެ މީހެއްގެ ފަރާތުންނެވެ. މީގެ ކުރިން އެފަދަ މަންޒަރުތައްފެނި ހިތަށް އެއްޗެކޭ ނޭރިނަމަވެސް މިހާރު އެފަދަ މަންޒަރުތަކުން އޭނާގެ ހިތަށް ތުރާ ލިބެ އެވެ. އެ ހިތުގެ ކަނެއްގައި ވަޅުލާފައިވާ އިހުސާސްތައް ތިލަވެލަ އެވެ. އެ ސިކުނޑީގެ ކަނުގައި ރައްކާކުރެވިފައިވާ އެތައް ހަނދާންތަކަކަށް ދިރުން ލިބެ އެވެ. ކިތަންމެ ބޭނުން ނުވިޔަސް މިއަދާ ހަމައަށްވެސް އިވާންއަށްޓަކައި މައިރާގެ ހިތުގައި އުފެދިފައިވާ އިހުސާސްތަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ރަޙްމަތްތެރިންނާއެކު ހީނ ސަމާސާކޮށް އުޅުނަސް އިވާންގެ ހަނދާނަކާނުލައި އޭނާގެ އެންމެ ނޭވާއެއްވެސް ނުހިނގަ އެވެ. އެގޮތުން، ގެއަށް އައިސް ވަތްގޮތަށް މިއަދުވެސް މައިރާއަށް ކަންނެތްކަމާއެކު އެނދު މައްޗަށް ވެއްޓިގަނެވުނެވެ. ފަރާތަކަށް ހިރިލާނެހާ ހިތްވަރުވެސް އޭނާގެ ގަޔަކު ނެތެވެ. ދިރުމެއްނެތް ދެލޮލުން ސީލިންގަށް ބަލަހައްޓައިގެން އޮތުން ފިޔަވައި އެއްކަމެއްވެސް ނުކުރެވުނެވެ. އާނއެކެވެ. ހިތުގައިވާ ވޭން ބޭރުފުށުން ފޮރުވައިގެން އުޅެން ކިތަންމެ ކުޅަދާނައެއްކަމަކު އެއީ ފަސޭހަކަމެއް ނޫނެވެ. އެކަން ކާމިޔާބު ކުރެވެނީ ހަށިގަނޑުގައިވާ ހުރިހާ ހަކަތައެއް އެކަމަށްޓަކައި ހުސްކޮށްލައިގެނެވެ.

އެގޮތުގައި ބައި ގަޑިއެއްހާއިރު އޮތްފަހުން މައިރާގެ ފޯނުން އެލާރމެއްގެ އަޑު އިވެން ފެށި އެވެ. އެއާއެކު މައިރާ އެނދުން ތެދުވެގެންގޮސް ކޮޓަރީގެ ބެލްކަންޏަށް ނުކުތެވެ. އަދި އެތަނުގައިހުރި ބެންޗަށް ދެފައި އަރުވައިލަމުން އިށީނދެލި އެވެ. ރާއްޖޭގެ ރަށްތަކުން ފެންނަ އިރުއޮއްސޭ މަންޒަރާ ވާދަ ނުކުރެވުނު ނަމަވެސް އިރުއޮއްސޭ ވަގުތު އުދަރެހަށް ވެރިވާ ކުލަވަރު ސާދަވަނަ ފަންގިފިލާގައިހުރި އެ އެޕަރޓްމެންޓްގެ ބެލްކަންޏަށް ނުހަނު ސާފުކޮށް ފެނެ އެވެ. އެ މަންޒަރު ބެލުމަކީ މައިރާގެ ދުވަހީ ދިރިއުޅުމުގެ މުހިއްމު ބަޔަކަށް މިހާރު ވަނީ ވެފަ އެވެ. އިވާންއާ ވަކިވުމަށްފަހު މައިރާގެ ހަޔާތަށް އިރު އެރި ކޮންމެ ދުވަހެއްގައިވެސް އެންމެ އިންތިޒާރު ކުރެވޭ ވަގުތު ކޮޅަކީ އެދުވަހެއްގެ އިރު އޮއްސޭ ވަގުތު ކޮޅެވެ. އެއިން ކޮންމެ އިރުއޮއްސުމެއް އޭނާއަށް ހަނދާންކޮށްދެނީ އޭނާއާއި އިވާން އެކުގައި ހޭދަކުރެވުނު އުފާވެރި ވަގުތުތަކެވެ.

--- --- ---

"ފަސްޓް ޑޭ އޭޒް އަ ކަޕްލް ވީމަ އަހަރެން އުޅުނީ އެއްކޮށް ސަންސެޓް ބަލާލަން ދާންވެގެން. އެކަމަކު އިވާންއަށް ނާދެވެންޏާ އޯކޭ"

"ސަންސެޓް ދޯ. ޓްސްސް އާނ ތިއީ ވަރަށް ބިޒީ ގަޑިއެއް.. ހަވީރު ސީޕީ މިކޮޅަށް އަންނާނެ.. އެކަމަކު ވަރަށް މަސައްކަތްކުރާނަން އެނގޭ ވަގުތުކޮޅެއް ހޯދާލައިގެން އާދެވޭތޯ. ރެޑީވެގެން ހުންނައްޗޭ.. ޔެސް އެންޑް ވަން މޯރ ތިންގް..ދޯސް ކްރޭޒީ ތިންގްސް ޔޫ ޑޫ… ދަންވަރު ގަސްގަހުން ފޭރު ބިނުން.. އެކަނިމާއެކަނި މީހުން ނޫޅޭ ސަރަހައްދުތަކަށް ދިޔުން ކަހަލަ ކަންކަން. ނަން އޮފް ދެޓް އެނީމޯރ އޯކޭ؟ އަހަރެންނަށް ނާދެވުނަސް ދާ ތާކަށް ދާންވާނީ ލީން ނޫނީ ޝޯން ގޮވައިގެން.. އާރ ވީ ކްލިއަރ؟"

--- --- ---

"ވަރަށް އުފާވެއްޖެ"

"އެއީ ކީއްވެ؟"

"އަހަރެންނާ މެރީ ކުރަން މައި ހިޔާލުކުރާތީ.. ކުޑަކޮށްވިޔަސް"

--- --- ---

"ބަލާބަ ސަންސެޓް.. އިޓްސް ސޯ ބިއުޓިފުލް އިޒްންޓް އިޓް؟"

"ހްމްމް. ވަރަށް ރީތި"

--- --- ---

"ސޮރީ ލަވް" ދެ ކަކުލުގައި ނިތްކުރި ޖައްސައިލަމުން ލޯ މަރައިލިއިރު މައިރާގެ ހިތުގައިވީ ދުވަހަކުވެސް އޭނާގެ ދުލުން އިވާންއާ ދިމާލަށް ނުބުނެވޭނެ ލަފްޒުތަކެކެވެ. އެވަގުތު ނަދާލްއާ ވާހަކަދައްކައިލުމަށް އޭނާގެ ހިތަށް އެރި އެވެ. އިވާންއާމެދު ކަންތައް ކުރެވުނު ގޮތާމެދު ދެރަވާ ކޮންމެ ހިނދަކު އޭނާއަށް ކަންތައް ކުރެވުނީ ގޯސްކޮށް ނޫންކަން ބުނެދީ ހިތަށް ތަސައްލީއެއް ހޯދައިދޭ ހަމައެކަނި މީހަކީ ނަދާލް އެވެ. މައިރާ ކޮޓަރިއަށްވަދެ ފޯނު ހޯދައިލުމަށްފަހު ނަދާލްއަށް ގުޅައިލި އެވެ.

އޮރެންޖުކުލައިގެ ފަނޑު އަލިކަމެއް ފެތުރިފައިވާ ކޮޓަރީގެ ބޮޑު އެނދުގައި އިން ނަދާލްގެ ފަރުވާތެރި ނަޒަރު ހުއްޓިފައިވަނީ އުނގުގައިހުރި ލެޕްޓޮޕަށެވެ. އޭނާގެ އިނިގިލިތައް ހަލުވިކަމާއެކު ލެޕްޓޮޕުގެ ކީޕެޑް މަތީގައި ދުވެލަ ދުވެލައި ހުއްޓެވެ. ކަންފަތަށް ޖަހާފައިވާ އެއަރޕޮޑުން އިވެމުންދިޔަ އިޓާލިއަން ހިޕްހޮޕް ލަވައާ އެއްވަރަށް ބޯ ޖަހައިލަ ޖަހައިލަ އިންއިރު، އިރުއިރުކޮޅާ އެނދުގެ އަރިމަތީ ކަބަޑުމަތީގައި ބަހައްޓާފައިހުރި ކޮފީތަށިން ކޯވަރެއް ބޮއެލަ އެވެ. ކުރި މަސައްކަތް ފަހު ފަހަރަށް ބަލައިލުމަށްފަހު ލެޕްޓޮޕު ލައްޕައިލި ވަގުތު ފޯނަށް އަންނަންފެށި މައިރާގެ ކޯލު ފެނި ޖަވާބުދިނުމަށް އަވަސް ވެގަތެވެ.

"ހާއި.. ސަޕް؟" ފޯނު ނެގުމާއެކު މައިރާ އަހައިލި އެވެ.

"އަނެއްހެން މާބޮޑު ކަމެއް ނޫން.. މިއީ ސްކޫލްގެ ކަންތަކުގަ ހޯދި ޕާމިޓްސްތައް ބަލާލާފަ މެއިލްތަކަށް ރެސްޕޮންޑް ކޮށްލީ. ސަޕް ދެއަރ؟" ނަދާލް އެނދުމައްޗަށް އެއްލާފައި އޮތް ޓީޝާޓު ބޮލަށް މަހައިލަމުން ކޮފީ ޖޯޑު ހިފައިގެން ސިޓިންގްރޫމަށް ނުކުތެވެ.

"ވަރަށް ފޫހި. ބައެއްފަހަރު ހިތަށް އަރާ މާލެ ދާންވެސް" މައިރާގެ ވާހަކަ އަޑުއަހަމުންދިޔަ ނަދާލްއަށް ސިހިފައި ސީލިންގާ ދިމާލަށް ބަލައިލެވުނީ އިވުނު ބާރު އަޑު ފައްގަނޑުންނެވެ.

"ކަމޯން.. އިޓް ރިއަލީ ކާންޓް ބީ ދެޓް ވައިލްޑް"

"ނެޑް؟ ކީކޭ ތި ކިޔަނީ؟" ނަދާލްއަށް ބުނެވުނީ މައިރާގެ ވާހަކައާ ނުވެސް ގުޅޭ ޖުމުލައެއްކަން އެނގުނީ މައިރާ ގޮވައިލުމުންނެވެ.

"އަމް.. އައި މީން ޔާ.. މައި އަސްލު ތިކޮޅުގަ ހުންނާނެކަމެއް ނެތޭ. ގްރެޖުއޭޝަނަށް ފަހުން ދާނީ" ސޯފާގައި އިށީނދެލި އިރުވެސް ނަދާލްއަށް ހުރެވުނީ ފާޑަކަށެވެ.

"އެނގެޔޭ ތިކަން.. އެކަމު.. އެކަމަކުވެސް ދާހިތް ނުވަނީ. ނެޑް. އައި ކާންޓް ފޮގެޓް ހިމް. ދޮންބެގެ ވެޑިންގްއަށް އެންމެ ދުވަހަކަށް މާލެ ދިޔައިމަވެސް އަހަރެންނަށް ކުރި އަސަރު ނެޑްއަކަށް ނޭނގޭނެ. އެއްފަސްގަނޑެއްގަ.. އެހާ ކައިރީގަ.. އެކަމަކު އެހާ ދުރުގަ ހުންނަންވީމަ އެވާ އުނދަގޫ.. ނެޑްއަށްވެސް ވިސްނޭނީ މިކަހަލަ ކަމެއް ތަހައްމަލު ކުރަން ޖެހުނީމަ"

"ޓެލް މީ އަބައުޓް އިޓް" ނަދާލްގެ ތުންފަތަށް ވެރިވި ހިތި ހިނިތުންވުން ފިލައިދިޔައީ އަނެއްކާވެސް މަތީ ފަންގިފިލާއިން އަޑެއް އިވުމުންނެވެ. އިހުނަށްވުރެވެސް ބާރު އަޑެކެވެ. "މައި. އަހަރެންނަށް ހީވަނީ މައި ކޮންމެހެންވެސް އަންނަން ޖެހިއްޖެހެން. ޔޫ ނީޑް ޓު ފައިންޑް އައުޓް ވަޓްސް ގޮއިންގް އޮން ވިތް ލީން އެންޑް މައިޝާން.."

"ނެޑް އަހަރެން ބުނެ-"

"އައި ނޯ އައި ނޯ.. މައި ދެއްކި ވާހަކަ ހަނދާނުގަ އެބަ ހުއްޓޭ" މައިރާގެ ވާހަކަ މެދުކަނޑައިލަމުން ނަދާލް ބުންޏެވެ. "ބަޓް ޓްރަސްޓް މީ ދިސް އިޒް ނޮޓް ނޯމަލް! ކޮންމެވެސް ކަމެއް އެބަ ހިނ-" މިފަހަރު މަތިން އިވުނު އަޑު ފައްގަނޑާއެކު ނަދާލްއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އެއާ ގުޅިގެން އަންހެންކުއްޖެއްގެ ބާރު ރުއިމުގެ އަޑު އޭނާގެ ކަންފަތާ ހަމައަށް ފޯރި އެވެ. އައިލީންގެ އަޑެވެ. ކޮންމެ ތާކުން ކޮންމެ ސިފައެއްގައި އިވުނަސް ނަދާލްއަށް އެ އަޑު ވަކިކުރަން އެނގޭނެ އެވެ. އިސާހިތަކު ކަށްޓެއްޖެހި ފަދައިން އޭނާއަށް އިންތަނުން ތެދުވެވުނެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (1)

Share Your Thoughts
Santhi
Oct 06, 2025

Omgdfgg im sobbing 😭😭😭 girllll Heyonuwaane someone stop maishaaannnn help why am I crying over a story😭